Last Updated: November 26, 11:52
Tuesday, November 26, 2024
ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ފެށިގެން ވީއޭއާރް ބޭނުންކުރަނީ

މިއަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޕީއެސްޖީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުގެ މުހައްމަދު ސަލާހް (ކ) އަތުން ބޯޅަ ހޯދަން ޕީއެސްޖީގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

މިހާރު ކުރިއަށްދާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ފެށިގެން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރަން ޔުއެފާ އިން ނިންމައިފިއެވެ.

ޔުއެފާ އިން މީގެ ކުރިން ނިންމާފައިވަނީ އަންނަ ސީޒަނުން ފެށިގެން ޗެމްޕިއަންސް ލީިގުގައި ވީއޭއާރް ބޭނުންކުރާށެވެ. ނަމަވެސް، މިހާރު ވެސް އެކަމާއި ގުޅުންހުރި އެންމެހައި އިންތިޒާމެއް ފުރިހަމަވެފައިވާތީވެ އިތުރަށް ލަސްނުކޮށް އަންނަ އަހަރުގެ ފެބުރުއަރީ މަހުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ދެވަނަ ބުރުގައި ވީއޭއާރް ބޭނުންކުރަން ނިންމީ ޔުއެފާ ބޯޑް މެމްބަރުންގެ އިއްތިފާގުންނެވެ.

ވީއޭއާރް އަކީ ވީޑިއޯ ރީޕްލޭ މެދުވެރިކޮށް ރެފްރީ އާއި އެސިސްޓަންޓް ރެފްރީންގެ ނިންމުންތައް ބެލޭ ސިސްޓަމެކެވެ. އެގޮތުން މެޗުގައި ހިނގި ކަމަކާއި މެދު ސުވާލެއް އުފެދިއްޖެނަމަ ނުވަތަ ސުވާލެއް އުފައްދައިފިނަމަ ވީޑިއޯ ބަލައިގެން އެ ނިންމުން ނިންމަން ނުވަތަ އަލުން ނިންމަން ފުރުޞަތު ލިބޭނެއެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ފެށިގެން ވީއޭއާރް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު އަންނަ އަހަރު އޮންނަ ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުން ފެށިގެން ޔޫރަޕްގެ މުބާރާތްތަކުގައި ވެސް ވީއޭއާރް ބޭނުންކުރަން ވަނީ ނިންމައިފައެވެ.

ރަޝިޔާގައި ބޭއްވުނު އެންމެ ފަހުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ވީއޭއާރް ބޭނުންކުރިއިރު، ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި މިހާރުވެސް ވިއޭއާރް އަންނަނީ ބޭނުންކުރަމުންނެވެ. އޭގެތެރޭގައި ޖަރުމަންގެ ބުންޑަސްލީގާ އާއި އިޓަލިއަން ސެރިއޭގެ އިތުރުން ސްޕެނިޝް ލަލީގާ އަދި ފްރެންޗް ލީގު ހިމެނެއެވެ. އަދި އަންނަ ސީޒަނުން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ފުރަތަަމަ ފަހަރަށް ވީއޭއާރް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.

ރެފްރީންގެ ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭ މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ބޭނުން ކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގައެވެ. އަދި 2017 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަން ކަޕްގައި ވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްފައިވެއެވެ.