Last Updated: November 26, 13:45
Tuesday, November 26, 2024
ކުޅިވަރު

ޓޮޓެންހަމް އަތުން ބަލިވެ ޗެލްސީގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް

ޓޮޓެންހަމް ހޮޓްސްޕާ އާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން ޗެލްސީ ބަލިވުމުން އެ ޓީމުން މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ދަމަހައްޓަމުން އަންނަ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް އައިސްފިއެވެ. ޓޮޓެންހަމް އިން މި މެޗު ކާމިޔާބުކުރީ 3-1 އިންނެވެ.

ރޭގެ ނަތީޖާތަކަށް ފަހު ލީގުގެ އެއްވަނައިގައި އަދިވެސް އޮތީ ސިޓީ އެވެ. އެ ޓީމަށް 13 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. ރޭގެ މެޗުން ހޯދީ މޮޅާއެކު ޓޮޓެންހަމް ވަނީ 13 މެޗުން 30 ޕޮއިންޓް ހަމަކޮށް ކުރީން ތިންވަނައިގައި އޮތް ޗެލްސީގެ ކުރިއަށް ޖެހިލައިފައެވެ. ޗެލްސީ ހަތަރު ވަނައިގައި އޮތީ 13 މެޗުން 28 ޕޮއިންޓާ އެކު އެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ޗެލްސީ އާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ ދެލަނޑުގެ ލީޑެއްނަގައިފައެވެ. އެގޮތުން، އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗު ފެށިގެން 8 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަން ނަގައިދިން ހިލޭޖެހުމަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ޑެލޭ އަލީ ކާމިޔާބުކުރިއިރު، މެޗުގެ 16 ވަނަ މިނެޓުގައި ގޯލާއި 25 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުން ހެރީ ކޭން ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ފުރަތަމަ ހާފުގައި ޗެލްސީގެ އެޑެން ހަޒާޑް އާއި ވިލިއަން އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ވިލިއަން ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު ޕެނަލްޓީއޭރިޔާބޭރުން ހަޒާޑް ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް މަތަކުރިއެވެ. މިހާފު ނިމުނީ 2-0 އިން ޓޮޓެންހަމް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 9 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ތިންވަނަ ލަނޑު ޖަހައިދިނީ މިހާފުގައި ކުޅެން ނިކުތް ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން-މިން އެވެ. މިއީ އެ ކްލަބަށް އޭނާ ޖަހައިދިން 50 ވަނަ ގޯލެވެ.

ޗެލްސީ އަށް ސުން ކަނޑުވާލައިދިނީ މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ އެވެ. މިއީ އެ ޓީމުގެ ސެޒާ އަޒްޕިލިކުއެޓާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް އޭނާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ކާޑިފް ސިޓީ އަތުން 1-0 އިން އެވަޓަން މޮޅުވިއިރު ބްރައިޓަން އެންޑް ހޯވް އެލްބިއަން އާ ލެސްޓާ ސިޓީ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފުލަމްގެ އައު ކޯޗު ކްލައުޑިއޯ ރަނިއޭރީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ 3-2 އިން ސައުތުހެމްޕްޓަން ބަލިކޮށްފައެވެ.