މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހުޅުއްވާފައިވާ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތްތަކަކުން ޖަމާކުރި ކަމަށް ބުނާ އެއް މިލިއަން އެމެރިކާ ޑޮލަރު (15 މިލިއަން ދިވެހި ރުފިޔާ)، އެމަނިކުފާނު އެންޓި-ކޮރަޕްޝަންކ ކޮމިޝަން (އޭސީސީ) އާއި ހަވާލުކުރައްވައިފި އެވެ.
އެނގިފައިވާ ގޮތުގައި އެމަނިކުފާނުގެ އެމްއައިބީ އެކައުންޓަކަށް އަމިއްލަ ފަރާތަކުން ޖަމާކުރި އެއް މިލިއަން ޑޮލަރު އޭސީސީ އާއި ހަވާލުކޮށްފައި ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކުރިންނެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ކުރީގެ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓުގައި ހުރި އެ ފައިސާ މިހާރު ވަނީ އޭސީސީގެ ބެލުމުގެ ދަށުގައި ހުރި ވަކި އެކައުންޓެއްގައި ކަމަށެވެ.
އެމްއައިބީގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިންނެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން އެމަނިކުފާނުގެ އެކައުންޓަށް ބައިލައްކަ ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ.
އެއީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު ފަސް ލައްކަ އެމެރިކާ ޑޮލަރު އަދި 2015 ވަނަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު ވެސް ޖަމާކުރި ފަސް ލައްކަ ޑޮލަރެވެ.