ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމަނައިގެން، ސިއްހީ ހިދުމަތް ހޯދުމުގައި އައިޑީ ކާޑަކީ މުއްދަތު ހަމަނުވާ އެއްޗަކަށް ހެދުމަށް ނިންމައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ވަނީ ގިނަ ކަންތައްތަކެއް އެޖެންޑާ ކުރެވިފައެވެ. އޭގެ ތެރޭގައި ސްކޫލު ނިޒާމުގެ ތެރެއިން ގަވާއިދުން ކުޑަކުދިންގެ ސިއްހަތު ބެލޭނެ ނިޒާމެއް ހަމަޖެއްސުމަށް ވަނީ ހިމަނާފައެވެ.
ސިއްހަތަށް ރަނގަޅު ނޫން ބާވަތްތަކުން ދުރުވުމަށް އާންމުން ހޭލުންތެރިކުރުވުމަށް ކުރާ ހޭދަ އިތުރު ކުރުމަށް ނިންމާފައިވާއިރު ރާއްޖޭގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި އެހެނިހެން ފަރުވާތައް ފަސޭހަކަމާއެކު އެކުއްޖަކު ދިރިއުޅޭ ސަރަހައްދުތަކުން ލިބޭނެ ގޮތް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.
ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސިއްހީ ހިދުމަތް ދޭ ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިޔުގައަކުން ގުޅުވާލުމަށް ކަނޑައަޅާފައިވާއިރު ދިވެހި ބޭސްވެރިކަން އަދި އޮލްޓެނޭޓިވް މެޑިސިން ކުރިއެރުވުމާ ގުޅޭ މަހާސިންތާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިފަދަ ކަންތައްތަކަކީ ރައްޔިތުންނަށް އެކަންތަކުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަންތަކެއްކަން ކަށަވަރެވެ.