ކޯލިޝަން ރޫޅޭނެ ގޮތްތަކާއި ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމިއޮތުމާ ގުޅޭ ގޮތުން ލީޑަރުން އެއްބަސްވެފައިވާ ކަންތައްތައް ހިމެނޭ ކޯލިޝަންގެ އެއްބަސްވުމުގައި ރައީސް މައުމޫން އަދިވެސް ސޮއި ނުކުރައްވައެވެ.
ސަރުކާރު، ވެރިކަމަށް ގެނައުމާ ގުޅޭ އެއްބަސްވުމުގައި ރައީސް މައުމޫން ފިޔަވައި، އިދިކޮޅު ތިން ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވަނީ ރައީސް ސޯލިހު ހުވާ ކުރެއްވުމުގެ ކުރިން، އެއްބަސްވުމުގައި ސޮއި ކުރައްވާފައެވެ.
ރައީސް މައުމޫން ޖަލުން މިނިވަންވިތާ ދޮޅު މަސް ދުވަސް ފާއިތުވެގެންދިޔަ އިރުވެސް ކޯލިޝަން އެއްބަސްވުމުގައި އެމަނިކުފާނު ސޮއި ނުކުރައްވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ބުނެފައި ވަނީ ކޯލިޝަން ރޫޅޭނެ ގޮތްތަކާއި ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމި އޮތުމާއި ނެތުން އަދި ކޯލިޝަން ދިމާވާ އެހެނިހެން މައްސަލަތައް ހައްލު ކުރާނެ ގޮތްތައް ބަޔާން ކުރާ އެއްބަސްވުމެއްގައި ހަތަރު ލީޑަރުން ސޮއި ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ކޯލިޝަންގެ ސަރުކާރަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި އެ އެއްބަސްވުން މަޖިލީހަށް ހުށަހަޅައި ފާސްކުރަން ޖެހޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ބުނެފައިވެއެވެ.
ސަރުކާރު ހިންގާ ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާތާ 26 ދުވަސްވީއިރު، ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ބުނެފައިވާ އެއްބަސްވުން މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވައުދުވެވަޑައިގެންފައި ވަނީ ކޯލިޝަން ސަރުކާރަށް ގާނޫނީ ހައިސިއްޔަތު ދޭނެ ކަމަށާއި އެކަން ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށެވެ. ގާނޫނުއަސާސީ އިސްލާހު ކުރެވޭ ވަރަށް މަޖިލީހުގެ މެޖޯރިޓީ ގުޅިފައިވާ ޕާޓީތަކަށް ލިބެންދެން، ގާނޫނަކުން ކޯލިޝަން ގާނޫނީ ބާރު ދެއްވާނެ ކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންފައިވެއެވެ.