ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގެ އެންމެ ފަހު ވަގުތު ބާސެލޯނާގެ ވިންގާ އޮސްމާނޭ ޑެމްބެލޭ ކާމިޔާބުކުރި ލަނޑުން އެތުލެޓިކޯ މެޑްރިޑް އަތުން އެ ޓީމަށް ޕޮއިންޓެއް ލިބިއްޖެއެވެ. މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ބާސެލޯނާ އިން މި މެޗަށް ނިކުތްއިރު އެ ޓީމަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާއަށް ފަހު ފްރާންސްގެ ޑިފެންޑަރު ސެމުއެލް އުމްޓީޓީ މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުމެވެ. ނަމަވެސް، އެ ޓީމުގެ މުހިއްމު ކުޅުންތެރިންކަމަށްވާ އިވާން ރަކިޓިޗް އާއި ފިލިއްޕޭ ކުޓީނިއޯ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެއެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއްވެސް ތަނަވަސްކުރެވިފައެއްނުވެއެވެ.
މި މެޗުގައި އެތުލެޓިކޯ އިން ލީޑް ނެގީ 77 ވަނަ މިނެޓުގައި ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ކޮސްޓާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ފަސް މިނެޓުފަހުން، ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކުރުމަށް ލިއޮނަލް މެސީ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ޕެނަލްޓީއޭރިޔާބޭރުން މެސީ ފޮނުވާލި ބޯޅަ އެތުލެޓިކޯގެ ގޯލްކީޕަރު ޔާން އޮބްލަކް މަތަކުރިއެވެ.
މި މެޗުގެ އެންމެ ފަހު މިނެޓުގައި ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް އޮސްމާނޭ ޑެމްބެލޭ އެވެ. މިއީ އެ ޓީމުގެ ކެޕްޓަން މެސީ ދިން ބޯޅައަކުން ޑެމްބެލޭ ކާމިޔާބުކުރި ގޯލެކެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރަޔޯ ވަޔެކާނޯ އަތުން 3-0 އިން ވެލެންސިއާ މޮޅުވިއިރު ލެވާންޓޭ އާ ހުއެސްކާ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު، ތާވަލްގެ އެންމެ ކުރީގައި އަދިވެސް އުޅެނީ 13 މެޗުން 25 ޕޮއިންޓް ހަމަކޮށްގެން ބާސެލޯނާ އެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ އަށް 13 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތީ 23 ޕޮއިންޓާއެކު ސެވިއްޔާ އެވެ. އެއް މެޗުން މަދުން ކުޅެފައިވާ ސެވިއްޔާ އަށް މިރޭ ރެއާލް ވަލަޑޮލިޑް އަތުން މޮޅުވެވިއްޖެނަމަ އެއްވަނަ އަށް އެރޭނެއެވެ.