އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ބޯންމައުތު އާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ޕިއޭރް-އެމެރިކް އޯބާމަޔަން ކާމިޔާބުކުރި ލަނޑުން އާސެނަލުން އުނދަގޫ މޮޅެއް ހޯދައިފިއެވެ. މި މެޗުން އާސެނަލް މޮޅުވީ 2-1 އިންނެވެ.
މި މޮޅާއެކު އާސެނަލް ވަނީ 27 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގައެވެ. ބޯންމައުތު އޮތީ 20 ޕޮއިންޓާ އެކު 8 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 35 ޕޮއިންޓާއެކު އަދިވެސް އުޅެނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ދެވަނައިގައި 33 ޕޮއިންޓާއެކު ލިވަޕޫލް އޮތް އިރު ޓޮޓެންހަމް ހޮޓްސްޕާ ވަނީ 30 ޕޮއިންޓް ހަމަކޮށް ތިންވަނައަށް ޖެހިލައިފައެވެ. ހަތަރުވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 28 ޕޮއިންޓެވެ.
އާސެނަލުން މި މެޗަށް ނިކުތްއިރު އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިންކަމަށްވާ އަލެކްސެންޑަ ލަކަޒޭ އަނިޔާގެ ސަބަބުން ނުކުޅޭއިރު މެސުޓް އޮޒިލް އިނީ ބެންޗުގައެވެ.
ބޯންމައުތުގެ ވައިޓާލިޓީ ސްޓޭޑިއަމްގައި ކުޅެވުނު މި މެޗުގެ 9 ވަނަ މިނެޓުގައި އާސެނަލުން ލީޑް ނެގުމާއި ގާތަށް ޖެހިލިއެވެ. ޕެނަލްޓީއޭރިޔާބޭރުން އާސެނަލްގެ ލޫކަސް ޓޮރެއިރާ ފޮނުވާލި ބާރު ހަމަލާ، ގޯލްގެ ވާތްފަރާތު އަރިމަތީދަނޑިއަށް އަމާޒުވިއިރު އޭގެ 8 މިނެޓުފަހުން، ބޯންމައުތުގެ ކެލުމް ވިލްސަން އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ސައިމަން ފްރޭންސިސް ނަގައިދިން ހުރަހަކުން ވިލްސަން ބޮލުން ފޮނުވާލި ބޯޅަ އާސެނަލްގެ ޖަރުމަން ގޯލްކީޕަރު ބާންޑް ލެނޯ މަތަކުރިއެވެ.
އޭގެފަހުން، މެޗުގެ 21 ވަނަ މިނެޓުގައި އާސެނަލްގެ އަލެކްސް އިވޯބީ ފޮނުވާލި ހަމަލާ ބޯންމައުތުގެ ގޯލްކީޕަރު އަސްމިރް ބެގޮވިޗް މަތަކުރިއެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ބޯންމައުތުގެ ޖެފަސަން ލާމާ އަތުން ބައިކޮޅަށް ވަން ގޯލަކުން އާސެނަލް ލީޑްނެގިއެވެ. މިއީ އާސެނަލްގެ ސެއަދު ކޮލާސިނަޗް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބޯންމައުތުގެ ލާމާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އޭގެފަހުން، އާސެނަލްގެ އިވޯބީ އާއި ހެންރިކް މިކިތާރްޔަން އަށް އެ ޓީމުގެ ލީޑް ފުޅާކުރުމަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ބޯންމައުތުގެ ކީޕަރު ބެގޮވިޗް މަތަކުރިއެވެ.
އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް، އިތުރު ވަގުތުގައި ޖޯޝުއާ ކިންގް ވަނީ ބޯންމައުތު އަށް އެއްވަރުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ކައުންޓާއެޓޭކްގައި ތަނަވަސްކުރި ފުރުޞަތަކުން ވޭލްސްގެ ޒުވާން ކުޅުންތެރިޔާ ޑޭވިޑް ބްރޫކްސް ދިން ބޯޅައަކުންނެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 67 ވަނަ މިނެޓްގައި އޯބާމަޔަން ވަނީ އާސެނަލް އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އެ ޓީމުގެ ކޮލާސިނަޗް ދިން ބޯޅައަކުންނެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 8 ވަނަ ގޯލެވެ.
އޭގެފަހުން، ބޯންމައުތަށް ނަތީޖާ ހަމަހަމަކުރުމަށް ލާމާ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވެއެވެ.
ލީގުގައި އާސެނަލުން މިހާތަނަށް ކުޅުނު 13 މެޗުގެ ތެރެއިން 8 މެޗުން މޮޅުވެފައިވާއިރު އެ ޓީމު އެންމެ ފަހުން ބަލިވެފައިވަނީ ލީގުގައި އެންމެ ފުރަތަމަ ކުޅުނު ދެ މެޗުގައި ސިޓީ އަދި ޗެލްސީ އަތުންނެވެ. މިއީ އެ ޓީމުން މިސީޒަނުގައި ބަލިނުވެ ހަމަކުރި 17 ވަނަ މެޗެވެ.
ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ވާދަވެރި ޓޮޓެންހަމް އާއެވެ. މި މެޗު ކުޅެވޭނީ އަންނަ ޑިސެންބަރު މަހުގެ ދެވަނަ ދުވަހު ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި، ހަޑްސްފީލްޑް ޓައުން ވަނީ ރަށުން ބޭރުގައި ވުލްވަހެމްޕްޓަން ވޮންޑަރާސް އަތުން 2-0 އިން މޮޅުވެފައެވެ. މި މެޗުގައި ހަޑްސްފީލްޑް އިން ކާމިޔާބުކުރި ދެ ގޯލް ވެސް ޖަހައިދިނީ އޮސްޓްރޭލިއާ ގައުމީ ޓީމުގެ މިޑްފީލްޑަރު އާރޮން މޫއީ އެވެ.