2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ކެމްޕެއިން ވަރަށް ފޯރީގައި ކުރިއަށް އެބަގެންދެއެވެ.
މިހާރުވެސް އެމްޑީޕީ މެންބަރަކު ތަމްސީލްކުރަމުން ގެންދާ ހިތަދޫ ދެކުނު ދާއިރާގެ ޕްރައިމަރީއަށް 4 ފަރާތަކުން ވާދަކުރަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، މިހާރު ވެސް އެދާއިރާގެ މެންބަރުކަން ކުރައްވާ އަލީ ނިޒާރު، އިބްރާހިމް ނާޒިލް، އިބްރާހިމް ރަޝީދު އަލީ (އިބުރޭ)، އަހްމަދު ޖާމިޒެވެ.
ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ކަމަށް ހޮވިވަޑައިގެންނެވި ނިޒާރު ވަނީ ފާއިތުވި 5 އަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫގެ އިތުރުން އެމްޑީޕީ އަށް ތާއީދުކުރާ ގިނަ ފަރާތްތަކެއްގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ބޭފުޅެކެވެ. އަދި އެމްޑީޕީގެ ގްރާސް ރޫޓް މެންބަރުންނާއި ނިޒާރު އާއި ދެމެދު ގާތް ގުޅުމެއް އޮންނަކަން ފާހަގަކޮށްލެވެއެވެ. އެހެންވެ މިފަހަރުގެ ޕްރައިމަރީގައި ނިޒާރަށް އެއީ ޕްލަސް ޕޮއިންޓަކަށް ވެދާނެ ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ.
އެހެން ނަމަވެސް މިފަހަރުގެ ޕްރައިމަރީގައި ވާދަކުރާ ބޭފުޅުންނަށް ބަލާއިރު އެ ފާއިދާ އޮތީ ހަމައެކަނި ނިޒާރަކަށް ނޫނެވެ. އެމްޑީޕީ އައްޑޫ ދާއިރާގެ ނައިބު ރައީސް އިބްރާހިމް ރަޝީދު (އިބުރޭ) އަކީ ވެސް އެމްޑީޕީގެ ހަރަކާތްތައް އައްޑޫގައި ހިންގުމުގައި އިސްސަފުގައި އަބަދުވެސް ހަރަކާތްތެރިވާ ބޭފުޅެކެވެ. އެހެންވެ އިބުރޭއަށް ވެސް އެފާއިދާ އޮންނާނެ ކަމަށް ބެލެވެއެވެ.
އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރުގެ ޕްރައިމަރީ ކެމްޕެއިންގައި ފާޅުގައި ދެކުނު ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ތެރެއިން ގިނަ ބަޔަކު ހަރަކާތްތެރިވަމުން ނުދާތީ މިފަހަރުގެ ޕްރައިމަރީ ކާމިޔާބު ކުރުމުގެ ފުރުސަތު ވަކި ބޭފުޅަކަށް ބޮޑު ކަމަށް ނުބެލެވެއެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ވާދަކުރާ ނާޒިލް އަކީ އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅުންނާއި ގާތްގުޅުމެއް އޮންނަ ބޭފުޅަކަށް ވާތީ ޕްރައިމަރީގައި އޭގެ ފާއިދާ ކުރާނެ ކަމަށް ނާޒިލްގެ ސަޕޯޓަރުން ދެކެއެވެ. އަދި ހަމައެހެންމެ ނާޒިލްގެ ކެމްޕެއިންގައި ޒުވާނުންގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ.
ސިޔާސީ ހަރަކާތްތަކުން ފެނިފައި ނުވި ނަމަވެސް ޕްރައިމަރީގައި މިފަހަރު ވާދަކުރާ އަހްމަދު ޖާމިޒު ވެސް ގެންދަނީ ފޯރީގައި ކެމްޕެއިން ކުރަމުންނެވެ. ޖާމިޒުގެ ކެމްޕެއިންގައި ވެސް އެމްޑީޕީގެ ގްރާސް ރޫޓް ލެވެލްގެ ފަރާތްތަކުން ހަރަކާތްތެރިވަމުން ގެންދެއެވެ. އެހެންވެ ޕްރައިމަރީ ކާމިޔާބު ކުރުމުގެ ފުރުސަތު ޖާމިޒަށް ވެސް ކުޑަވާނެ ކަމަކަށް ނުބެލެވެއެވެ.
އެމްޑީޕީގެ ޕްރައިމަރީ އާއި ދިމާކޮށް ހަތަރު ކެންޑިޑޭޓުންގެ ފަރާތުން ވެސް ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީ އާއި ވަނީ ގުޅިފައެވެ. އެހެންވެ މިފަހަރުގެ ޕްރައިމަރީ އަކީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާ ޕްރައިމަރީއަށް ވާނެ ކަމަށް ބެލެވެއެވެ.