Last Updated: November 24, 21:27
Sunday, November 24, 2024

(މެއި 19، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ސާރާ ވެސް މަންމަމެންނާ އެކު ގެޔާ ދިމާއަށް ހިނގައިގަންނަމުން ބުނެލި އެވެ.
ކަރީމު ވެސް ގުރާދޫގެ އެތަށް ވާހަކައެއް ސާރާ ކުރެން އެއްސެވެ. އެ ވަގުތު ކޮޅު ހުސްނާ ސައި ހަދައިގެން ދެބަފައިންނަށް އަ އެވެ. މިހާރު ކުރިޔާ ޙިލާފަށް ސާރާ މާ މަޑުން އިންނަހެން ހުސްނާ އަށް ހީވި އެވެ. ނުކުރާ ސުވާލަކަށް ޖަވާބެއް ވެސް ނުދެ އެވެ. އިންނަނީ ކޮންމެވެސް ފިކުރަކަށް ގެއްލިފަ އެވެ.

"މަންމާ…އަޅުގަނޑު މިދަނީ ކޮޓަރިއަށް. ދަތުރު ހަމަ މާ ވަރުބަލީ." ސާރާ ތެދުވަމުން ބުނެލި އެވެ.

"އާނ ދަރިފުޅާ. ދޭ. މަންމަ އަނެއްކޮޅުން އިރު އެރިޔަސް ދަރިފުޅު ދޫކޮށެއް ނުލާނެ." ކަރީމުް ހިނިތުން ވެލަމުން ބުނެލި އެވެ.

ސާރާ ވެސް ބޯ ޖަހާލަމުން ކޮޓަރި އާ ދިމާއަށް ދިޔަ އެވެ. ކޮޓަރިއަށް ވަނުމާ އެކު ސާރާ އޭނާގެ ފޯނުން ކޮންމެވެސް މީހަަކަށް ގުޅާލި އެވެ. އަދި ބައްދަލު ކުރަން އަންނާނަމޭ ބުނެ ގަޑި ހަމަޖައްސާލަމުން އޭނާ ގެނައި ދަބަހުގައިވާ ސީޑީއެއް ނަގައި ރޭޑިޔޯގައި އަޅުވާލި އެވެ.

އެވަގުތު ގުގުމާލި އަޑުން ސާރާ ހިތްހަމަޖެހުނު ހެން ހީވި އެވެ. ސާރާ ކެސެޓް ނިވާލި އެވެ. ސާރާ ކޮމްޕިޔުޓަރު ކައިރީ އިނދެ ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލި އެވެ. އަދި ދެތިން ފަހަރަށް އެއަށް ބަލާލުމަށް ފަހު ހިތްހަމަޖެހުމުގެ ނޭވާއެއްލި އެވެ. އަދި ވަރަށް ފުރިހަމައަށް ތައްޔާރު ވެލި އެވެ. އަދި ބޭރަށް ނިކުތެވެ.

"ދަރިފުޅު ތަނަކަށް ދަނީތަ؟" ބޭރުގައި ހުސްނާ ހުރެފައި ސާރާ ފެނުމާ އެކު އަހާލި އެވެ.

"މަންމާ…މިއަދު އަޅުގަނޑު ފަޒުނާ މަތިން މާ ބޮޑަށް ހަނދާންވަނީ. އެގެއަށް ވަދެލާފަ އަންނާނަން." ދޮރާ ދިމާއަށް ހިނގައި ގަންނަމުން ސާރާ ބުނެލި އެވެ.

ސާރާ ވިޝާމް ސްޓޫޑިޔޯގެ ކައިރިއަށް ހުއްޓިލާފައި ވަށައިގެން ހޯދާލި އެވެ. އަދި އަވަސް އަވަހަށް އެތެރެ އަށް ދެމިލިއެވެ. އެއީ ތަނަވަސް އޮފީހެކެވެ. ވަށައިގެން އިލެކްޓްރިކްގެ ސާމާނު ހުރި ކޮޓަރިއެއްގައި ދެ މީހަކު އިށީނދެގެން ތިއްބެވެ. ސާރާ ވަންތަން ފެނުމާއެކު އެ ތަނުން ތަންކޮޅެއް ހިކިކޮށް ހުރި މީހާ ތެދުވެގެން އަތުވެއްޖެ އެވެ.

"ތީ ސާރާ ދޯ؟" އެ މީހާ ސާރާ ކައިރިން އަހާލި އެވެ. ސާރާ ބުރުގާ ރަނގަޅުކޮށްލަމުން އާނއެކޭ ބުނާ ގޮތަށް ބޯ ޖަހާލި އެވެ.

"އަހަރެންގެ ނަމަކީ ފައިސަލް. ވަދޭ އެތެރެއަށް." ފައިސަލް އަމިއްލަ ޔަށް އޭނާގެ ނަން ބުނެ ތައާރަފް ވެލަމުން އެތެރެއަށް ވަނެވެ. އަދި ސާރާ ވަނުމަށްޓަކައި ދޮރު ހުޅުވައިގެން ހިފަހައަޓައިގެން ހުއްޓެވެ.

"އަހަރެންގެ ނަމަކީ ވިޝާމް." އިށީނދެގެން އިން މީހާ ތެދުވެލާފައި ކުރިޔަށް އަތް ދިއްކޮށްލަމުން އޭނާގެ ތަޢާރަފެއް ދިނެވެ. އަދި ސާރާ ވެސް އޭނާގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ. ފައިސަލް ވެސް މޭޒްގެ އެއް ފަރާތުގައި އިށީނެވެ.

"އަޅުގަނޑަކީ ސާރާ…"

"ސާރާ ނުދަންނާނީ ކާކު. ސާރާގެ ބައްޕައަކީ މާލޭގެ މުއްސަދިންގެތެރޭ ހިމެނޭ ބޭކަލެއް. ތި ބޭފުޅުންނަށް ހިދުމަތްކޮށް ދިނުމަކީ އަޅުގަނޑުމެންގެ އުފަލެއް. ކޮބާތޯ ސީޑީ."

"މިއޮތީ." ސާރާ ކަވަރު ހުޅުވާލުމަށް ފަހު ސީޑީ ނެގި އެވެ.

ވިޝާމު އެ ވަގުތު އޭތި އަޅުވަން ފައިސަލް އަށް އިޝާރާތްކޮށް ލިއެވެ.

ހިނދުކޮޅެއްގެ މަސައްކަތަށް ފަހު ސޫރަޖް ގެ އަޑު އިވިގެން ދިޔަ އެވެ. އެހެނަސް މާނަ ފުން ރީތި ލަވައެކެވެ. ވިޝާމް އާއި ފައިސަލް ތިބީ ރަނގަޅަށް އެ އަޑުގެ ޖާދޫގައި ޖެހިފަ އެވެ. ލަވަ ނިމުނީމަ ވެސް މުޅި ތަނުގައި ހީވަނީ އެ އަޑު ހަރުލާފައި ހުރިހެންނެވެ.

"ވާހް…ވާހް…ވާހް" ވިޝާމް އަށް ބުނެލެވުނެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން ފައިސަލް ވެސް ބޯ ޖަހާލި އެވެ.

"އިންތިހާއަށް ރީތި. މި ލަވަ ކިޔުންތެރިޔާ އަކީ ސާރާ ގެ ކާކު؟ ހާދަ ރީތި ހިތްގައިމު އަަޑެއް. މި ލަވަޔާ މި އަޑު މިޔުޒިކްގެ މާކެޓްގައި ގުގުމާނެ." ވިޝާމް ސާރާ އާ ދިމާއަށް ބަލާލަމުން ބުނެލި އެވެ.

"މިއީ ލޯފަން ޒުވާނެއްގެ އަޑު. އަހަރެން މި ފަހަރު ދިޔަ ރަށަކުން ދިމާވި މީހެެއް." ސާރާ ކުރު ގޮތަކަށް ސޫރަޖް ގެ ވާހަކަ ކިޔައި ދިނެވެ.

"ވިޝާމް…މީނާ އަކީ ވަރަށް އެހެން ކަހަލަ މީހެއް. އެއްވެސް މީހެއްގެ ހަމްދަރްދީއެއް އިހްސާންތެރި ކަމެއް އޭނާ ބޭނުމެއް ނުވާނެ. އަދި އަމުދުން އަންހެނަކު އޭނާގެ ލަވަތަކާ މެދު ޝައުގުވެރިވެ އޭނާ އަށް އެހީވާކަން އޭނާ އަށް އެނގިގެން ނުވާނެ. އަހަރެން ބޭނުން ވަނީ އޭނާގެ ލަވަތަށް ރެކޯޑް ކުރެވިގެން ވިއްކަން. އޭނާ ލައްވާ ޝޯތަށް ބާއްވާ އޭނާއަކީ ލޯފަން މީހެއް ނަމަވެސް މަޝްހޫރު ލަވަކިޔުންތެރިޔަކަށް ހަދަން. އެކަމަކު މިކަމުގައި އަހަރެންގެ އެއްވެސް އަތެއްވާކަން އެކަކަށް ވެސް އެނގޭކަށް އަހަރެން ބޭނުމެއް ނޫން އޭނާގެ ޝޯތައް ބޭއްވުމަށްޓަކާ ކުރާ ހުރިހާ ޙަރަދެއް އަަހަރެން ކުރާނަން. މިކަން އެއްވެސް މީހަކަށް އެނގިގެން ނުވާނެ. މިކަމުގާ ތިޔަ ދެ ބޭފުޅުން ގެ އެހީ އަޅުގަޑަމށް ލިބޭނެތޯ؟" ސާރާގެ މި ވާހަކަތަކުން ވިޝާމް އާއި ފައިސަލް އެކަކު އަނެކަށް ބަލާލިއެވެ. އަދި މާނައިން ފުރިގެން ވާ ގޮތަކަށް ސާރާ އާ ދިމާއަށް ބާލާލި އެވެ.

"ސާރާ ތި އެދޭ ގޮތަކަށް ތިޔަ ކަންތައް ކުރިޔަށް ދާނެ. ސާރާ ފިކުރު ނުކުރޭ. އިރާދަކުރެއްވިއްޔާ ސޫރަޖް އަކީ ފަނޑުވުމެއް ނެތް ތަރިޔަކަށް ހަދާނަން." ވިޝާމް މޭޒު މަތީގައިވާ ބަރު އަނބުރާލަމުން ބުނެލި އެވެ. އެވަގުތު ސާރާ އޭނާގެ އަތުގައިވާ ދަބަހުން ދިގު ކަރުދާސްގަނޑެއް ނެގި އެވެ.

"މީގައި ސޮއިކޮށްލާ." ސާރާ ވިޝާމް އާ ދިމާއަށް އެ ގަނޑުތަށް ދިއްކޮށްލި އެވެ.

"މީ…؟" ފައިސަލް އަހާލި އެވެ.

"މިއީ އެއް އަހަރު ދުވަހުގެ އެގްރީމެންޓް ސޫރަޖް ގެ ލަވަތައް ވިއްކައިގެން ލިބޭ ހުރިހާ ލާރިއެއް ދާން ޖެހޭނީ ސޫރަޖްގެ އަމިއްލަ އެކައުންޓަށް. މީގެ ބަދަލު، މިކަމަށް ވިޝާމް ސްޓޫޑިޔޯ އިން ކުރާ ހުރިހާ ޙަރަދެއް ކުރާނީ ސާރާ. އަދި މިކަމަކީ ސިއްރު ކަމެއްގެ ގޮތުގައި ބޭއްވެން ޖެހޭނެ." މިއީ އެއެގްރީމެންޓްގައި ހުރި ބައެއް ވާހަކަ ތަކެވެ.

ވިޝާމް އާއި ފައިސަލް އެއެގްރީމެންޓްގައި ސޮއި ކުރި އެވެ.

"ސާހިލް…ސާހިލް އަށް އައި ސިޓީއެއް އެބަ އޮތް."

(ނުނިމޭ)