ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ބާކީ އެއް މެޗު އޮއްވާ އާސެނަލް އާއި ޗެލްސީ އިން އެ ދެ ޓީމު ހިމެނޭ ގްރޫޕްތަކުގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅެ ޔޫކްރެއިންގެ ވޯސްކްލާ އަތުން 3-0 އިން އާސެނަލް މޮޅުވިއިރު ގްރީސްގެ ޕީއޭއޯކޭ އާ ވާދަކޮށް އަމިއްލަ ދަނޑުގައި ޗެލްސީ މޮޅުވީ 4-0 އިންނެވެ.
ވޯސްކްލާ އާ ދެކޮޅަށް އާސެނަލްގެ ކޯޗު އުނައި އެމެރީ ނެރެފައިވަނީ ވަރަށް ޒުވާން ޓީމެކެވެ. އެގޮތުން، އެ ޓީމު ލީގުގައި އެންމެ ފަހުން ބޯންމައުތު އަތުން މޮޅުވި މެޗުގައި ކުޅުނު އިނގިރޭސި ޑިފެންޑަރު ރޮބް ހޯލްޑިން ފިޔަވައި ސީނިއާ ޓީމުގެ އިތުރު ކުޅުންތެރިއަކަށް މި މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ދީފައެއްނުވެއެވެ. މި މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓީ ތަޖުރިބާކާރު ގޯލްކީޕަރު ޕީޓަ ޗެކް އެވެ.
ކިއޭވްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 11 ވަނަ މިނެޓުގައި އާސެނަލަށް ލީޑް ނަގައިދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ކުޅުންތެރިޔާ އެމީލް ސްމިތު ރޯވް އެވެ.
މެޗުގެ 27 ވަނަ މިނެޓުގައި އާރޮން ރަމްސޭ އަށް ވޯސްކްލާގެ ކުޅުންތެރިއެއް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލައިގެން ރަމްސޭ ވަނީ އާސެނަލްގެ ދެވަނަ ލަނޑުޖަހައިދީފައެވެ.
އޭގެފަހުން، ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ޖޯ ވިލޮކް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ އާސެނަލްގެ ލީޑް ފުޅާކޮށްދީފައެވެ. މިހާފު ނިމުނީ 3-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައިއޮވެގެންނެވެ.
މި މެޗުގެ ދެވަނަ ހާފުގައި ވެސް އާސެނަލުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން، އެ ޓީމުގެ ސްމިތު ރޯވް އާއި އެޑީ އެންކީޓިއާގެ އިތުރުން ބުކާޔޯ ސާކާ އަދި ވިލޮކް ފޮނުވާލި ހަމަލާތައް ވޯސްކްލާގެ ގޯލްކީޕަރު ބޯޑަން ޝަސްޓް މަތަކުރިއެވެ.
ރޭގެ މެޗުން މޮޅުވެ އާސެނަލް އޮތީ 13 ޕޮއިންޓާއެކު ގްރޫޕް އީގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ސްޕޯޓިން ލިޒްބަން ވަނީ ރޭ ކުޅުނު މެޗުން 6-1 އިން އަޒަރުބައިޖާންގެ ގަރަބަގް ބަލިކޮށް، ފަސް މެޗުން 10 ޕޮއިންޓް ހަމަކޮށްފައެވެ. ތިން ވަނައިގައި އޮތް ވޯސްކްލާ އާއި އެންމެ ފުލުގައި އޮތް ގަރަބަގަށް މިހާތަނަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.
ލަންޑަންގެ ސްޓެމްފަޑް ބްރިޖްގައި ރޭ ޗެލްސީ ކުޅުނު މެޗުގެ ކުރީކޮޅު އެ ޓީމުން ވަނީ ޕީއޭއޯކޭގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އޭގެ ނަތީޖާއެއްގެގޮތުން، މެޗުގެ ހަތްވަނަ މިނެޓުގައި ޗެލްސީ އިން އުފެއްދި އެޓޭކެއްގައި އެ ޓީމުގެ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫ އަށް ޕެނަލްޓީއޭރިޔާބޭރުން ކުރި ފައުލަކަށް ޕީއޭއޯކޭގެ ޔެވްހެން ކަޗެރީޑީ އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުމުން އެ ޓީމަށް މައްސަލަތައް ކުރިމަތިވިއިރު ފުރަތަމަ ހާފު ނިމުމުގެ ކުރީން ޖިރޫ ވަނީ 10 މިނެޓުގެ ތެރޭގައި ޗެލްސީ އަށް ދެލަނޑުޖަހައިދީފައެވެ. މިހާފު ނިމުނީ 2-0 އިން ޗެލްސީ ކުރީގައިއޮވެގެންނެވެ.
މި މެޗުގެ ދެވަނަ ހާފުގައި ޗެލްސީ ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށް ލީޑް ފުޅާކޮށްފައެވެ. އެގޮތުން، މެޗުގެ 60 ވަނަ މިނެޓުގައި ސެސް ފަބްރެގާސް ދިން ބޯޅައަކުން ޒުވާން ކުޅުންތެރިޔާ ކަލުމް ހަޑްސަން-އޮޑޯއި އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިންއިރު މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް މިހާފުގައި ކުޅެން ނިކުތް އަލްވާރޯ މޮރާޓާ ވަނީ ޗެލްސީ އަށް އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ. މިއީ އެ ޓީމުގެ ހަޑްސަން-އޮޑޯއި ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން މޮރާޓާ ކާމިޔާބުކުރި ގޯލެކެވެ.
ރޭގެ މެޗުތަކަށްފަހު، ގްރޫޕް އެލްގައި ހިމެނޭ ޗެލްސީ އޮތީ ސައްތައިން ސައްތަ ރެކޯޑަކާ އެކު ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައި އޮތް ބާޓޭ ބޮރިސޯފް ވަނީ ތިން ވަނައިގައި އޮތް ވިޑީ އަތުން 2-0 އިން މޮޅުވެފައެވެ. މި ދެ ޓީމަށްވެސް ފަސް މެޗުން 6 ޕޮއިންޓް ލިބިފައިވާއިރު، ބާޓޭ އަށް ކުރި ލިބެނީ ދެ ޓީމުގެ ދެމެދުގައި ކުޅެވުނު މެޗުގެ ނަތީޖާއިންނެވެ. އެންމެ ފުލުގައި އޮތީ ތިން ޕޮއިންޓާ އެކު ޕީއޭއޯކޭ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން، ޑެންމާކުގެ ކޯޕެންހޭގަން އަތުން 1-0 އިން މޮޅުވެ ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓަސްބާގް ދެވަނަ ބުރުގެ ޖާގަ ޔަގީންކުރިއިރު ގްރީސްގެ އޮލިމްޕިއާކޯސް 1-0 އިން ބަލިކޮށް ސްޕެއިނުގެ ރެއާލް ބެޓިސް ވެސް ވަނީ ދެ ވަނަ ބުރުން ޖާގަ ކަށަވަރުކޮށްފައެވެ. ލަގްޒެމްބާގުގެ ޑުޑްލާންޖް އަތުން 5-2 އިން މޮޅުވެ އިޓަލީގެ އޭސީ މިލާން ދެވަނަ ބުރުގެ އުއްމީދު ބޮޑުކުރިއިރު ސްކޮޓްލެންޑްގެ ރޭންޖާސް ވަނީ ރޭ ރަށުން ބޭރުގައި ވިޔަރެއާލް އާ 0-0 އިން އެއްވަރުކޮށް ދެ ވަނަ ބުރަށް ދިއުމުގެ އުއްމީދެއް ހޯދައިފައެވެ.
މީގެއިތުރުން، ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަޕޮލޯން އަތުން 2-0 އިން ލާޒިއޯ ބަލިވިއިރު ސްޓޭންޑަޑް ލިއޭޖް ވަނީ 1-0 އިން ސެވިއްޔާ އަތުން މޮޅުވެފައެވެ. މާސޭ އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ފްރެންކްފާޓް މޮޅުވިއިރު ބެސިކްޓާސް ވަނީ 3-2 އިން ސާޕްސްބޯގް ބަލިކޮށްފައެވެ.