އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު އެވަޓަން އާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ފަހު މިނެޓުގައި ޑިވޮކް އޮރީގީ ކާމިޔާބުކުރި ގޯލާއެކު ލިވަޕޫލުން މޮޅުވުމުން، މެޗު ނުނިމެނީސް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ދުވެފައި ދަނޑު މައްޗަށް އަރާ އުފާ ފާޅުކުރުމުން އިނގިރޭސި އެފްއޭ އިން އޭނާ އަށް އަދަބުދޭން ނިންމައިފިއެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގައި އެ ޓީމުން ލަނޑުޖެހުމާއެކު ކްލޮޕް ވަނީ ދަނޑަށް އަރައި އެ ޓީމުގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ އާއެކު އުފާ ފާޅުކުރުމުގައި ބައިވެރިވެފައެވެ. އަދި މެޗަށް ފަހު ކްލޮޕް ވަނީ އޭނާ އަށް އެގޮތަށް ކަންތައް ކުރެވުނީ ޖަޒުބާތުގައި ޖެހުމުން ކަމަށާއި އެއީ އެވަޓަން އަށް އިހުތިރާމް ކުޑަކޮށް ކުރެވުނު ކަމެއް ނަމަ އެކަމަށް މައާފަށް އެދޭ ކަމަށް ބުނެފައެވެ.
ނަމަވެސް، މެޗަށްފަހު އެވަޓަންގެ ކޯޗު މާކޯ ސިލްވާ ބުނެފައިވަނީ އޭނާގެ ކިބައިން ކްލޮޕް މައާފަށް އެދިފައިނުވާކަމަށެވެ. މީގެއިތުރުން، ސިލްވާ ބުނެފައިވަނީ އެ މެޗުގެ ފަހުވަގުތު ލަނޑެއް ކާމިޔާބުކޮށްގެން އެވަޓަން މޮޅުވިނަމަ އޭނާ ވެސް އެގޮތަށް ދަނޑު މައްޗަށް އަރައި އުފާ ފާޅުކުރުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށެވެ.
ކްލޮޕަށް ކުރެވުނު ކަންތަކަށް އެރޭގެ މެޗަށްފަހު އޭނާ މައާފަށް އެދިފައިވީނަމަވެސް، އިނގިރޭސި އެފްއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރީން ކްލޮޕް އެކަމަށް ޖަވާބުދާރިވާންޖެހޭނެކަމަށާއި އަދި އެކަމަށް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.
ލިވަޕޫލަށް ކުރިއަށް ދެން އޮތީ ލީގުގައި އަންނަ ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި ބާންލޭ އާ ދެކޮޅަށް ކުޅޭ މެޗެވެ. ލީގުގައި މިހާތަނަށް އެ ޓީމު އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު އަދިވެސް އެއްވަނައިގައި އުޅެނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. އެ ޓީމަށް 14 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު ސިޓީއާ އެންމެ ގާތުން ވާދަކުރާ ލިވަޕޫލަށް ލިބިފައިވަނީ 36 ޕޮއިންޓެވެ. ތިންވަނައިގައި 31 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު ހަތަރުވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 30 ޕޮއިންޓެވެ.