ސ. ހިތަދޫގައި ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކުރިން ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވައި ރިޓަޔަ ކުރައްވާފައިވާ ސާޖަންޓް ޖިހާދު އަބްދުﷲ ބަލައި ފާސްކޮށް އޭނާ ދޫކޮށްލާފައިވަނީ އޭނާއަކީ ފުލުހުންގެ ޚިދުމަތުގައި އުޅެފައިވާ މީހަކަށްވާތީ ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އޭނާ ބަލައި ފާސް ކުރަން ބޭނުންވާ ކަމަށް އެދިފައި ވަނީ ހިތަދޫގައި އޭނާ ދިރިއުޅޭ ގޭދޮށުގައި ހުއްޓައެވެ.
"އެވަގުތު ފުލުހުން އޭނާ އާއި މުޢާމަލާތް ކޮށްފައިވަނީ އިޙްތިރާމް ލިބިގެންވާ ގޮތަށް މަޑުމައިތިރި ކަމާއެކުގައެވެ. އެހެންނަމަވެސް އޭނާ ބަލައި ފާސްކުރަން އެދުމުން އޭނާ ވަނީ ފުލުހުންނަށް އެއްބާރުލުން ނުދީފަ އެވެ." ފުލުހުން ބުންޏެވެ. "މީގެ އިތުރުން އޭނާ އެދުނީ ފުލުހުންގެ ވެހިކަލް ގެނެސް ފުލުހުންގެ މަރުކަޒަށް ގެންގޮސް ބަލައި ފާސްކުރާށެވެ. ފުލުހުން ވަނީ އޭނާ އެދުނު ފަދައިން އެގޮތަށް އެކަން ހަމަޖައްސައިދީ ހިތަދޫގައި ހުރި ފުލުހުންގެ މަރުކަޒަށް ގެންގޮސް އޭނާ ބަލައި ފާސްކޮށް އޭނާ ދޫކޮށްލާފަ އެވެ."
ފުލުހުން މިއަދު ބުނީ ރޭގެ ޙާދިސާގައި ކުރިން ފުލުހުންގެ ތެރޭގައި އުޅުއްވި ފަރާތެއްކަން ޖިހާދު ވިދާޅުވީ ފުލުހުންގެ މަރުކަޒަށް ގެނެވުނު ހިސާބުން ކަމަށެވެ. އަދި އެ ވަގުތުން ފެށިގެން އޭނާ އެނބުރި ގެއަށް ދަންދެން ވެސް އެވަގުތު ފުލުހުންގެ މަރުކަޒުގައި ތިބި ހުރިހާ ފުލުހުން ވެސް އޭނާ އާ މުޚާޠަބުކޮށްފައި ވަނީ ދޭންޖެހޭ އިހްތިރާމާއި މަޑުމައިތިރި ކަމާއެކުގައެވެ.
ނަމަވެސް ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅޭ ގޮތަށް އަދި ފުލުހުންގެ މުއައްސަސާގައި ގިނަ ދުވަސްތަކެއްގައި އުޅުއްވައި ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ފަރާތަކުން ފުލުހުންގެ ޚިދުމަތާ ދޭތެރޭ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ގެއްލޭގޮތަށް ރަނގަޅުނޫން މަޢުލޫމާތުދީ ވާހަކަދެއްކެވުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.