ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުންނާއި ފަޅު ރަށްތަކުން ރުށް ކަނޑައި، އަލަށް ހަދާ ރިސޯޓުތަކާއި ބޭރު ގައުމުތައް "ފެހި ކުރުމަށް" ހިންގަމުންދާ ޖަރީމާ އަދިވެސް ހުއްޓުވޭ ގޮތެއް ނުވެއެވެ. އެންވަޔަރޮމެންޓް ޕްރޮޓެކްޝަން އޭޖެންސީން ވަނީ ގިނަ އަދަދެއްގެ ރުށްތައް ކަނޑައި ބޭރުކުރަން އުޅުމުން އެކަން ހުއްޓުވަން މަސައްކަތްކޮށްފައެވެ. އަދި ރާއްޖެއިން ބޭރަށް ރުށް ގެންދަން ކުރި މަސައްކަތް ކަސްޓަމްސް އިން ވަނީ ހުއްޓުވާފައެވެ.
ނަމަވެސް ރަށްތަކުން ރުށް ކެނޑުމަށް ހުއްޓުމެއް އައިސްފައިނުވާކަން އެނގުނީ ދ. ބަނޑިދޫ އިން 500 އާ ކައިރިކުރާ ވަރަކަށް ރުށް ކަނޑައި ބޭރުކުރަން މަސްކަތް ކުރަމުންދާކަން ތިލަވުމުންނެވެ. އެނގިފައިވާ ގޮތުގައި ސަން ޓްރެވަލްސްއިން އަލަށް ހަދަމުންދާ އަލުވިފުށި ރިސޯޓަށް ގެންދަން މި ރުށްތައް ކެނޑުމަށް މިހާރު ގެންދަނީ އެންވަޔަރޮމެންޓް އިމްޕެކްޓް އެސެެސްމެންޓެއް ހަދަމުންނެވެ.
އީޕީއޭގެ ގަވާއިދު ބުނާ ގޮތުގައި އެއް ފަހަރާ 200 އަށް ވުރެ ގިނަ ރުށް ކަނޑާ ނަގާނަމަ އީއައިއޭ ރިޕޯޓެއް ހަދަން ޖެހޭނެއެވެ. ސަން ޓްރެވެލްސްގެ އާ ރިސޯޓުގައި ޖަހަން 500 ވަރަކަށް ރުށް ނަގަނީ ބަނޑިދޫ މަގު ހެދުމަށް ކަމަށް ބުނެއެވެ. އެގޮތުން 15 މަގެއް ހެދުމަށް ނިންމާފައިވާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ކައުންސިލަރަކު ބުނެފައިވެއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ރާއްޖޭގެ ރުށްތައް ކަނޑައި ބޭރުކުރަން ބަޔަކު ވަރަށް ގިނަ މަސައްކަތް ކުރިއެވެ. އެގޮތުން ކ. ތުލުސްދޫ އާއި ށ. ޅައިމަގު އަދި އެ އަތޮޅު މަޑިވަރުން ވެސް ވަނީ އެއް ފަހަރާ ގިނަ އަދަދެއްގެ ރުށް ކަނޑާފައެވެ.
އާ ސަރުކާރު އައުމުން ތިމާވެއްޓަށް ޚާއްސަ އިސްކަމެއް ދީގެން ވެށި ހިމާޔަތްކުރުމުގެ އުއްމީދު އާވެގެން ދިޔައެވެ. ޚާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެގެން ރައްޔިތުންނާ މުޚާތަބުކޮށް ދެއްކި ވާހަކަފުޅުގައި ވެސް އެކަމަށް ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ.
ނަމަވެސް ރުށް ގަސް ކެނޑުމުގެ މަސައްކަތަށް ނިމުމެއް ނެތި ކުރިއަށްދާ ކަމީ އޭގެ ނޭދެވޭ އަސަރު ރަށްތަކަށް ކުރާނެ ކަމެއް ކަމަށް ތަޖުރިބާކާރުން އެއްބަސްވާ ކަމެކެވެ. އެންވަޔަރޮމެންޓް މިނިސްޓްރީން ޚާއްސަ ސަމާލުކަމެއް ދީގެން މިކަން ހުއްޓުވުމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.