ނޯޓް: މިއީ އައްޑޫ ޑެޕިއުޓީ މޭޔަރު އަދި ހުޅުމީދޫ ދާއިރާގެ ކައުންސިލަރު ހަސަން ޝާހިދު އޭނާގެ ބްލޮގް "ވެލްކަމް ޓް ޝާހިދު ލައިވް" ގައި މެއި 19، 2013 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ލިއުމެކެވެ. ކިޔުންތެރިން އިންސާފުކޮށްލައްވާށެެވެ.
—————————————————-
އެއްވެސް ޝައްކެތް ވަސްވާހެއް ނެތް ގޮތުގައި، އިސްމެހެލާހެރަ ޗެނަލްގެ މަސައްކަތް ނިމި، އެ ޗެނަލްގެ ބޭނުން އައްޑޫގެ ރައްޔިތުންނަށް ލިބިގެން ދިއުމަކީ، މި އައްޑު އަށް ނުހަނު ބޭނުންތެރި ކަމެކެވެ. އިސްމެހެލާހެރަ މީދޫއާއި ގުޅުވާލެވުނީ، މީދޫ ބަނދަރު ހެދި ދުވަސްވަރު އެވެ.
އޭރު އިސްމެހެލާހެރަ އަކީ މި އައްޑު އަތޮޅުގައި އޮތް އެއްމެ ރީތި އެއް ރަށެވެ. އެ ގޮތުގައި އެރަށް އޮތް ނަމަ އައްޑޫގައި ފުރަތަމަ ރިސޯޓެއްގެ ގޮތުގައި ތަރައްޤީވެގެން ދާނީ އިސްމެހެލާހެރަ އެވެ. ނަމަވެސް ހެރަ މީދޫ އާއި ގުޅުވާލުމާ އެކު އެ ރަށުގައި ހުރި ގުދުރަތީ ކުޅިތަކަކީ ކުނި ގޮނޑުތަކަށް ބަދަލުވެގެން ދިޔަ އެވެ. ހެރައިގެ ގޮނޑުދަށުން ވެލި ނަގަން ފެށިއެވެ. ރަށާއި ގުޅުވާލުމުން އޮއިވަރަށް އައި ބަދަލާ އެކު މޫދުގެ ގުދުރަތީ ރީތިކަން ގެއްލިގެން ދިޔަ އެވެ.
ކޮންމެއަކަސް މީދޫ އާއި އިސްމެހެލާހެރަ ގުޅުވާލިތާ އެތަކެއް އަހަރު ފަހުން މައުމޫނުގެ ދިގު ތިރީސް އަހަރު ނިމި، 26 ޑިސެމްބަރު 2008 ވަނަ ދުވަހުގެ ހެނދުނު 7.30 ގައި މީދޫގެ ރައްޔިތުން ފަކީރާ އާއި އުދަލި ހިފައިގެން ގޮސް އިސްމެހެލާހެރަ އާއި މީދޫ ވަކި ކުރުމުގެ މަސައްކަތް، އިސްމެހެލާހެރަ ޗެނަލްގެ މަސައްކަތް ފެށި އެވެ.
އެ ދުވަހުން ފެށިގެން މީދޫގެ ރައްޔިތުން ކުރަމުން އަންނަ އިންތިޒާރަކީ އެ ޗެނަލްގެ މަސައްކަތް ކޮށްދޭނެ ސަރުކާރެއް، ވިޔަފާރިވެރިއެއް ފެނޭތޯ ކުރާ އިންތިޒާރެވެ. މި މަސައްކަތްކޮށް ދިނުމަށް އެދި، އޭރުގެ ސަރުކާރުގެ ވެރިންނަށާއި، ސަރުކާރާއި ގުޅިފައިވާ ވިޔަފާރިވެރިންނަށް މީދޫގެ ރައްޔިތުން އާދޭސްކުރިއެވެ. ކަންދިމާކުރި ގޮތުން އޭރު މީދޫ އޮފީސް ހިންގުމާއި ހަވާލުވެ ހުރި މީހެއްގެ ހައިސިއްޔަތުން އެ ފަރާތްތަކަށް ފޮނުވި އާދޭހުގެ ސިޓީތަކުގައި ސޮއި ކުރީ އަޅުގަނޑެވެ.
މި އިންތިޒާރުގަ ތިއްބާ ހެރެތެރެ ގިނަ އަދަދެއްގެ ވެލި ބޭނުންވެގެން އިސްމެހެލާހެރަ ފަޅުތެރެއިން ވެލި ހޯދުމަށް، ހުށަހެޅުމަކަށް މީދޫ ރައްޔިތުން ކުރިމަތި ކުރުވީ ޗެނަލްގެ މަސައްކަތްކޮށް ދިނުމަށެވެ.
އެގޮތުގެ މަތިން މަސައްކަތް ފެށުނު ނަމަވެސް އެމްޓީޑީސީ އިން އެމަސައްކަތް ކުރުމަށް ހަވާލުކުރި ފަރާތައް އެކަން ނުވެގެން، މަސައްކަތް ހުއްޓުނެވެ.
އެ ހިސާބުން މަސައްކަތް އަލުން ހިންގައި ގަތުމަށްޓަކައި، އެމް.ޓީ.ޑީ.ސީ އާއި ކައުންސިލުން ބައްދަލުކޮށް، ޗެނަލްގެ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ފައިސާ ކައުންސިލާއި ހަވާލުކޮށް ދިނުމަށް އެދުނެވެ.
ނަމަވެސް ދެފަރާތުން މަޝްވަރާކޮށް އެއްބަސްވެވުނީ، ކައުންސިލްގެ ބެލުމުގެ ދަށުން މަސައްކަތް ކުރުވުމަށްފައު، މަހުން މަހަށް މަސައްކަތްކުރުވާ ފަރާތަށް ދޭންޖެހޭ ފައިސާ ހޯދުމަށް ބިލް ހުށަހެޅުމުން ފައިސާ ދޫކުރަމުން ގެންދާނެ ކަމަށެވެ. މި ގޮތަށް އެއްބަސްވުމާ އެކު، އޭރު އެ އެމަސައްކަތް ކުރަމަށް އެމްޓީޑީސީން ހަވާލުކޮށްފައިވާ ފަރާތް މެދުވެރިކޮށް އަލުން މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ތެޔޮ ހޯދުމަށް ކައުންސިލުން 100،000ރުފިޔާ ހަމަޖެއްސި އެވެ. މި ފައިސާއިން މަސައްކަތް ފަށައި ގަނެގެން ކޮންމެވެސް ވަރަކަށް ކުރިޔަށް ދިޔަ ނަމަވެސް، އެކި ސަބަބުތަކާ ހެދި މަސައްކަތް ހަވާލުކުރި ފަރާތައް އެކަން ކުރެވޭ ގޮތް ނުވުމުން، މަސައްކަތް ދޫކޮށްފައި ދިޔައީ އެވެ.
މި ހާހިސާބަށް ދިޔަ އިރު މިއޮތީ ރިޔާސީ އިންތިޚާބުގެ ކެންޕޭން ފެށިފަ އެވެ. އެމްޑީޕީގެ 3 އަހަރު ސަރުކާރު ބަޣާވާތަކުން ނިމި ޔަ ފަހުން ވަހީދުގެ ސަރުކާރުގައިވެސް މިހާތަނަށް، މި ޗެނަލްގެ ވާހަކަ ދައްކާފައި ނުވެއެވެ. ސަބަބުތަކެއް ވެސް ހުރީމަ އެވެ.
އެމްޑީޕީ ސަރުކާރުން ވަނީ ހުޅުމީދޫގައި އެކަށީގެންވާ ބަނދަރެއް ހެދުމަށް 4.5 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް ފަށާފައެވެ. ހަމައެއާއެކު ރާއްޖޭގައި ބަނދަރެއް ނެތި ނުލާހިކު ދަތިހާލުގައި ރައްޔިތުން އުޅެމުންދާ ރަށްތައް އެބަ ހުއްޓެވެ.
މިހެން މިކަން އޮތުމާ އެކު، އާދައިގެ ބަނދަރެއް ހަދަން ހޭދަވާހާ ފައިސާ އެސްމެހެލާ ހެރަ ޗެނަލް ހަދަން ޚަރަދު ކުރުމަކީ ސަރުކާރަށް ކުރަން ފަސޭހަ ކަމަކަށް ނުވާނެ އެވެ.
އެހެންކަމުން ދެން މީދޫގެ ރައްޔިތުން ނިންމެވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެންޕޭންގައި މީދޫ ރައްޔިތުންގެ ފަރާތުން ކެންޑިޑޭޓުންނަށް ހުށަހަޅާނެ އެކައްޗަކީ އިސްމެހެލާހެރަ ޗެނަލް ކަމަށެވެ.
މިގޮތުގެ މަތިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެއްމެ ފުރަތަމަ ހުޅުމީދޫއަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް ޤާސިމް އިބްރާހިމް އެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޤާސިމްގެ އުފަން ރަށް ފިޔަވައި ދެން އެއްމެ ގިނަ ވޯޓް ޤާސިމް އަށް ލިބިފައި ވަނީ މީދޫއިންނެވެ.
ހީކުރި ގޮތާ އެއް ގޮތަށް ޤާސިމް އިބްރާހިމްގެ އަމިއްލަ ޚަރަދުގައި، ޗެނަލްގެ މަސައްކަތްކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޗެނަލްގެ މަސައްކަތް ކުރާއިރު، ކުރިން މަސައްކަތް ކުރުމަށް ހަދާފައިވާ ޕްލޭނަށް ބަދަލު ގެނެސް، ޗެނަލްގެ ފުޅާމިނުގައި، 35 މީޓަރު، ފުން މިން 4 މީޓަރަށް ބަދަލުކުރުމަށް ލަފާދެއްވި އެވެ.
މި ދެންނެވި މަޝްވަރާއާ އެކު، ވިލާ އިން އެ މަސައްކަތް ކޮށްދިނުމަށް ބޭނުންވާކަން އަންގައި ކައުންސިލަށް ސިޓީ ފޮނުވީ 25 ފެބްރުއަރީ 2013 ގައެވެ.
ކައުންސިލްގެ 2013 ވަނަ އަހަރުގެ 8 ވަނަ ބައްދަލުވުމުގައި މަޝްވަރާ ކުރެވި 13 މާޗް 2013 ވަނަ ދުވަހު މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ކައުންސިލުން ވަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިން އަށް ދީފައެެވެ.
ނަމަވެސް މިކަމަކީ އެއްވެސް އަމިއްލަ އެދުމެއް ނެތި އިޚްލާސްތެރިކަމާއެކު، ހެޔޮހިތުން މީދޫގެ ރައްޔިތުންނަށް ކޮށްދޭން ބުނެފައިވާ ކަމަކަށް ނުވާތީ، ޗެނަލްގެ މަސައްކަތް ފެށުމަށް އެދި އެދި ތިބި ރައްޔިތުންގެ މެދުގައި ކައުންސިލާމެދު ނަފްރަތު އުފެއްދި އެވެ.
ކައުންސިލުން ހުއްދަ ނުދީގެން މަސައްކަތް ނުފެށި ލަސްވަނީ ކަމަށް ބުނެ އަޑު ފެތުރިއެވެ. މިގޮތައް އެފަރާތުން އަޑު ފެތުރި ނަމަވެސް ޤާސިމް އިބްރާހިމްގެ ހުށަހެޅުމުގައިވާ ގޮތައް ޗެނަލްގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އިތުރު އީއައިއޭ އެއް ހަދަން ޖެހޭތީ، އެކަމަށް ހިނގާނެ ޚަރަދު ކައުންސިލުން ވަނީ ހަމަޖައްސާފަ އެވެ. އަދި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށް، އެމަސައްކަތް ފަރާތަކާއި ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދެ އެވެ.
ދެން އުފެދޭ ސުވާލަކީ އިދާރީ ގޮތުން ކުރަން ޖެހޭ މިމަސައްކަތް މިހާ ލަސްވެގެން ދިޔައީ ކީއްވެގެންތޯ އެވެ. މި ސުވާލުގެ ޖަވާބުގައި ދަންނަވަން ޖެހެނީ، ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރެއްވުމަށް، ތިއްބަވާ ބޭފުޅުން އެކަން ނުކުރައްވަނީ އެވެ. ސިޔާސީ ފިކުރުން އެއްކިބާވެ ތިބެ ރައްޔިތުނަށް ޚިދުމަތް ކުރުމުގެ ވިސްނުން ކައުންސިލްގެ ގިނަ މުވައްޒަފުންގެ ކިބައިގައި ނެތީ އެވެ.
މިހެން ދަންނަވާ އިރު، އަޅުގަނޑުމެންގެ ތެރޭގައި މި ދެންނެވި ފިކުރުން އެއްކިބާވެ، އިޚްލާސްތެރިކަމާ އެކު ސީދާ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިތިއްބެވި މަދު މުވައްޒަފުންނަށް ޝުކުރު ދަންނަވަމެވެ.
އިސްމެހެލާހެރަ ޗެނަލާއި ގުޅިފައިވާ ވޯޓްތައް ހޯދުމަށް މިހާރު ފައިނެންގެވީ، ފުޅާ ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.
ވެރިކަމުގައި ހުންނެވީ ވަހީދު ކަމުން، މިޗެނަލްގެ އެއްމެ ބޮޑު ފައިދާއެއް ސިޔާސީ ގޮތުން މިހާރު ނެގެން އޮތީ ވަހީދުއަށެވެ. އެކަން ވަހީދުއަށް އެނގުނު ހިސާބުން މިހާރު އެދަނީ، އެކަން ކުރެވެން އޮތްގޮތަކަށް ކުރަން ތައްޔާރުވަމުންނެވެ.
އެގޮތުން އެމްޑީޕީ ސަރުކާރުން ހުޅުމީދޫގައި ހަދަން ފެށި ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވާ ސެނަކައާއި ވާހަކަ ދައްކައިގެން ބަނދަރު ޕްރޮޖެކްޓްގެ ބައެއްގެ ގޮތުގައި، ޗެނަލްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަހީދު ދަނީ ރާވަމުންނެވެ. އަދި އެކަން ކުރުމަށްޓަކައި، ސެނަކައިން އެ މަސައްކަތް ކޮށްދޭނެ އަގު ހޯދުމަށް ސަރުކާރުން ވަނީ އެކުންފުންޏަށް ހުށަހަޅާފަ އެވެ.
ކޮންމެ ބަޔަކު މިކަން ކޮށްދޭން ހުށަހެޅިޔަސް، ކައުންސިލުން އެބަޔަކަށް މަރުހަބާ ކިޔާނެ އެވެ. މިހާތަނަށް ވެސް ކައުންސިލުން ވަނީ މި ޗެނަލާ ގުޅޭ ގޮތުން ރައްޔިތުން އެދުނު ކޮންމެކަމަށް އެހީތެރިކަން ފޯރުކޮށް ދީފަ އެވެ.