ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ޕޯޗުގަލް އަތުން ހޯދީ ޕޮއިންޓާއެކު ޕޮލެންޑުން ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ޕޮޓް އެކެއްގައި ހިމެނިއްޖެއެވެ.
ޕޯޗުގަލް އާ ދެކޮޅަށް ޕޮލެންޑް ކުޅުނު މެޗުން 1-1 އިން އެއްވަރުވިއިރު އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޖަރުމަނަށެވެ. އެ ޓީމު ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގެ ދެވަނަ ޕޮޓަށް ވެއްޓިފައެވެ.
ޕޮލެންޑުން މި މެޗަށް ނިކުތްއިރު ލީގު ބީ އަށް ރެލިގޭޓްވެފައިވީނަމަވެސް އެ ޓީމަށް އެއް ޕޮއިންޓް ހޯދައިގެން ޔޫރަޕްގެ އެންމެ ގަދަ 10 ގައުމުގެ ތެރޭގައި ހިމެނޭނެކަމުގެ ޔަގީންކަން އޮތުމުން ނެރެފައިވަނީ އެންމެ ވަރުގަދަ ޓީމެވެ. ނަމަވެސް، ކަކުލު ހުޅަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އެ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ މި މެޗުގައި ނުކުޅެއެވެ.
އެއާ ހިލާފަށް ޕޯޗުގަލް އިން މި މެޗަށް ނިކުތީ ގްރޫޕުގެ އެއްވަނަ މަގާމް ލިބި ފައިނަލް ބުރަށް ކޮލިފައިވެފައިވާތީވެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، އެ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ބަނާޑޯ ސިލްވާ މި މެޗަށް ނެގި ސްކޮޑުގައި ހިމަނާފައިނުވާއިރު ގޯލް ބެލެހެއްޓީ ރިޒާވް ކީޕަރު ބެޓޯ އެވެ.
ޕޯޗުގަލްގެ ގިމަރޭސްގައި ކުޅުނު މި މެޗުގެ 34 ވަނަ މިނެޓުގައި ބަޔާން މިއުނިކްގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ތަނަވަސްކުރި ފުރުޞަތަކުން އެ ޓީމަށް ލީޑް ނަގައިދިނީ އަންދްރޭ ސިލްވާ އެވެ. މިއީ ސަންޗޭސް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ސިލްވާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަމަ ހާފު ނިމުމުގެކުރީން، ޕޮލެންޑަށް ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތުލިބި ބޭކާރުވެފައިވެއެވެ. އެގޮތުން، އެ ޓީމުގެ ޓޮމަސް ކެޒިއޯރާ ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑީގައި ޖެހިފައިދިޔައިރު ހަނި އޭންގަލަކުން އެ ޓީމުގެ ޒެމިސްލާވް ފްރެންކޯސްކީ ފޮނުވާލި ބޯޅަ ޕޯޗުގަލްގެ ގޯލްކީޕަރު ބެޓޯ މަތަކުރިއެވެ. މިހާފު ނިމުނީ 1-0 އިން ޕޯޗުގަލް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ޕޮލެންޑްގެ ކަމިލް ގްރޮޒިސްކީ އާއި އާކެޑިއުޝް މިލިކް އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ބޯޅަތައް ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ޕޮލެންޑަށް ލިބުނު ޕެނަލްޓީއަކުން އެއްވަރުކޮށްދިނީ މިލިކް އެވެ. މިއީ މިލިކް އަށް ޕޯޗުގަލްގެ ޑަނީލޯ ޕެރެއިރާ ކުރި ފައުލަކަށް އޭނާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ، ފުރަތަމަ ފަހަރު މި ޕެނަލްޓީ ފޮނުވާލި ވަގުތު ޕެނަލްޓީއޭރިޔާތެރެއަށް ކުޅުންތެރިން ވަނުމުން ދެވަނަ ފަހަރަށް ފޮނުވާލައިގެންނެވެ.
އޭގެފަހުން، މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ޕޮލެންޑްގެ ޕިއޮޓަ ޒިލީންސްކީ އަށް އެ ޓީމު މޮޅުކޮށްދިނުމަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ޕެނަލްޓީއޭރިޔާބޭރުން އޭނާ ފޮނުވާލި ބޯޅަ ޕޯޗުގަލްގެ ކީޕަރު ބެޓޯ ވަނީ މަތަކޮށްފައެވެ.
ރޭގެ ނަތީޖާއާއެކު ޕޯޗުގަލް ނިންމާލީ މި ގްރޫޕުގެ އެއްވަނައިގައި އޮވެއެވެ. އެ ޓީމަށް ހަތަރު މެޗުން 8 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އިޓަލީ އޮތީ ފަސް ޕޮއިންޓް ހަމަކޮށްގެންނެވެ. ޕޮލެންޑަށް ލިބިފައިވަނީ ހަތަރު މެޗުން ދެ ޕޮއިންޓެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރަޝިޔާ އަތުން 2-0 އިން މޮޅުވެ ސްވިޑެން ވަނީ ލީގު އޭ އަށް ޕްރޮމޯޓްވެފައެވެ. އިޒްރޭލް އަތުން 3-2 އިން ސްކޮޓްލެންޑް މޮޅުވިއިރު ސާބިއާ ވަނީ 4-1 އިން ލިތުއޭނިއާ ބަލިކޮށްފައެވެ. މޮންޓެނީގްރޯ އަތުން 1-0 އިން ރޫމޭނިއާ މޮޅުވިއިރު ކޮސޮވޯ ވަނީ ފަސޭހަކަމާއެކު 4-0 އިން އަޒަރުބައިޖާން އަތުން މޮޅުވެފައެވެ. މޯލްޓާ އާ ފެރޯ އައިލެންޑްސް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.