Last Updated: November 24, 20:29
Sunday, November 24, 2024

(މެއި 20، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"ސާހިލް…ސާހިލް އަށް އައި ސިޓީއެއް އެބަ އޮތް." ވިއާމާ ސާހިލްގެ ކޮޓަރީ ކައިރިއަށް އައިސް ސާހިލް އަށް ގޮވާލަމުން ސިޓީ ދިއްކޮށްލަމުން ވިއާމާ ބުނެލި އެވެ.

"ސިޓީއެކޭ…ކާކު އަހަރެންނަށް ސިޓީ ލިޔާނީ؟ އަހަރެންގެ އެއްވެސް މީހަކު މި ދުނިޔެއަކު ނުހުންނާނެ؟"

"އެހެން ވިޔަސް މިއޮތީ ސިޓީއެއް އައިސްފަތާ. އުޅޭ ކިޔާލަން. ކިޔާދެންތަ؟" ވިއާމާ މިހެން ބުނުމުން ސާހިލް އާނއެކޭ ބުނާހެން ބޯ ޖަހާލި އެވެ.

ސިޓީގެ ކޮންމެ އަކުރެއް ކިޔާލުމާ އެކު ސާހިލްގެ މޫނުން އޮށް ދާހިއްލަން ފަށަ އެވެ. ސިޓީ ކިޔާ ނިމުނު އިރު ވިއާމާ ވެސް ހުރީ އެވަރު ވެފަ އެވެ.
ސާހިލް އަށް އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވުނު ކަހަލަ އެވެ. މަޑުމަޑުން ވިއާމާ އަތުން އެ ސިޓީ ހޯދައިގެން ކޮޓަރިތެރެއަށް ވަނުމާ އެކު ދޮރު ލައްޕާފައި އެނދުގަ އިށީނެވެ. ވިއާމާ ދުން ޖަހާފައި ދިޔައީ މަންމަ ކައިރިޔަށެވެ.

"މަންމާ…މާލެއިން ސާހިލް އަށް ލަވައިގެ ރެކޯޑިންއަކަށް އަންނަން ދައުވަތު ލިބިފަ އެބަ އޮތް. އަދި އެއާ އެކު އޭނާގެ އެކައުންޓެއް ހުޅުވާފަ އޭގެ މައުލޫމާތު ވެސް ފައިސާގެ ޗެކަކާ އެކު ލިބިފައ އެބަ އޮތް. ދެން އޭނާގެ ލޯ އޮޕަރޭޝަން ކުރެވިދާނެ. މަންމާ. އަހަރެމެން ކަހަލަ ފައިސާ ނުތިބޭ މީހުން ކައިރީ ހުރެގެން ސާހިލް އޭނާގެ ވަގުތާއި ދުވަސް ބަރުބާދުކޮށްފި. އަޅެ ކުރިން މަލް އާ ދިމާވި ނަމަ ދޯ؟" ވިއާމާ އޭނާގެ މަންމަ ގެ ކޮނޑުގައި ބޯ އަޅާލަމުން ލޯ ފޮހެލި އެވެ.

"މަންމަ އަށް ދަރިފުޅުގެ ހިތުގެ އުދާސް އެނގޭ. ދަރިފުޅު ސާހިލް އާ ޤަބޫލް ދޯ. ތެދަށް ބުނެބަލަ ދަރިފުޅު ސާހިލް ދެކެ ލޯބި ވޭތަ؟" ވިއާމާ މަންމަ އޭނާގެ މޫނުގައި ހިފައި މައްޗަށް ހިއްލާލަމުން ބުނެލި އެވެ.

"މަންމާ…ސާހިލްއަކީ މީހެއްގެ އަމާނާތެއް. ސާހިލް ލިބޭހާ ހައިސިޔަތެއް އަހަރެންގެ ނެތް. އެއަށް ވުރެ އިތުރަކަށް މަންމަ އަށް އަހަރެންނަކަށް ކިޔައެއް ނުދެވޭނެ. މަންމާ. އިތުރަށް ސުވާލު ނުކުރާތި މިކަމާ ބެހޭގޮތުން. ޕްލީޒް." ވިއާމާ މިހެން ބުނެލުމަށް ފަހު ދުވެފައި ގޮސް ކޮޓަރި އަށް ވަނެވެ.

ސާރާ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ދުވަހެކެވެ. މާދަމާއަކީ އޭނާގެ ސޫރަޖް އެ ގެއަށް އަންނަ ދުވަހެވެ. އެގޭގެ އެންމެ ބިށްދޮށު ކޮޓަރި ސާރާ ސޫރަޖް އަށް ތައްޔާރު ކުރި އެވެ. ކުރިން ވެސް ސޫރަޖް އެ ގެއަށް އައިސް ގޮސް އުޅުނެވެ.
ވީމާ އެ ގޭގެ ކަންތައް އޭނާ ހަނދާން ނުނެތޭނެ ކަން ސާރާ ޤަބޫލް ކުރިއެވެ. އެހެންވެ ގޭގެ ތަރުތީބު އެއްކޮށް ބަދަލުކޮށްލި އެވެ. އަދި ގޭގެ އެ ބައިގެ ނަން ވެސް އާ ނަމަކަށް ބަދަލު ކުރި އެވެ. ޗާނދު އޭ ގޭގެ އެއް ބަޔަށް ނަން ދިނެވެ. ކަރީމު އާއި ހުސްނާ ވާނުވާ ނޭނގިފައި ތިއްބެވެ. ދަރިފުޅުގެ މި ބުރަ މަސައްކަތުގެ އަސްލަކީ ކޮބައި ކަމެއް އެ މީހުންނަކަށް ނޭނގުނެވެ.

"ދަރިފުޅު ތި ކުރާ ކަމެއް މަންމަމެންނަށް ކިޔާދީ ބަލަ. ގުރާދޫން އައި ގޮތަށް މާ ބުރަކޮށް އުޅޭހެން ހީވޭ. އަނެއްކާ ކިހިނެއްވީ؟"
ކަރީމު ބޭރަށް ނިކުންނަމުން ސާރާ އާ ދިމާއަށް ބުނެލި އެވެ.

"އަޅުގަނޑު ވެސް މި ހުންނަނީ ތިކަމާ ހައިރާންވެފަ. ގޭގެ މަސްރަހު ބަދަލުވެފައިވާ ގޮތުން ހީވަނީ މުޅިން އާ ގެއެއް ހެން. ވަންނަ ދޮރު ވެސް ބަދަލު. ނަންވެސް ބަދަލު. މިހެން ގޮސް އެއްޗިހިތައް ވެސް ބަދަލު. ހީވަނީ ކުޑަވަރެއްގެ ތޫފާނެއް އަރަން އުޅޭ ހެން."
ހުސްނާ ވެސް ދޮރުފަތުގައި އަތް ޖައްސާލައިގެން ހުރެ ވާހަކަ ދެއްކި އެވެ. އެވަރުން ވެސް ހިނިތުންވުން ފިޔަވައި ސާރާ އެއްވެސް އެއްޗެކޭ ނުބުންޏެވެ.

"އޭނާ ބޭނުން ގޮތަކަށް ބަދަލުވިޔަ ދީ. މުރާދު ވެސް ދިޔަ ގޮތަށް ޙަބަރު ވީކީ ނޫން ވީއްޔާ. މަގޭ ހިތް ބުނަނީ ދެބެއިންވެގެން ކޮންމެވެސް ކަމެއް ރާވަނީއޭ. ހުރޭ ބަލަން ވާނުވާ. އެނގިދާނެތާ. އަހަރެމެން ވެސް މިދަނީ ތިން މަސް ދުވަހަށް އިންޑިޔާ އަށް. އަންނަ އިރު ހުންނާނީ މުޅިން ބަދަލުވެފައިތާ."

"އައްދެ އަޅުގަނޑު ވެސް މަންމަ މެންނާ އެކު ދާނަން." ސާރާ އޭނާގެ މަންމަގެ ކައިރިއަށް ޖެހިލަމުން ބުނެލި އެވެ.

"ދެން މި ގެ އާ ކާވަނީގެ އަންހެން ކުއްޖެއްހެން ތައްޔާރު ކުރަނީ ކީއްވެ؟" ހުސްނާ ހަށަން ބަންނަމުން ސުވާލުކޮށްލި އެވެ. ބަދަލުގައި ހީލުން ފިޔަވާ ސާރާ ޖަވާބެއް ނުދިނެވެ. އަދި ދިޔަ ގޮތަށް ކޮޓަރިއަށް ވަދެގެން ދިޔައީ އެވެ.

މީރާ މުރާދުގެ ކޮންމެ ކަމެއް ކުރަނީ ވަރަށް ފަރުވާތެރިކޮށެވެ. މުރާދު ބުނީ ތެދެކެވެ. އޭނާއަކީ މާތް މީހެކެވެ. ދުވަހަކު ވެސް މީރާ އާ މެދު ވަހުށީ ނަޒަރަކުން ބަލާ ނުލަ އެވެ. މީރާގެ ކޮޓަރި ކަރިއަށް ވެސް ނުދެ އެވެ.

ކޮންމެ ދުވަހަކު މީރާ މުރާދު ތެދުވަން ވާ އިރަށް އޭނާއަށް ރީތި ގަމީހަކާއި ފަޓުލޫނެއް ތައްޔާރުކޮށް ދެއެވެ. ފުރަތަމަ ދުވަހު މިސިޒް ޕީޓާ މިކަން ކުރިތަން އޭނާ އަށް ފެނުނެވެ.

"މިސިޒް ޕީޓާ. ކަލޭގެ އިއުތިރާޒެއް ނެތިއްޔާ މީގެ ފަހުން ސާހިބާގެ ހެދުން އަހަރެން ތައްޔާރު ކުރަންތަ؟ އަސްލު މި ކަމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެއް." ލަދުވެތި އަދާއަކާ އެކު އިސް ޖަހާލަމުން މީރާ ބުނެލި އެވެ.

މިސިޒް ޕީޓާއަކީ ދުނިޔޭގެ ގިނަ ކަންތަކެއް ތަޖްރިބާ ކޮށްފައިވާ އަންހެނެއްކަމުން މީރާ ގެ މި އެދުމުގެ ފަހަތުގައި ވަނީ އޭނާގެ ހިތުގައި މުރާދު އަށް ޓަކައި ވާ ލޯބި ކަން ދެނެ ގަތެވެ.

"އެންމެ ރަނގަޅު. އެކަމަކު މިކަން އެއް ދުވަހު ކޮށްފަ ހުއްޓާ ނުލާތި. މުޅި އުމުރަށް ވެސް މިކަން ދެމެހެއްޓޭތޯ އުޅެދޭތި." މިސިޒް ޕީޓަ ލޯތްބާ އެކު މީރާގެ ބުރަކަށީ ފިރުމާލި އެވެ.
އެ ފިރުމުމުގައި މައިވަންތަ ކަމުގެ ލޯބި އެކުލެވިގެން ވެ އެވެ. މީރާ އަށް ވެސް މިސިޒް ޕީޓާގެ މޭގައި ބޯ އަޅާލެވުނެވެ. ހިތް ފުރިގެން ލޮލުން ކަރުނަ އައީ ކީއްވެގެންކަން އޭނާ އަށް ނޭގުނެވެ.

(ނުނިމޭ)