އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ޕާމާ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ އޭސީ މިލާން، ލީގު ތާވަލްގެ ހަތަރުވަނަ އަށް ޖެހިލިއިރު އޭއެސް ރޯމާ އާ ދެކޮޅަށް އިންޓަ މިލާން ކުޅުނު މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ރޭގެ މެޗުތަކަށްފަހު، ތާވަލްގެ އެންމެ ކުރީގައި އަދިވެސް އުޅެނީ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އެވެ. އެ ޓީމަށް 14 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ނަޕޯލީ އާއި ތިންވަނައިގައި އޮތް އިންޓަ އަށް ލިބިފައިވަނީ 29 ޕޮއިންޓެވެ. ހަތަރުވަނައިގައި 25 ޕޮއިންޓާއެކު އޮތީ މިލާނެވެ.
މިލާންގެ ސެންސީރޯގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު ދެވަނަ ހާފު ފެށިތާ ހަތަރުވަނަ މިނެޓުގައި ކުރީން ލީޑް ނެގީ ޕާމާއިންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ރޮބާޓޯ އިންގްލެސް އެވެ.
އޭގެ ހަ މިނެޓުފަހުން، އިޓަލީގެ ފޯވާޑް ޕެޓްރިކް ކުޓްރޯނޭ ކާމިޔާބުކުރި ގޯލާއެކު މިލާނުން ނަތީޖާ ހަމަހަމަކުރިއިރު އެ ޓީމު މޮޅުވި ލަނޑު، މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ފްރޭންކް ކެސިއޭ އެވެ. މިއީ ޕާމާގެ އަލެސަންދްރޯ ބަސްޓޯނީ އެ ޓީމުގެ ޕެނަލްޓީއޭރިޔާތެރެއިން ބޯޅައިގައި އަތްލުމުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ދީފައިވާ ޕެނަލްޓީއެކެވެ.
މިއީ ލީގުގައި މިލާން އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. އެއް މެޗުން އެއްވަރުވެފައިވާއިރު އަނެއް މެޗުން ވަނީ ބަލިވެފައެވެ. އެ ޓީމަށް ކުރިއަށް ދެން އޮތީ އަންނަ ހޯމަ ދުވަހު އަމިއްލަ ދަނޑުގައި ޓޮރީނޯ އާ ދެކޮޅަށް ކުޅޭ މެޗެވެ.
ލީގުގައި ރޭ ކުޅުނު އެންމެ ފާހަގަކޮށްލެވޭ މެޗުގައި ރޯމާ ވަނީ އަމިއްލަ ދަނޑުގައި އިންޓަ އާ 2-2 އިން އެއްވަރުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިންޓަގެ ކެއިޓާ ބަލްޑޭ ކާމިޔާބުކުރި ގޯލުން އެ ޓީމު އެއްލަނޑުގެ ލީޑަކާއެކު ނިންމާލިއިރު ދެވަނަ ހާފު ފެށިތާ ފަސްވަރަކަށް މިނެޓުގެ ތެރޭގައި ތުރުކީގެ ހުނަރުވެރި ކުޅުންތެރިޔާ ޗެންގީޒް އުންޑާ ވައްދާލި ހިތްގައިމު ލަނޑުން ރޯމާ އިން ނަތީޖާ ހަމަހަމަކުރިއެވެ.
މެޗުގެ 66 ވަނަ މިނެޓުގައި އިންޓަގެ ކެޕްޓަން މައުރޯ އިކާޑީ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލާއެކު އެ ޓީމުން ދެވަނަ ފަހަރަށް ލީޑް ނެގިއެވެ. ރޯމާ އަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދިނީ، މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން އަލެކްސެންޑަ ކޮލަރޯވް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ފްރޮސިނޯނޭ އާ ކަލިއާރީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު ކިއޭވޯ ވެރޯނާ އާ ދެކޮޅަށް ލާޒިއޯ ކުޅުނު މެޗު ނިމުނީވެސް ހަމަ މިނަތީޖާއިންނެވެ. ޖެނޯއާ އަތުން 2-1 އިން ޓޮރީނޯ މޮޅުވިއިރު ސަސުއޮލޯ އާ އުދިނޭޒީ ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އެޓަލާންޓާ އާ ނަޕޯލީ އެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 00:45 ގައެވެ.