ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު، އެތުލެޓިކޯ މެޑްރިޑް، ބޮރޫޝިއާ ޑޯޓްމަންޑް އާއި ޝާލްކާ އަދި ޕޯޓޯ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ފްރާންސްގެ މޮނާކޯ އަތުން 2-0 އިން އެތުލެޓިކޯ މޮޅުވިއިރު ބެލްޖިއަމްގެ ކްލަބް ބްރޫޖް އާ ދެކޮޅަށް ޑޯޓްމަންޑް ކުޅުނު މެޗު ލަނޑެއްނުޖެހި އެއްވަރުވެފައިވެއެވެ. ޝާލްކާ އަތުން 3-1 އިން ޕޯޓޯ މޮޅުވިއިރު ލޮކޮމޯޓިވް މޮސްކޯ ވަނީ 2-0 އިން ގަލަތަސާރޭ ބަލިކޮށްފައެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި މޮނާކޯ އާ ދެކޮޅަށް ކުޅުނު މެޗުގައި ފެނިގެންދިޔަ ދެލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން، މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ސްޕެއިނުގެ މިޑްފީލްޑަރު ކޯކޭ ކާމިޔާބުކުރި ގޯލުން އެތުލެޓިކޯ އަށް ލީޑް ލިބިފައިވަނިކޮށް، 24 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ޖަހައިދިން ލަނޑާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 2-0 ގެ ނަތީޖާއަކުން ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގައި މޮނާކޯގެ ރަޑަމެލް ފަލްކާއޯ އާއި ޔޫރީ ޓީލެމެންސް އަށް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވެއެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް އެތުލެޓިކޯގެ ގޯލްކީޕަރު ޔާން އޮބްލަކް މަތަކުރިއެވެ.
އޭގެފަހުން، މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް އެތުލެޓިކޯގެ ޕެނަލްޓީއޭރިޔާތެރެއިން ބޯޅައިގައި އަތްލުމުން އެ ޓީމުގެ ޑިފެންޑަރު ސްޓެފަން ސަވިޗަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މޮނާކޯ އަށް ލިބުނު ޕެނަލްޓީ، އެ ޓީމުގެ ކޮލަމްބިއާ ފޯވާޑް ފަލްކާއޯ ފޮނުވާލި ނަމަވެސް ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.
މި ގްރޫޕުގައި ހިމެނޭ ބްރޫޖް އާ ދެކޮޅަށް ޑޯޓްމަންޑް ކުޅުނު މެޗު 0-0 އިން އެއްވަރު ނަމަވެސް އެ ޓީމު ވަނީ އެތުލެޓިކޯ އާއެކު ދެވަނަ ބުރުން ޖާގަ ހޯދައިފައެވެ. ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮތްއިރު، ރޭގެ ނަތީޖާއާއެކު އެތުލެޓިކޯ މިހާރު އޮތީ 12 ޕޮއިންޓާ އެކު ގްރޫޕް އޭގެ އެއްވަނައިގައެވެ. ގްރޫޕްގެ ދެވަނައިގައި 10 ޕޮއިންޓާ އެކު ޑޯޓްމަންޑް އޮތްއިރު ތިންވަނައިގައި ފަސް ޕޮއިންޓާ އެކު އޮތީ ބްރޫޖްއެވެ. އަދި ގްރޫޕްގެ ފުލުގައި އެންމެ ޕޮއިންޓަކާއެކު އޮތީ މޮނާކޯ އެވެ.
މި މުބާރާތުގެ ގްރޫޕް ޑީ ގައި ހިމެނޭ ޕޯޓޯ ވަނީ 3-1 އިން ޝާލްކާ ބަލިކޮށް މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މި މެޗުން ބަލިވިނަމަވެސް ޝާލްކޭ ދެވަނަ ބުރުގެ ޖާގައެއް ހޯދިއިރު މި ގްރޫޕުގައި ހިމެނޭ ލޮކޮމޯޓިވް މޮސްކޯ ވަނީ 2-0 އިން ގަލަތަސާރޭ އަތުން މޮޅުވެފައެވެ.