ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ރެއާލް ވަލަޑޮލިޑް ބަލިކޮށް ސެވިއްޔާ، ލީގު ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. މިމެޗުން ސެވިއްޔާ މޮޅުވީ 1-0 އިންނެވެ.
މި މޮޅާއެކު ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ފަހަތަށް ޖައްސާލުމަށްފަހު ލީގުގެ އެއްވަނަ އަށް ސެވިއްޔާ އެރީ 13 މެޗުން 26 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ބާސެލޯނާ އަށް 25 ޕޮއިންޓް ލިބިފައިވާއިރު 24 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އެތުލެޓިކޯ އެވެ. ހަތަރުވަނައިގައި އޮތް ޑިޕޯޓިވޯ އަލަވެސް އަށް 23 ޕޮއިންޓް ލިބިފައިވާއިރު ވަރުގަދަ ރެއާލް މެޑްރިޑް އޮތީ 20 ޕޮއިންޓާއެކު ހަވަނައިގައެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ޖަހައިދިނީ ޕޯޗުގަލްގެ އުއްމީދީ ފޯވާޑް އަންދްރޭ ސިލްވާ އެވެ. މިއީ އެ ޓީމުގެ ޕަބްލޯ ސަރާބިއާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ސިލްވާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 8 ވަނަ ގޯލެވެ.
މީގެއިތުރުން، މި މެޗުގެ ދެވަނަ ހާފުގައި ސެވިއްޔާގެ ލީޑް ފުޅާކުރުމަށް އަލެއިކްސް ވިޑާލް އާއި އެވާ ބަނޭގާގެ އިތުރުން ސަރާބިއާ އަށް ވެސް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވެއެވެ. މި ތިން ކުޅުންތެރިން ފޮނުވާލި ހަމަލާތައް ވަލަޑޮލިޑްގެ ގޯލްކީޕަރު ޖޯޑީ މަސިޕް ހުށިޔާރުކަމާއެކު މަތަކުރިއިރު މެޗުގެ އެންމެ ފަހު ވަގުތުކޮޅު ސެވިއްޔާގެ ވިސާމް ބެން ޔެޑާ އާއި އިބްރާހިމް އަމަޑޫ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވެސް މަސިޕް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެތުލެޓިކް ބިލްބާއޯ އާ ގެޓަފޭ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު ކެޓަލާން ޑާބީގައި އެސްޕަންޔޯލް އަތުން ޖިރޯނާ މޮޅުވީ 3-1 އިންނެވެ. ލީގުގައި ރޭ ކުޅުނު ފަހު މެޗުގައި ރެއާލް ބެޓިސް އަތުން ވިޔާރެއާލް މޮޅުވީ 2-1 އިންނެވެ.