ނުހައްޤުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް އަނބުރާ ވަޒީފާ ދިނުމުގެ މަސައްކަތް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އާ ސަރުކާރުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންކަން ހާމަކޮށްފައިވާ އެޖެންޑާގައި ބުނެފައިވަނީ ސިޔާސީ ލީޑަރުން ފުރަތަމަ ދުވަހު މިނިވަން ކުރެވޭނެ ކަމަށާއި އަނިޔާދީ، މަރާލާ، ގެއްލުވާލާ، ޖަލަށްލާ، އަރުވާލެވެން މަޖުބޫރުކުރުވާ އަދި މުދަލަށް ގެއްލުން ދެވިފައިވާ ހުރިހައި ރައްޔިތުންނަށް އިންސާފު ލިބިދިނުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
ނުހައްގުން ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމުގެ މަސައްކަތް ފެށޭނެ ކަމަށް އެ އެޖެންޑާގައި ބުނެފައިވެއެވެ. ވަޒީފާ އަދާކުރަމުން ދިޔަ ތަން ނޫން އެހެން ތަންތަނަށް ނުހައްގުން ބަދަލު ކުރެވިފައިވާ ފަރާތްތަކުގެ ވަޒީފާ ބަދަލުކުރެވުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް އެޖެންޑާގައި ވެއެވެ.
މީގެ އިތުރުން ސިޔާސީ ހައްޔަރީންނާއި ސިޔާސީ ނުވަތަ ޒާތީ ސަބަބުތަކަށްޓަކައި ހައްޔަރު ކުރެވިފައިވާ ފަރާތްތަކުގެ މައްސަލަތައް ބަލަން ފެށޭނެ ކަމަށް އެޖެންޑާގައި ބުނެފައިވެއެވެ.
ދައުލަތުގެ މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ހިންގާފައިވާ ޤާނޫނާ ޚިލާފު ޢަމަލުތަކާއި، މަޤާމުގެ ޒިންމާ ނޫފުލުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާ ހިމާޔަތް ނުލިބުމުގެ މައްސަލަތައް ބެލެންފެށޭނެ ކަމަށްވެސް އެއެޖެންޑާގައި ވަނީ ބުނެފައެވެ.
އަދި ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކިމީހަކަށް މަންފާއެއް ހޯދުމަށް، ބަދަލުކޮށް/ފާސްކޮށްފައިވާ ޤާނޫނުތައް ބަލައި މުރާޖަޢާކުރަން ފެށޭނެ ކަމަށާއި އަދުލު އިންސާފުގެ ނިޒާމު އިސްލާހުކުރުމަށް ޖޭއެސްސީ އަށާއި ފަނޑިޔާރުގެއަށް ގެންނަށް ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް 100 ދުވަހުގެ ތެރޭގައި ފެށުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
މީގެއިތުރުން ޖުވެނައިލް ޖަސްޓިސް ޤާނޫނު މަޖިލީހަށް ހުށަހެޅޭނެ ކަމަށާއި ޕޭކޮމިޝަން މެދުވެރިކޮށް ސަރުކާރު މުސާރައިގެ އޮނިގަނޑު މުރާޖަޢާކޮށް ގެންނަން ފެންނަ ބަދަލުތައް ދެނެގަނެވޭނެކަމަށްވެސް ވަނީ އެއެޖެންޑާގައި ވަނީ ބުނެފައެވެ.
ހުރިހާ މިނިވަން މުއައްސަސާ ތަކުގައި މިހާރު ކަންހިގާ ގޮތުގެ އޮޑިޓެއް ހެދި އަދި އެތަނެއް އެފިޝަންޓް ކުރަން ފެށޭނެ ކަމަށާއި މުޅި ޝަރުއީދާއިރާގެ އޯޑިޓެއް ހެދި އަދި އެތަންތަން އެފިޝަންޓް ކުރަން ފެށޭނެ ކަމަށްވެސް 100 ދުވަހުގެ ތެރޭގައި ކުރުމަށް ރާވާފައިވާ އެޖެންޑާގައި ވަނީ ހިމަނާފައެވެ.