އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔުޑީސީ) ތިންވަނަ ދައުރުގެ ރައީސާއަކަށް ހިތަދޫ އުތުރު ދާއިރާއިން އަންހެނުންގެ ކޮމެޓީއަށް އިންތިހާބުވި އައިޝަތު ނަދާ ހޮވައިފިއެވެ.
ނަދާ ތިންވަނަ ދައުރުގެ ރައީސާކަމަށް ހޮވުނީ މިއަދު ކުރިއަށްދިޔަ ތިންވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުގައި އަންހެނުންގެ ކޮމެޓީއަށް ރައީސާއަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އާމިނަތު ހަފީޒާ އާއި މަރަދޫ މެމްބަރު ޝަފްގާ ޝަފީގު އާއި ވާދަކޮށް 3 ވޯޓުންނެވެ.
އާމިނަތު ހަޒީޒާއަށް 2 ވޯޓު ލިބުނުއިރު ޝަފްގާ ޝަފީގަށްވެސް ލިބުނީ 2 ވޯޓެވެ.
ތިންވަނަ ދައުރުގެ އަންހެނުންގެ ކޮމެޓީގެ ނައިބް ރައީސާކަމަށް ހޮވުނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އާމިނަތު ޝިހާބުއެވެ.
އައްޑޫ ވިމެންސް ކޮމެޓީގެ އިފްތިތާހީ ޖަލްސާ ބާއްވާފައިވަނީ ރޭ ހިތަދޫ ޝަރަފުއްދީން ސްކޫލްގައެވެ. އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު، ސޯބެ އިފްތިތާހުކޮށްދެއްވި މި ރަސްމިއްޔާތުގައި އައުދައުރަށް ކޮމިޓީއަށް ހޮވުނު މެމްބަރުން ވަނީ އިޤުރާރުގައި ސޮއި ކުރައްވާފައެވެ.
އަންހެނުންގެ ކޮމެޓީ:
1- ހިތަދޫ އުތުރު ދާއިރާ: އައިޝަތު ނަދާ/ ޖަބްރާނުގެ ސ.ހިތަދޫ
2- ހިތަދޫ މެދު ދާއިރާ: އައިޝަތު ހަފީޒާ /ބޯޅަދަޑިގެ ސ.ހިތަދޫ
3- ހިތަދޫ ދެކުނު ދާއިރާ: އާމިނަތު ޝިހާބު/ ވައިޓްޓާން ސ.ހިތަދޫ
4- މަރަދޫ ދާއިރާ: ޝަފްގާ ޝަފީގު/ މަހިނޫރު ސ.މަރަދޫ
5- ފޭދޫ ދާއިރާ: ހައްވާ ޒާހިރާ/ މުބޭލީވިލާ. ސ.ފޭދޫ
6- އައްޑޫ މީދޫ ދާއިރާ: އާމިނަތު ޚާލިޞާ/ކަނީރުމާވާދީ ސ.މީދޫ
7- ހުޅުދޫ ދާއިރާ: ޝާމާ އިބްރާހިމް/ މޫންލައިޓްގެ ސ.މީދޫ
ރޭ ކުރިއަށް ގެންދިޔަ އިފްތިތާހީ ޖަލްސާގައި ދެވަނަ ދައުރުގެ މެމްބަރުން ކޮށްދެއްވި ހިދްމަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްދެއްވާފައެވެ.
މީގެ އިތުރުން ދެވަނަ ދައުރުގައި ކޮމެޓީ ހިނގައި ދިޔަގޮތުގެ ހުލާސާ ރިޕޯޓު އެ ދައުރުގެ ރައީސާ ޝެހެނާޒު ރަޝީދުވަނީ އިއްވާފައެވެ.