Last Updated: November 25, 11:31
Monday, November 25, 2024
ޚަބަރު

ދައުލަތުގެ ޚިޔާނާތް ބަލާނެ ކޮމެޓީއެއް އުފައްދަވަނީ

އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ދައުލަތުންވެފައިވާ ޚިޔާނާތް ބަލާނެ ކޮމެޓީއެއް އުފައްދަވާ އެމަސައްކަތް 100 ދުވަހުގެ ތެރޭގައި ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަންކަން އިއުލާން ކުރައްވާ ރައީސް އޮފީހުން ހާމަކުރައްވާފައިވާ އެޖެންޑާގައި ވަނީ ގިނަ ކަންތަކެއް ހިމަނުއްވާފައެވެ. އެކަންތައް ފެށުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހުއްސުރެ މިވަނީ މަސައްކަތް ފައްޓަވާފައެވެ.

އެގޮތުން އެ އެޖެންޑާގައި ބުނެފައިވަނީ ބިދޭސީންނަށް ކޯޓާ ދޫކުރުމާއި އެ މީހުންނާ ގުޅޭ ކަންކަމުގައި ރިޝްވަތު ނެގުން ހުއްޓުމަކަށް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅެން ފެށޭނެ ކަމަށާއި ވިސްލް ބްލޮވިންގް ޤާނޫނު ރައްޔިތުންގެ މަޖިލިހަށް ފޮނުވޭނެ ކަމަށެވެ.

ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތާއި މަނީލޯންޑަރިންގ މައްސަލަތައް ބެލުމަށް ކޮމިޓީއެއް އުފައްދާ އެކަން ހޯދާ ބަލަން ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ނުހައްގު މުއްސަނދިވުން ހުއްޓުވުމަށް ޤާނޫނެއް މަޖިލިހަށް ހުށައެޅޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކަށާއި މިނިވަން މުއައްސަސާތަކަށް އައްޔަންކުރާ ހުރިހާ މީހުންގެއާއި އެމީހުންގެ އަނބި/ފިރިންގެ މުދަލާއި މާލީ ބަޔާން ހާމަކުރެވޭނެ ގަވައިދުން ރިވިއުކުރެވޭނެ ކަމަށް ރައީސް ސޯލިހް 100 ދުވަހުގެ ތެރޭގައި ކުރައްވާ ކަންކަމުގެ ގޮތުގައި ވަނީ އިއުލާން ކޮށްފައެވެ.

އާންމުންނަށް ޚިޔާލުހުށައެޅުމާއި ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ ޕްލެޓްފޯމެއް ޤާއިމްކުރެވޭނެ ކަމަށާއި ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން ކެމްޕެއިން ފެށޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމަށް 100 ދުވަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި މިނިވަން މުއައްސަސާތައް މިނިވަން ކަމާއެކު ހިންގޭނެ ގޮތަށް ޤާނުނުތައް އިސްލާޙްކުރަން މަޖިލިހަށް ހުށަހެޅުން ހިމެނެއެވެ.

މީގެ އިތުރުން ހުރިހާ އިންތިޚާބީ އަދި އައްޔަންކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް އެންޓިކަރަޕްޝަން އަދި ގުޑްގަވަރނެންސް އާގުޅޭ ޕްރޮގްރާމެއް ހިންގުމުގެ އިތުރުން ރިޝްވަތު ހިފާ މީހާއާއި އެއްވަރަށް ރިޝްވަތުދޭ މީހާ ވެސް ކުއްވެރިވާގޮތަށް އެންޓިކޮރަޕްޝަން ޤާނޫނަށް ބަދަލު ގެނެވޭނެ ކަމަށް ވަނީ އެޖެންޑާގައި ހިމަނާފައެވެ.