އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު ތިން އަހަރަށްވުރެ ގިނަ ދުވަހު ސްރީލަންކާގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށްފަހު އާދިއްތަ ދުވަހު ރާއްޖެއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
މިކަން ފުވާދު ވަނީ ޓްވީޓެއް ކުރައްވާ ހާމަކުރައްވާފައެވެ. ހޮނިހިރު ދުވަހު ފުވާދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ 3 އަހަރާއި، 7 މަހާއި، 5 ދުވަހަށްފަހު، ނޮވެމްބަރު 25 ދުވަހު ހެނދުނު 7:00 ގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ފުވާދުގެ މިޓްވީޓުގައި އޭނާ މާލެ ވަޑައިގަންނަވާނެ ފްލައިޓް ނަންބަރު ވެސް ވަނީ އާންމުކުރައްވާފައެވެ.
I am returning to Maldives after being away for 3 years 7 months 5 days in Sri Lanka.
My Flight No. is KE 473 tomorrow, 25 Nov. 2018 arriving Velana Int'l Airport at 7am.
My sincere thanks to the hospitable people in Sri Lanka. Sri Lanka has been my home away from home.— Fuwad Thowfeek (@FuwadThowfeek) November 24, 2018
ސްރީލަންކާގެ ރައްޔިތުންނަށް ޝުކުރުވެސް އަދާކުރައްވާ ފުވާދު ވިދާޅުވީ ސްރީލަންކާއަކީ އަމިއްލަ ގެދޮރުން ދުރުގައި ހުރި ގެއެއް ކަމަށެވެ.
ފުވާދު ރާއްޖެއަށް ވަޑައިގަންނަވާނެކަން އިއުލާނު ކުރެއްވުމާއެކު އެތައް ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.
ފުވާދަކީ 2013ގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ރައީސެވެ. ނަމަވެސް ރިޔާސީ އިންތިޚާބާ ގުޅިގެން އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި، ކޮމިޝަންގެ މެންބަރުކަމުން ވަކިކޮށް ހުކުމެއް ކުރުމަށް ފަހު އޭގެ ފަހުން ސްރީލަންކާއަށް ވަޑައިގެން އެޤައުމުގައި ދިރިއުޅުއްވަން ފެއްޓެވިއެވެ.
2013 ވަނަ އަހަރު ފުވާދާއި އިލެކްޝަންސްގެ އެހެން ބައެއް ބޭފުޅުން ކޮމިޝަނުން ވަކިކޮށް، އެބޭފުޅުންގެ މައްޗަށް ކޯޓުގެ ހުރުމަތްކެނޑި ކަމަށް ބުނެ ޖަލު ހުކުމެއް އިއްވާފައިވަނީ އިލެކްޝަންސް ކޮމިޝަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހާޒިރުކުރުމުން، އެކޮމިޓީގައި ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ. ޖަލު ހުކުމެއް ކުރިޔަސް، އެހުކުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރާނަމަ ޖަލަށް ނުލާ ގޮތަށް ހުކުމަށްފަހު އެބޭފުޅުން ދޫކޮށްލިއެވެ.
އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރާއްޖެއިން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ތިއްބެވި ގިނަ ބޭފުޅުން މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.