އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ބޯންމައުތު ބަލިކޮށް މެންޗެސްޓާ ސިޓީ އިން ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. މި މެޗު ސިޓީން ކާމިޔާބުކުރީ 3-1 އިންނެވެ.
ސިޓީން ލީގުގެ އެއްވަނައިގައި އޮތީ 14 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ދެވަނައިގައި އޮތް ލިވަޕޫލް އޮތީ 13 މެޗުން 33 ޕޮއިންޓާ އެކު އެވެ. ލީގުގެ ތިން ވަނަ މަގާމް ގައި 30 ޕޮއިންޓާއެކު ޓޮޓެންހަމް ހޮޓްސްޕާ އޮތްއިރު ޗެލްސީ އޮތީ 28 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމަށް ލީޑް ނަގައިދިނީ ޕޯޗުގަލްގެ ވިންގާ ބެނާޑޯ ސިލްވާ އެވެ. ފުރަތަމަ ހާފު ނިމުމުގެކުރީން، ބޯންމައުތުގެ އިނގިރޭސި ފޯވާޑް ކެލުމް ވިލްސަން ވަނީ ބޮލުން ވައްދާލި ރީތި ގޯލަކުން އެ ޓީމަށް އެއްވަރުކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއްގެތެރޭގައި، މެޗުގެ 57 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ވަނީ ސިޓީ އަށް އަލުން ލީޑް ނަގައިދީފައެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 8 ވަނަ ގޯލެވެ.
މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ލެރޯއީ ސާނޭ ތަނަވަސްކުރި ފުރުޞަތަކުން އިލްކާއި ގުންޑޮގަން ވަނީ އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
ޕްރީމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު، ބާންލޭ އަތުން 2-0 އިން ކްރިސްޓަލް ޕެލަސް މޮޅުވިއިރު ބްރައިޓަން ހޯވް އެންޑް އެލްބިއަން ވަނީ ފަހަތުން އަރައި 2-1 އިން ހަޑަސްފީލްޑް ޓައުން ބަލިކޮށްފައެވެ. އަދި ލެސްޓާ ސިޓީ އަތުން 2-0 އިން ވަޓްފޯޑް ބަލިވިއިރު ވެސްޓްހޭމް ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، އެވަޓަން އާ ލިވަޕޫލް ބައްދަލުކުރާ މެޗާއި ޓޮޓެންހަމް އާ ދެކޮޅަށް އާސެނަލް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، މިއަދުގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ޗެލްސީ ނިކުންނާނީ ފުލަމް އާ ދެކޮޅަށެވެ.