Last Updated: November 26, 11:52
Tuesday, November 26, 2024
ކުޅިވަރު

ޕީއެސްވީ ބަލިކޮށް ބާސާ ހަމަޖެހިލިއިރު ލިވަޕޫލް ބަލިކޮށް ޕީއެސްޖީ ދެވަނަ ބުރާއި ގާތަށް

ޕީއެސްވީ ކޮޅަށް ލަނޑުޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން ބަލިކޮށް ބާސެލޯނާ އިން ގްރޫޕް ބީގެ އެއްވަނަ ކަށަވަރުކުރިއިރު މި މުބާރާތުގެ އެންމެ ވަރުގަދަ ގްރޫޕުކަމަށް ބެލެވޭ ގްރޫޕް ސީ ގައި ހިމެނޭ ލިވަޕޫލް ބަލިކޮށް ޕީއެސްޖީ އިން ވަނީ ދެވަނަ ބުރަށް ދަތުރުކުރުމާއި ގާތަށް ޖެހިލައިފައެވެ.

ރަށުން ބޭރުގައި ޕީއެސްވީ އަތުން 2-1 އިން ބާސާ މޮޅުވިއިރު އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލް އަތުން ޕީއެސްޖީ މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ.

ޕީއެސްވީގެ ދަނޑުގައި ބާސެލޯނާ އާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންގޮސްފައިނުވާއިރު މިހާފުގައި ޕީއެސްވީ އިން ވަނީ ބާސެލޯނާގެ ޑިފެންސްލައިނަށް އުނދަގޫތައް ކުރިމަތިކޮށްފައެވެ. އެގޮތުން، ޕީއެސްވީގެ ކުޅުންތެރިން ފޮނުވާލި ދެ ހަމަލާއެއް ބާސެލޯނާގެ ގޯލްގެދަނޑިއަށް އަމާޒުވެފައިވާއިރު އެ ޓީމުގެ މިޑްފީލްޑަރު އާތުރޯ ވިޑާލް އަށް ވަނީ ލަނޑުޖަހާނެ ދެ ފުރުޞަތުލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ދެ ހަމަލާވެސް ގޯލްގެ ރޮނގުމަތީން ޕީއެސްވީގެ ކުޅުންތެރިން ވަނީ ސަލާމަތްކޮށްފައެވެ.

މި މެޗުގައި ބާސެލޯނާ އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު، 61 ވަނަ މިނެޓުގައި ލިއޮނަލް މެސީ ޖަހައިދިންއިރު އޭގެ ނުވަ މިނެޓުފަހުން ޖެރަޑް ޕީކޭ ވަނީ އެ ޓީމަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ.

އޭގެފަހުން، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 8 މިނެޓަށްވެފައިވަނިކޮށް، ލޫކް ޑި ޔޮންގް ކާމިޔާބުކުރި ގޯލުން ޕީއެސްވީ އިން ފަރަގު ކުޑަކުރި ނަމަވެސް އިތުރު ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.

ރޭގެ މޮޅާއެކު ގްރޫޕް ބީ ގެ އެއްވަނަ ބާސެލޯނާ އިން ކަށަވަރުކުރީ، ބާކީ އެއް މެޗު އޮއްވައި ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހަމަކޮށްގެންނެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަދި ތިންވަނައިގައި އޮތް އިންޓަ މިލާނަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު މި ދެ ޓީމު ރޭ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށް ޓޮޓެންހަމް ވަނީ ނޮކްއައުޓް ބުރުން ޖާގައެއް ހޯދުމުގެ އުއްމީދު އާކޮށްފައެވެ. މި ގްރޫޕްގެ ފުލުގައި އޮތީ ބާސެލޯނާ އަތުން ބަލިވި ޕީއެސްވީ އެވެ. އެ ޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ލިވަޕޫލާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސަސް ސްޓޭޑިއަމްގައި ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑް ނަގައިދިނީ ސްޕެއިނުގެ ފުލްބެކް ހުއާން ބަނާޓް އެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު، ފުރަތަމަ ހާފު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ނޭމާ އެވެ. ޕީއެސްޖީގެ މި ދެ ގޯލް ކާމިޔާބުކުރުމުގައިވެސް މުހިއްމު ދައުރެއް އަދާކުރީ ފްރާންސްގެ ޒުވާން ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ އެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކުން ޖޭމްސް މިލްނާ ވަނީ ނަތީޖާ 2-1 އަށް ބަދަލުކޮށްލާފައެވެ. މިއީ އެ ޓީމުގެ ސަޑިއޯ މާނޭ އަށް ޕީއެސްޖީގެ އެންހެލް ޑި މާރިއާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގެ ދެވަނަ ހާފުގައި ވެސް ޕީއެސްޖީގެ މާކީނޯސް އާއި ނޭމާ އަށް ވަނީ އެ ޓީމުގެ ލީޑް ފުޅާކުރުމަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އެވެ.

މި ގްރޫޕުގެ އެއްވަނައިގައި އޮތީ ރޭ ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑް އަތުން 3-1 އިން މޮޅުވި އިޓަލީގެ ނަޕޯލީ އެވެ. އެ ޓީމަށް ފަސް މެޗުން 9 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އުޅޭ ޕީއެސްޖީ އަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. ހަ ޕޮއިންޓާއެކު ތިންވަނައިގައި ލިވަޕޫލް އޮތް އިރު ގްރޫޕުގެ ފުލުގައި އޮތް ރެޑްސްޓާ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ރޭގެ މެޗުން ބަލިވުމުން ލިވަޕޫލަށް މި މުބާރާތުގެ ދެވަނަ ބުރުން ފުރުޞަތު ލިބެން އޮތީ ފަހު މެޗުގައި އަންނަ މަހު 11 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނަޕޯލީ އަތުން މޮޅުވެގެންނެވެ. ޕީއެސްޖީ އަށް ދެން އޮތީ ރަށުން ބޭރުގައި ރެޑް ސްޓާ އާ ދެކޮޅަށް ކުޅޭ މެޗެވެ.