Last Updated: November 24, 21:27
Sunday, November 24, 2024
ވިޔަފާރި

މުހިއްމީ އަވަހަށް ފައިސާ ލިބޭނެ ގޮތެއް: ނަޝީދު

އެމްޑީޕީގެ ސިޔާސަތަކީ ދަނޑުވެރި ކަމަށް ކުރުމަށް ވުރެ ބޮޑަށް ހައްދާ އެތިކޮޅު ވިއްކާލާފައި އަވަހަށް ފައިސާ ލިބިގެން ދާނެ ގޮތެއް ވުންކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ އެގްރިވިޔަފާރި ނުވަތަ ދަނޑުވެރި ކަމުގެ "ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ" ސިޔާސަތުގެ މިނީ މެނިފެސްޓޯ ޤައުމީ ފެންވަރުގައި އިފްތިތާޙް ކުރުމަށް އިއްޔެ ހަވީރު ހދ. ކުޅުދުއްފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ދަނޑުވެރިކަން ކުރުމަށް ވުރެ ބޮޑަށް ވިޔަފާރިއެއްގެ ގޮތުގައި ދަނޑުވެރިކަން ކުރުމުން ލިބޭ މަންފާ އާއި ފައިދާ މާ ބޮޑަށް ބޮޑުވެގެން ދާނެ ކަމަށާއި އަދި ހައްދާ އެތިކޮޅު ވިއްކާލާފައި އަވަހަށް ފައިސާ ލިބިގެން ދާނެ ގޮތެއް ވުން އެއީ މުހިއްމު ކަމެއް ކަމަށެވެ.
އަދި އެމްޑީޕީ ސަރުކާރެއްގައި ދަނޑުވެރިކަމުގެ ސިޔާސަތުގެ ދަށުން ދަނޑުވެރިން އުފައްދާ ތަކެތި ގަތުމަށްޓަކައި ކުންފުންޏެއް އުފައްދާނެ ކަމަށާއި އެކުންފުނި މެދުވެރިކޮށް ރާއްޖޭގައި ހުރިހާ ދަނޑުވެރިން އުފައްދާ ތަކެތި ގަނެ އެތަކެތި އެހެން ރަށްރަށަށާއި ރިސޯޓް ތަކަށާއި އަދި ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ގޮތަށް ރައްކާތެރިކަމާ އެކު ބެހެއްޓޭނެ ގޮތަކަށް އިންތިޒާމް ކުރެވިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީ ސަރުކާރުން އުފައްދާ ކުންފުނީގައި އެހެން ވިޔަފާރި ވެރިންނަށާއި އާއްމު ރައްޔިތުންނަށް ބައިވެރި ވެވޭނެ ފުރުޞަތު ހުޅުވައިލެވިގެން ކުރިއަށް ދާނެކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަދު ބޭއްވި އެގްރިވިޔަފާރި އިފްތިތާޙް ގައި އެމްޑީޕީގެ އިސް މެންބަރުން ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ އެގްރިވިޔަފާރީގެ ސިޔާސަތުގެ ދަށުން 1000 މީހުން ތަމްރީނު ކުރުމާއި ތަރައްޤީގެ ބޭންކުން 188 މިލިއަން ރުފިޔާގެ ލޯން އެހީ ފޯރުކޮށް ދިނުމާއި އަދި އެމްޑީޕީ އެގްރިވިޔަފާރި ސިޔާސަތުގެ ދަށުން އުފައްދާ ކޮންމެ ދަނޑެއްގައި ކަރަންޓާއި ފެނާއި މުޑުވައް އަދި ގަސްކާނާ ފަދަ ވަޞީލަތްތައް ލިބެން ހުންނާނެ ކަމަށް ފާހަގަ ކުރެއްވި އެވެ.

އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހައިޑްރޯ ޕޯނިކްސް ފަދަ ނިޒާމްތައް ޤާއިމްކޮށް މަގުފަހިކޮށްދީ ރާއްޖޭ އަށް އެތެރެކުރާ ތަރުކާރީ އާއި މޭވާ ދަށްވެ ދިވެހިންގެ ދަނޑުތަކުން ހެއްދޭ ތަކެތި ރައްކާތެރިކަމާއި ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމް ފަހިވެގެން ދާނެ ކަމަށެވެ.