އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް މޮޅުވިއިރު ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން އެއްވަރުވެއްޖެއެވެ.
ވެސްޓްހޭމް ޔުނައިޓެޑްގެ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ކުޅުނު މެޗުން ފަސޭހަކަމާއެކު 4-0 އިން މޮޅުވިއިރު ވަޓްފޯޑްގެ ދަނޑުގައި ލިވަޕޫލް މޮޅުވީ 3-0 އިންނެވެ. ޕެލަސް އާ ދެކޮޅަށް ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މިރޭގެ މެޗުތަކަށްފަހު، 13 މެޗުން 35 ޕޮއިންޓް ހަމަކޮށްގެން، ލީގު ތާވަލްގެ އެންމެ ކުރީގައި އަދިވެސް ސިޓީ އޮތްއިރު 33 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ލިވަޕޫލެވެ. ހަތްވަނައިގައި އޮތް ޔުނައިޓެޑަށް 21 ޕޮއިންޓް ލިބިފައިވާއިރު ޕެލަސް އޮތީ 9 ޕޮއިންޓާއެކު 15 ވަނައިގައެވެ.
ވެސްޓްހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ސިޓީ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ތިން ގޯލް ކާމިޔާބުކުރިއިރު ލަނޑުތައް ޖަހައިދިނީ ޑޭވިޑް ސިލްވާ އާއި ރަހީމް ސްޓާލިންގެ އިތުރުން ލެރޯއީ ސާނޭ އެވެ.
މިމެޗުގެ ދެވަނަ ހާފުގައި ވެސްޓްހޭމްގެ މިޙައިލް އެންޓޯނިއޯ އަށް ލަނޑުޖެހުމަށް ރަނުގެ ފުރުޞަތެއް ލިބި ބޭކާރުވެފައިވާއިރު ސިޓީގެ ފަހު ލަނޑު، އިތުރުވަގުތުގައި ޖަހައިދިނީ ސާނޭ އެވެ.
ވަޓްފޯޑްގެ ވިކަރޭޖް ރޯޑްގައި ލިވަޕޫލް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ގޯލެއް ފެނިގެންގޮސްފައިނުވާއިރު މިހާފުގައި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ އާއި ސަޑިއޯ މާނޭގެ އިތުރުން މުހައްމަދު ސަލާހް އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ތިން ކުޅުންތެރިން ފޮނުވާލި ހަމަލާތައްވެސް ވަޓްފޯޑްގެ ގޯލްކީޕަރު ބެން ފޮސްޓާ މަތަކުރިއިރު އެ ޓީމުގެ ރޮބާޓޯ ޕެރޭރާ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ މަތަކުރިއެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ލިވަޕޫލްގެ މާނޭ ޖައްސާލި ބޯޅައަކުން ސަލާހް އެ ޓީމަށް ލީޑް ނަގައިދިންއިރު 76 ވަނަ މިނެޓުގައި އިނގިރޭސި ފުލްބެކް ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ވަޓްފޯޑްގެ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ހިލޭޖެހުމަކުން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.
މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް، ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލި ނަމަވެސް ވަޓްފޯޑަށް އިތުރު ލަނޑެއް ކާމިޔާބުކުރެވިފައިނުވާއިރު މެޗުގެ 89 ވަނަ މިނެޓުގައި ފިރްމީނޯ ވަނީ ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މިއީ އެ ޓީމުގެ މާނޭ ފޮނުވާލި ބޯޅައެއް ވަޓްފޯޑްގެ ކީޕަރު ފޮސްޓާ މަތަކުރުމުން އޭނާގެ އަތުގައި ޖެހިފައިނިކުތް ވަގުތު ފިރްމީނޯ ދެވަނަ ފަހަރަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އޯލްޑް ޓްރެފޯޑްގައި ޕެލަސް އާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗު، ލަނޑެއް ނުޖެހި އެއްވަރުވިއިރު މި މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތުތައް ތަނަވަސްކުރީ ޕެލަސްއިންނެވެ. އެގޮތުން، އެ ޓީމުގެ ފުލްބެކް ޕެޓްރިކް ވޭން އާންހޮލްޓް އަށް ނިންމާލަން ލިބުނު ވަރަށް ފަސޭހަ ފުރުޞަތެއްގައި އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު ދެވަނަ ހާފުގައި އަންޑްރޮސް ޓައުންސެންޑް އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.
މުޅި މެޗުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތު ޔުނައިޓެޑްގެ ފުލްބެކް މަޓިއާ ޑާމިއަން ނަގައިދިން ހުރަހަކުން ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ބޮލުން ފޮނުވާލުމުން ޕެލަސްގެ ގޯލްކީޕަރު ވޭން ހެނަސީ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.