Last Updated: November 26, 11:52
Tuesday, November 26, 2024
ކުޅިވަރު

އާސެނަލާއި ޗެލްސީ މޮޅުވިއިރު، ފަހު ވަގުތު ކާމިޔާބުކުރި ލަނޑުން ލިވަޕޫލް މޮޅުވެއްޖެ

ޓޮޓެންހަމް ހޮޓްސްޕާ ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި ޗެލްސީ މޮޅުވިއިރު އެވަޓަން އާ ދެކޮޅަށް ފަހު ވަގުތު ޑިވޮކް އޮރީގީ ކާމިޔާބުކުރި ލަނޑުން ލިވަޕޫލް މޮޅުވެއްޖެއެވެ.

އާސެނަލް ވަނީ އަމިއްލަ ދަނޑުގައި ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާގެ މައްޗަށް 4-2 އިން ކުރި ހޯދައިފައެވެ. ފުލަމް އަތުން 2-0 އިން ޗެލްސީ މޮޅުވިއިރު އެވަޓަން އަތުން ލިވަޕޫލް މޮޅުވީ 1-0 އިންނެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ 36 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. އަދިވެސް ލީގުގައި އެއްވަނައިގައި އޮތީ 38 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި އޮތް ޗެލްސީ އަށް 31 ޕޮއިންޓް ލިބިފައިވާއިރު އޭގެ އެއް ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ އާސެނަލް އެވެ. ފަސްވަނައިގައި އޮތް ޓޮޓެންހަމް އަށް ވެސް 30 ޕޮއިންޓް ލިބިފައިވާއިރު އާސެނަލަށް ކުރި ލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ޓޮޓެންހަމް އާ ދެކޮޅަށް ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑް ނަގައިދިނީ ގެބޯންގެ ފޯވާޑް ޕިއޭރް-އެމެރިކް އޯބާމަޔަން އެވެ. މިއީ ޓޮޓެންހަމްގެ ޕެނަލްޓީއޭރިޔާތެރެއިން އެ ޓީމުގެ ޑިފެންޑަރު ޔާން ވާޓޮންގެން ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ޓޮޓެންހަމް އަށް އެއްވަރުކޮށްދިނީ އިނގިރޭސި މިޑްފީލްޑަރު އެރިކް ޑަޔާ އެވެ. މިއީ އެ ޓީމުގެ ކްރިސްޓިއަން އެރިކްސަން ނަގައިދިން ހިލޭޖެހުމަކުން ލިބުނު ބޯޅައެއް ޑަޔާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އެވަޓަން ކޮޅަށް ލިވަޕޫލް މޮޅުވި ލަނޑު، އެ ޓީމުގެ ފޯވާޑް ޑިވޮކް އޮރީގީ (ވ) ފޮނުވާލަނީ. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އޭގެ ހަތަރު މިނެޓުފަހުން، ހެރީ ކޭން ވަނީ ލިބުނު ޕެނަލްޓީއަކުން ޓޮޓެންހަމް އަށް ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑް ނަގައިދީފައެވެ. މިއީ ޓޮޓެންހަމްގެ ސޮން ހެއުން-މިން އަށް އާސެނަލްގެ ރޮބް ހޯލްޑިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 އިން ޓޮޓެންހަމް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފަށް އާސެނަލް ނިކުތްއިރު އެ ޓީމުގެ ކޯޗު އުނައި އެމެރީ ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން، އަލެކްސް އިވޯބީ އާއި ހެންރިކް މިކިތާރްޔަންގެ ބަދަލުގައި އަލެކްސެންޑަ ލަކަޒޭ އާއި އާރޮން ރަމްސޭ ވަނީ ކުޅެން ނެރެފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 56 ވަނަ މިނެޓުގައި ރަމްސޭ ދިން ބޯޅައަކުން އޯބާމަޔަން ވަނީ އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޯބާމަޔަން މި ލަނޑު ޖަހައިދިނީ ގޯލާއި ގާތްގަނޑަކަށް 25 ޔާޑް ދުރުން ފޮނުވާލި ރީތި ބޯޅައަކުންނެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 10 ވަނަ ގޯލެވެ.

އޭގެފަހުން، މެޗުުގެ 74 ވަނަ މިނެޓުގައި އާސެނަލްގެ ފްރާންސް ފޯވާޑް ލަކަޒޭ ވަނީ ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ. މިލަނޑުޖެހުމަށް އެހީތެރިވެދިނީވެސް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރަމްސޭ އެވެ.

މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް، އާސެނަލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ އޯބާމަޔަން ދިން ބޯޅައަކުން އުރުގުއޭގެ މިޑްފީލްޑަރު ލޫކަސް ޓޮރެއިރާ އެވެ.

ފުލަމް އާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ޓޮޓެންހަމް އިން އިތުރު ގޯލެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވާގޮތްނުވިއިރު އެ ޓީމުގެ ބެލްޖިއަމް ޑިފެންޑަރު ވާޓޮންގެން އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން އެ ޓީމުން މި މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

ޗެލްސީގެ ދަނޑުގައި ރޭ ފުލަމް އާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅު އެންގޯލޯ ކާންޓޭ ދިން ބޯޅައަކުން ޕެޑްރޯ ރޮޑްރިގޭޒް ކާމިޔާބުކުރި ގޯލާއެކު އެ ޓީމުން ފުރަތަމަ ހާފު 1-0 އިން ކުރީގައިއޮވެގެން ނިންމާލިއިރު އެ ޓީމުގެ ދެވަނަ ލަނޑު، މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ އެޑެން ހަޒާޑް ތަނަވަސްކުރި ފުރުޞަތަކުން ރުބެން ލޮފްޓަސް-ޗީކް އެވެ.

ލީގުގައި ރޭ ކުޅުނު ފަހު މެޗުގައި އެވަޓަން އަތުން ލިވަޕޫލް ވަނީ ފަހު ވަގުތު މޮޅުވެފައެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ގޯލް، އިތުރުވަގުތުގައި ޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބެލްޖިއަމްގެ ފޯވާޑް އޮރީގީ އެވެ. މިއީ އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑަށް ހެދުނު ގޯހެއްގެ ފައިދާނަގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.