ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ވެލެންސިއާ އަތުން މޮޅުވެ ރެއާލް މެޑްރިޑް ފަސްވަނައަށް ޖެހިލައިފިއެވެ. މި މެޗުން ރެއާލް މޮޅުވީ 2-0 އިންނެވެ.
ރޭގެ ނަތީޖާއަށްފަހު، ރެއާލް ވަނީ 14 މެޗުން 23 ޕޮއިންޓް ހަމަކޮށް ފަސްވަނައަށް ޖެހިލައިފައެވެ. ލީގުގެ އެއްވަނައިގައި 26 ޕޮއިންޓާއެކު ސެވިއްޔާ އޮތްއިރު ދެވަނައިގައި އޮތީ އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާ އެވެ. އެ ޓީމަށް ލިބިފައިވަނީ 25 ޕޮއިންޓެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ އެތުލެޓިކޯ އެވެ. ހަތަރުވަނައިގައި އޮތީ 23 ޕޮއިންޓާއެކު ޑިޕޯޓިވޯ އަލަވެސް އެވެ.
ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި ކުޅުނު މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލަކީ 8 ވަނަ މިނެޓުގައި ވެލެންސިއާގެ ފުލްބެކް ޑެނިއަލް ވާސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ފުރަތަމަ ހާފުގައި ރެއާލްގެ ގަރެތު ބޭލް އަށް ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތުލިބި ބޭކާރުވެފައިވާއިރު އޭނާ ފޮނުވާލި ދެ ހަމަލާވެސް ވެލެންސިއާގެ ބްރެޒިލް ގޯލްކީޕަރު ނޯބާޓޯ ނެޓޯ ވަނީ މަތަކޮށްފައެވެ.
މިހާފުގައި، ވެލެންސިއާ އިން ރެއާލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާ، އެ ޓީމުގެ ގޯލްކީޕަރު ތިބައުޓް ކޯޓުއާ ވަނީ މަތަކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ރެއާލް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ވެލެންސިއާގެ ފޯވާޑް ކެވިން ގަމެއިރޯ އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާގެ މެދުގައި ހުރެ ގޯލްގެ ތިރީކަނަށް އަމާޒުކޮށް އޭނާ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ކޯޓުއާ މަތަކުރިއެވެ.
އޭގެފަހުން، ރެއާލްގެ ކަރީމް ބެންޒެމާ އާއި ލޫކާ މޮޑްރިޗް އަދި ބޭލް ފޮނުވާލި ހަމަލާތައް ގޯލަށް އަމާޒުވާގޮތްނުވިއިރު ވެލެންސިއާގެ ކުޅުންތެރިންނަށް ލިބުނު ފުރުޞަތުތަކުގައި ރަނގަޅު ހަމަލާއެއް އުފެއްދޭގޮތެއްނުވިއެވެ.
މެޗު ނިމެން 7 މިނެޓަށްވެފައިވަނިކޮށް ރެއާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ލޫކަސް ވަޒްކޭޒް އެވެ. މިއީ ރެއާލަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ގޯލެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެސްޕަންޔޯލް އަތުން 3-0 އިން ގެޓަފޭ މޮޅުވިއިރު ލެގަނޭސް ވަނީ ރަށުން ބޭރުގައި 4-2 އިން ރެއާލް ވަލަޑޮލިޑް ބަލިކޮށްފައެވެ. ހުއެސްކާ އަތުން 2-0 އިން ސެލްޓާވިގޯ މޮޅުވިއިރު މި މުބާރާތުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި ރަޔޯ ވަޔެކާނޯ ވަނީ 1-0 އިން އެއިބާ އަތުން މޮޅުވެފައެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި، ބާސެލޯނާ އާ ވިޔާރެއާލް ބައްދަލުކުރާ މެޗުގެ އިތުރުން އަލަވެސް އާ ދެކޮޅަށް ސެވިއްޔާ ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.