Last Updated: November 27, 21:29
Wednesday, November 27, 2024
ސިޔާސީ

"އަހަރު ދުވަހުގެ ތެރޭ އެޗްއާރްއެޗް ރަނގަޅު ކުރާނަން"

ސ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ހިދުމަތް، ވެރިކަމާ ހަވާލުވާތާ އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ހޮސްޕިޓަލުތަކާ އެއް ފެންވަރަކަށް ގެންނާނެ ކަމަށް އަނެއްކާ ވެސް ތަކުރާރުކޮށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެމްޕޭން ދަތުރުގައި ހދ. ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލާއި ހިތަދޫ ހޮސްޕިޓަލުގެ ހިދުމަތް، ވެރިކަމާ ހަވާލުވާތާ އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ހޮސްޕިޓަލުތަކާ އެއް ފެންވަރަކަށް ގެންނާނެ ކަމަށާއި އޭރުން ވަރަށް މަދު އޮޕްރޭޝަންތަކެއް ކުރަން ނޫނީ ރާއްޖޭން ބޭރަށް ދާން ނުޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން އެކުލަވާލާ މެނިފެސްޓޯ އަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ރާއްޖޭ އެކި ރަށްތަކަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑު އަށް ވަޑައިގެންވެސް ވަނީ ބޮޑެތި ވަޢުދުތައް ވެފަ އެވެ.

އެގޮތުން ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނޭގޮތް ތަނަވަސް ކޮށްދެއްވުމަށް އައްޑޫ ގައި ބާއްވައި ދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވަނީ އައިސް އުފައްދާ ބޮޑު ބާޖެއް ވެސް ގެންނާނެ ކަމަށް ވަޢުދުވެފަ އެވެ. އަދި އައިސް ޕްލާންޓެއްގެ އިތުރުން އައްޑޫގެ ތަރައްޤީއަށްޓަކައި، ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓަކާއި، އައްޑޫގައި ގޭސް ޕްލާންޓެއް ޤާއިމްކޮށް ދެއްވާނެ ކަމަށް ވެސް ގާސިމް އައްޑު އަށް ކުރެއްވި ދަތުރުގައި އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ޤާސިމް އިބްރާހިމް ވިދާޅުވި އައިސް އުފައްދާ ބޮޑު ބާޖު މިހާރު ރާއްޖެ ގެނެސްފަ އެވެ. އަދި އެ ބާޖް ކަމިޝަން ކުރުމުގެ މަަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.