ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ފަހަރަށް ލީގު ތަށި އުފުލާލައިފިއެވެ.
މިއީ 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށިފަހުން ރާއްޖޭގައި ބޭއްވި މުބާރާތެއްގެ ތަށި އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ޓީސީ އަށް މިހާތަނަށް ލިބިފައިވާ ހަމައެކަނި ތަށްޓަކީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ކަޕެވެ.
ޓީސީ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތަށި އުފުލާލައިފައިވަނީ ލީގުގައި މިރޭ ކްލަބް އީގަލްސް އާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. މިރޭ ކުޅުނު މެޗަށް ނިކުތްއިރު، އެ ޓީމަށް ވަނީ ލީގުގެ ތަށި ކަށަވަރުވެފައެވެ. އެއީ، މިއަދު ހަވީރު ނިއު ރޭޑިއަންޓް އާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗު 4-4 އިން އެއްވަރުވުމުންނެވެ. މިރޭ އީގަލްސް އާ ދެކޮޅަށް ޓީސީ ކުޅުނު މެޗު ނިމުނީ ވެސް ހަމަ މިނަތީޖާއިންނެވެ.
ލީގުގެ ހުރިހާ މެޗެއް ކުޅެ ނިންމާލިއިރު ޓީސީ އަށް ލީގުގެ އެއްވަނަ ލިބުނީ 40 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް 38 ޕޮއިންޓް ލިބިފައިވާއިރު އީގަލްސް ތިންވަނައިގައި އޮތީ 36 ޕޮއިންޓާއެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން ނިއު ހަތަރު ވަނައިގައި އޮތީ 28 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް 26 ޕޮއިންޓް ލިބިފައިވާއިރު ނިލަންދޫ އޮތީ 13 ޕޮއިންޓާއެކު ހަވަނައިގައެވެ. ފޯކައިދޫ އަށް 12 ޕޮއިންޓާއެކު ހަތްވަނަ ލިބިފައިވާއިރު ވިކްޓްރީ ސްޕޯޓްސް ކްލަބް މި ބުރު ނިންމާލީ 10 ޕޮއިންޓާއެކު އެންމެ ފުލުގައިއޮވެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅެވުނު މި މެޗުގައި ޓީސީ އިން ވަނީ ފުރަތަމަ ހާފުގައި ދެލަނޑު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު އިބްރާހިމް ވަހީދު ހަސަން ކާމިޔާބުކުރިއިރު އަލީ އަޝްފާގް ވަނީ އިތުރު ލަނޑެއްޖަހައި ލީޑް ފުޅާކޮށްދީފައެވެ. މިއީ މިސީޒަނުގައި އޭނާ ކާމިޔާބުކުރި 42 ވަނަ ގޯލެވެ.
ފުރަތަމަ ހާފު ނިމުމުގެކުރީން މުހައްމަދު ނާއިމް ވަނީ ގޯލެއް ކާމިޔާބުކޮށް އީގަލްސް އަށް ފަރަގު ކުޑަކޮށްދީފައެވެ. މިހާފު ނިމުނީ 2-1 އިން ޓީސީ ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި އީގަލްސް ވަނީ އިތުރު ދެ ގޯލް ކާމިޔާބުކޮށް ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ. އެ ޓީމުގެ ދެލަނޑުވެސް ޖަހައިދިނީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.
އޭގެފަހުން، ރިޒޭ ވަނީ އިތުރު ލަނޑެއްޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށް އީގަލްސް އަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ. މިއީ މިސީޒަނުގައި އޭނާ ކާމިޔާބުކުރި 35 ވަނަ ގޯލެވެ. މީގެއިތުރުން، މިއީ މި ސީޒަނުގައި އޭނާ ހެޓްރިކް ހެދި 8 ވަނަ ފަހަރެވެ.
މި މެޗުގައި ޓީސީ އިން ކާމިޔާބުކުރި ތިންވަނަ ގޯލް، މިސްރުގެ ޑިފެންޑަރު އަލާ ނާސިރު ޖަހައިދިންއިރު، މެޗުގެ އިތުރުވަގުތުގައި ޓީސީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިޝާން އިބްރާހިމް (ސައްޓު) އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ރިޒޭ ހޮވުނުއިރު މި މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ ޓީސީގެ ކިރަން އެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވުނީ ގްރީން ސްޓްރީޓްސް އެވެ. ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަދި ނިއުގެ ކުރީގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އެވެ.