Last Updated: November 26, 13:45
Tuesday, November 26, 2024
ކުޅިވަރު

ލެވަންޑޯސްކީގެ 50 ވަނަ ގޯލާއެކު ބަޔާން ދެވަނަ ބުރަށް

ބެންފީކާ ކޮޅަށް ބަޔާން މިއުނިކްގެ ހަތަރުވަނަ ގޯލް ޖެހުމަށްފަހު އެ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް / އޭޕީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ބެންފީކާ ކޮޅަށް ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރި ދެގޯލާއެކު މި މުބާރާތުގައި 50 ގޯލް ހަމަކުރިއިރު އެ ޓީމު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ޖަރުމަން ބުންޑަސްލީގާގައި ދަށް ނަތީޖާތައް ނެރެމުން އަންނާތީވެ ބަޔާން އަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވީނަމަވެސް ރޭގެ މެޗު އެ ޓީމުން ކާމިޔާބުކުރި 5-1 އިންނެވެ.

ރޭގެ ނަތީޖާތަކަށްފަހު، ގްރޫޕް އީގެ އެއްވަނައިގައި ބަޔާން އޮތީ ފަސް މެޗުން 13 ޕޮއިންޓް ހަމަކޮށްގެންނެވެ. މި ގްރޫޕުން ދެވަނަ ބުރަށް ދެން ދަތުރުކުރި ޓީމަކީ ތާވަލްގެ ދެވަނައިގައި 11 ޕޮއިންޓާއެކު އޮތް ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމް އެވެ. ތިންވަނައިގައި އޮތީ ބަޔާން އަތުން ބަލިވި ބެންފީކާ އެވެ. އެ ޓީމަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އުޅޭ ގްރީސްގެ އޭއީކޭ އެތެންސް އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ބަޔާންގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބަޔާން އިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. އެ ޓީމުގެ ފުރަތަމަ ދެގޯލް ޖަހައިދިނީ ނެދަލެންޑްސްގެ އަބަދަށްފެހި ވިންގާ އާރެން ރޮބެން އެވެ. ބަޔާންގެ ތިންވަނަ ލަނޑުޖަހައިދީ ޕޮލެންޑްގެ ލެވަންޑޯސްކީ ވަނީ ޗެމްޕިއަންސް ލީގުގައި 50 ވަނަ ގޯލް ހަމަކޮށްފައެވެ. އޭނާ އަކީ މި މުބާރާތުގައި 50 ގޯލް ހަމަކުރި ހަތްވަނަ ކުޅުންތެރިޔާއެވެ.

މި މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއްތެރޭގައި ބެންފީކާގެ ގެޑްސަން ފެނާންޑޭސް ވަނީ އެ ޓީމަށް ލަނޑެއްޖަހައިދީ ފަރަގުކުޑަކޮށްދީފައެވެ. އޭގެ ކުޑައިރުކޮޅެއްފަހުން، ލެވަންޑޯސްކީ ވަނީ ބަޔާން އަށް އަލުން ތިން ލަނޑުގެ ލީޑް ހޯދައިދީފައެވެ. ބަޔާންގެ ފަހު ލަނޑުޖަހައިދިނީ ފްރޭންކް ރިބެރީ އެވެ.

މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި އަޔެކްސް ވަނީ ރަށުން ބޭރުގައި 2-0 އިން އޭއީކޭ ބަލިކޮށް، 2005 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުން ޖާގަ ހޯދައިފައެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެލަނޑުވެސް ޖަހައިދިނީ ސާބިއާގެ ފޯވާޑް ޑޫސާން ޓަޑިޗް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ގްރޫޕް އެފްގައި ހިމެނޭ މެންޗެސްޓާ ސިޓީ ވަނީ ރަށުން ބޭރުގައި 2-2 އިން އޮލިމްޕިކް ލިޔޯން އާ އެއްވަރުކޮށް ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. ލިޔޯންގެ ދެލަނޑުވެސް މެކްސްވެލް ކޯނެޓް ޖަހައިދިންއިރު ސިޓީގެ ލަނޑުތައް ޖަހައިދިނީ އައިމެރިކް ލަޕޯޓް އާއި ސާޖިއޯ އަގުއޭރޯ އެވެ. މި ގްރޫޕުގައި ހިމެނޭ ޔޫކްރެއިންގެ ޝަކްތަރު ޑޮނެސްކް ވަނީ ރަށުން ބޭރުގައި 3-2 އިން ހޮފެންހައިމް ބަލިކޮށް ނޮކްއައުޓް ސްޓޭޖުން ޖާގައެއް ހޯދުމުގެ އުއްމީދު އާކޮށްފައެވެ.