ދޫނި ރާއްޖެ އަށް ދާން ބޭނުންވާނެ އެއްވެސް ދިވެހި ރައްޔިތަކު މި ރާއްޖޭގައި ނޫޅޭނެ ކަމަށާއި އެކަން އެމްޑީޕީން ގަބޫލް ކުރުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް އެމްޑީޕީ އަށް އިލްތިމާސް ކުރައްވައިފި އެވެ.
ކުރީގެ ރައީސް ނަޝީދު އަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ފާޑުވުދާޅުވެ ވާހަކަފުޅު ދައްކަވާފައި މި ވަނީ، އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން އެކުލަވާލާ މެނިފެސްޓޯ އަށް މައުލޫމާތު ހޯދުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ލީޑަރު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށުގައި ޖުމްހޫރީ ޕާޓީން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް ވިދާޅުވީ އެމްޑީޕީން ދިވެހި ރައްޔިތުން ގެންދަން މަސަތްކަތް ކުރާ އަނެއް ދިވެހި ރާއްޖެއަކީ ދޫނި ރާއްޖެ ކަމަށާއި އެ ރާއްޖޭގައި ހަމައެއް، ލަމައެއް، އިންސާފެއް، އަދި އިސްލާމް ދީންވެސް ނޯންނާ ކަމަށެވެ. އަދި ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ޤައުމު ދަރަނިވެރިކޮށްލާފައިވާ ކަމަށާ، އެކަމުގެ ސަބަބުން ވޯލްޑް ބޭންކުގެ މިންގަނޑުން ދިވެހި ޤައުމު މިހާރު ދަރަނިވެރިވެފައިވާ ކަމަށް ވެސް މަޝްހޫރް ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް ވިދާޅުވި އެވެ.
"އެ އޮތީ ނޫންތޯ މިހާރު ވެސް ޑެންމާކުގައި ދެއްކެވި ވާހަކަތައް ފެންނަން. ޔޫޓިއުބުން އެއޮތީ އަޑު އެހެން. އިސްލާމް ދީނަށް ގޮންޖަހަނީ. ﷲގެ ރަސޫލާ އަށް މަލާމަތް ކުރަނީ. ކީރިތި ޤުރުއާނަށް މަލާމަތް ކުރަނީ. މި ދިވެހި ރާއްޖެއިން ވޯޓް ލައިގެން އަނެއް ދިވެހި ރާއްޖެ އަށް ދާށޯ މި އުޅެނީ. ބަލަ އަނެއް ދިވެހިރާއްޖެ އަށް ދާންވީ ނޫންތޯ އެ ދިވެހިރާއްޖެ އަށް ވޯޓްލާން،" ގާސިމް ވިދާޅުވި އެެވެ. "އެ ދިވެހި ރާއްޖޭގައި ވެރިކަން ކުރަން އެ ދިވެހި ރާއްޖެ އަށް ގޮސްނޫންތޯ ވޯޓްލާނީ؟ ކޮންމެހެން މި ދިވެހި ރާއްޖޭގެ ވެރިކަމަށް ނިކުމެގެން އުޅޭނެ ކަމެއް ނެތެއް ނޫންތޯ؟ އަޅުގަނޑު ހައިރާން ވަނީ އަޅުގަނޑުމެން ތެރޭގައި އަދިވެސް މީނަ ދައްކާ ވާހަކަ ޤަބޫލު ކުރަން މީހުން ތިބީތީ. ބައެއް މީހުން ޤަބޫލު ކުރާ ގޮތް ދެއްކިގެން ނަމަވެސް ތިބީތީ. މިއީ އަޅުގަނޑު ހައިރާންވާ ކަމަކީ އިނގޭތޯ؟ އަޅުގަނޑު ދަންނަވަން މި އުޅެނީ ރައްޔިތުން ވިސްނާށޭ. ފިކުރު ކުރާށޭ އިނގޭތޯ؟"