ޔުއެފާ ނޭޝަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޖަރުމަން އާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުވަގުތު ކެޕްޓަން ވާޖިލް ވެން ޑައިކް ކާމިޔާބުކުރި ލަނޑުން 2-2 އިން އެއްވަރުކޮށް ނެދަލޭންޑްސް މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު މި ގްރޫޕުގައި އޮތް ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކަޓައިފިއެވެ.
ރޭގެ މެޗުގެ ނަތީޖާއަށް ފަހު، ލީގު އޭގެ ގްރޫޕް އެކެއްގެ އެއްވަނަ ނެދަލެންޑްސް އަށް ލިބުނީ ހަތަރު މެޗުން ހަތް ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ފްރާންސަށް މިއަދަދަށް ޕޮއިންޓް ލިބިފައިވީނަމަވެސް ދެޓީމުގެ މެދުގައި ކުޅެވުނު މެޗުގެ އެގްރިގޭޓުން ކުރި ލިބެނީ ނެދަލެންޑްސް އަށެވެ. މި ގްރޫޕުގެ އެންމެ ފުލުގައި އޮތީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ދެ ޕޮއިންޓާއެކު ނިންމާލި ޖަރުމަނެވެ. އެ ޓީމު ވަނީ ލީގު ބީ އަށް ރެލިގޭޓްވެފައެވެ.
ގެލްސެންކާޗެންގެ ވެލްޓިންސް އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 20 މިނެޓުގެތެރޭގައި ޖަރުމަނުން ވަނީ މޮޅު ކުޅުމެއް ދައްކައި ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން، މެޗުގެ 9 ވަނަ މިނެޓުގައި ޓިމޯ ވާނާ އެ ޓީމަށް ލީޑްނަގައިދިންއިރު، 20 ވަނަ މިނެޓުގައި ޓޯނީ ކްރޫސް ދިން ރީތި ޕާހަކުން ލެރޯއީ ސާނޭ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
މިހާފުގައި ޖަރުމަނުގެ ލީޑް ފުޅާކުރުމަށް އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައިދިން ވާނާގެ އިތުރުން ސާޖް ނެބްރީ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައްވެސް ނެދަލެންޑްސް ގޯލްކީޕަރު ޔެސްޕާ ސިލެސަން ވަނީ މަތަކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން ޖަރުމަން ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ޖަރުމަނުގެ ވާނާ އަށް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލުމަށް ރަނގަޅު ފުރުޞަތެއްލިބިފައެވެ. އޭނާ ފޮނުވާލި ބޯޅަ ނެދަލެންޑްސްގެ ކީޕަރު ސިލެސަން މަތަކުރިއިރު އޭގެފަހުން ނެދަލެންޑްސްގެ މެމްފިސް ޑިޕާއީ އާއި ކުއިންސީ ޕްރޮމްސް ފޮނުވާލި ދެ ހަމަލާވެސް ޖަރުމަނުގެ ގޯލްކީޕަރު މެނުއެލް ނޯޔާ ވަނީ މަތަކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުތް ޖަރުމަނުގެ ތޯމަސް މުލާ ވަނީ ގައުމީ ޓީމަށް 100 މެޗު ހަމަކޮށްފައެވެ. އޭނާ ކުޅެން ނިކުތުމާއެކު އެ ޓީމުން ގިނަ އެޓޭކްތަކެއް ކުރިނަމަވެސް އިތުރު ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.
މި މެޗުން ޖަރުމަން މޮޅުވާން ދަނިކޮށް، ނެދަލެންޑްސްގެ ފުރަތަމަ ލަނޑު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ކުއިންސީ ޕްރޮމްސް ޖަހައިދިންއިރު އިތުރުވަގުތުގައި އެ ޓީމަށް އެއްވަރުކޮށްދީ ސެމީން ޖާގަ ހޯދައިދިނީ ވެން ޑައިކް ކާމިޔާބުކުރި ގޯލުންނެވެ.
އަންނަ އަހަރުގެ ޖޫން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ސެމީ އިން ޖާގަ ހޯދީ ޓީމުތަކުގެ ތެރޭގައި ނެދަލެންޑްސް އާއި އިންގްލެންޑް އަދި ސްވިޒަލެންޑްގެ އިތުރުން ޕޯޗުގަލް ހިމެނެއެވެ. މި މުބާރާތުގެ ފައިނަލް ބުރުގެ މެޗުތައް ޕޯޗުގަލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ސެމީގެ ގުރުއަތުލުން އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އަޔަލެންޑްގެ ޑަބްލިންގައެވެ.
ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޗެކް ރިޕަބްލިކް އަތުން 1-0 އިން ސްލޮވޭކިއާ ބަލިވިއިރު ސައިޕްރަސް އަތުން ނޯވޭ މޮޅުވީ 2-0 އިންނެވެ. ޑެންމާކް އާ ރިޕަބްލިކް އޮފް އަޔަލެންޑް ކުޅުނު މެޗު ލަނޑެއްނުޖެހި އެއްވަރުވިއިރު އެންޑޯރާ އާ ލެޓްވިއާ ބައްދަލުކުރި މެޗު ނިމުނީ ވެސް ހަމަ މިނަތީޖާއިންނެވެ. ބަލްގޭރިއާ އާ ސްލޮވީނިއާ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ކަޒަކިސްތާން އަތުން ޖޯޖިއާ މޮޅުވީ 2-1 އިންނެވެ. ޖިބްރާލްޓާ އަތުން 4-0 އިން މެސެޑޯނިއާ މޮޅުވިއިރު އާމީނިއާ ވަނީ 2-2 އިން ލީޗްޓެންސްޓެއިން އާ އެއްވަރުކޮށްފައެވެ.