Last Updated: November 26, 11:52
Tuesday, November 26, 2024
ކުޅިވަރު

ބަލިނުވެ ވިދިވިދިގެން 14 މެޗު ހަމަކުރުމަށްފަހު ޔުވެންޓަސް އިން ބޮޑު ލީޑެއް ނަގައިފި

ފިއޮރެންޓީނާ ކޮޅަށް ލަނޑުޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގާނާސޮކާނެޓް.ކޮމް

އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ފިއޮރެންޓީނާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ވިދިވިދިގެން ބަލިނުވެ 14 މެޗު ހަމަކުރުމަށްފަހު ތާވަލުގެ އެއްވަނައިގައި ޔުވެންޓަސް އިން 11 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރޭގެ ނަތީޖާއަށްފަހު، ޔުވެންޓަސް އަށް 14 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމާއި އެންމެ ގާތުން ވާދަކުރާ ނަޕޯލީ އަށް ލިބިފައިވަނީ 13 މެޗުން 29 ޕޮއިންޓެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި އިންޓަ މިލާން އޮތްއިރު ލާޒިއޯ އޮތީ 23 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅެވުނު މި މެޗުގެ ކުރީކޮޅު އެ ޓީމުގެ މާކޯ ބެނާސީ އާއި ނިކޮލާ މިލެންކޮވިޗް އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތުލިބި ބޭކާރުވެފައެވެ. މެޗު ފެށިގެން ދެވަނަ މިނެޓުގައި ޔުވެންޓަސްގެ ޕެނަލްޓީއޭރިޔާބޭރުން ބެނާސީ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށްދިޔައިރު 14 ވަނަ މިނެޓުގައި މިލެންކޮވިޗް ފޮނުވާލި ބޯޅަ ގޯލަށް އަމާޒުނުވީ ހަމަކިރިޔާއެވެ.

ފިއޮރެންޓީނާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 31 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ލީޑް ނަގައިފައެވެ. މި ލަނޑުޖަހައިދިނީ އެ ޓީމަށް ކުޅޭ އުރުގުއޭގެ ހުނަރުވެރި މިޑްފީލްޑަރު ރޮޑްރިގޯ ބެންޓަންކޫރް އެވެ. މިހާފު ނިމުނީ 1-0 އިން ޔުވެންޓަސް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ފިއޮރެންޓީނާގެ ބެނާސީ އާއި ވީޓަ ހޫގޯ އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތުލިބި ބޭކާރުވެފައެވެ. އޭގެފަހުން، އެ ޓީމުގެ ފެޑެރީކޯ ކިއޭސާ ފޮނުވާލި ހަމަލާވެސް ޔުވެންޓަސްގެ ގޯލްކީޕަރު ވޮޝިއެކް ޝެޒްނީ މަތަކުރިއެވެ.

ފިއޮރެންޓީނާ އިން ލަނޑެއްޖެހުމަށް ކުރަމުންދިޔަ މަސައްކަތްތައް ކާމިޔާބުނުކުރެވި އުޅެނިކޮށް ޔުވެންޓަސްގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ ވަނީ 69 ވަނަ މިނެޓުގައި ލަނޑެއްޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ޔުވެންޓަސްގެ ފަހު ލަނޑު، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ލީގުގައި ވިދިވިދިގެން އޭނާ ގޯލްޖެހި ފަސްވަނަ މެޗެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެމްޕޯލީ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ސްޕަލް ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު ސަމްޕްޑޯރިއާ ވަނީ 4-1 އިން ބޮލޯނިއާ ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަތަރު ގޯލްގެ ތެރެއިން ދެލަނޑު ފަބިއޯ ކުއަގްލިއަަރެއްލާ ޖަހައިދިންއިރު އަނެއް ދެލަނޑުޖަހައިދިނީ ޑެނިސް ޕްރައެޓް އާއި ގަސްޓޮން ރަމިރޭޒް އެވެ.