Last Updated: November 26, 10:25
Tuesday, November 26, 2024
ދުނިޔެ

ވާވޭގެ ވެރިޔާ ދޫކޮށްނުލައިފިނަމަ އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ބުނެ ޗައިނާ އިން ކެނެޑާއަށް އިންޒާރުދީފި

ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު މެންގް ވަންޒޫ. --ފޮޓޯ: ރޮއިޓާސް

އީރާނާއެކު ވިޔަފާރިކުރުމުގެ ކުށުގައި ކެނެޑާގައި ހައްޔަރުކޮށްފައިވާ ޗައިނާގެ ޓެލެކޮމް ކުންފުނި ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު މެންގް ވަންޒޫ ދޫކޮށްނުލައިފިނަމަ އޭގެ ސަބަބުން ނިކުންނާނޭ ނަތީޖާ ރަނގަޅު ނުވާނެކަމަށް ބުނެ ޗައިނާ އިން ކެނެޑާ ސަރުކާރަށް އިންޒާރުދީފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރުގެ ނައިބް ލެ ޔޫޗެން ނެރުނު ބަޔާނެއްގައި މިކަމަށް ޖަވާބުދާރީވުމަށް ކެނެޑާގެ ސަފީރުގެ ކިބައިން ވަނީ އެދިފައެވެ.

ވާވޭގެ އެކްޒެކެޓިވް މެންބަރެއް ކަމަށްވާ މެންގް ގެ މައްޗަށް ކުރާ ދައުވާއަކީ އެމެރިކާގެ ބޭންކްތަކަށް މަކަރު ހަދައިގެން ވާވޭގެ ސަބްސިޑަރީ ކުންފުންޏެއް މެދުވެރިކޮށް އީރާނާ އެކު ވިޔަފާރިކުރުމެވެ.

މެންގް ހައްޔަރުކޮށްފައިވަނީ މި މަހު 1 ވަނަ ދުވަހު ހޮންކޮންގުން ކެނެޑާ މެދުވެރިކޮށް މެކްސިކޯ އަށް ދާން މަތިންދާ ބޯޓު ބަދަލުކުރަނިކޮށް ވެންކޫވާ އެއާޕޯޓުންނެވެ. ކެނެޑާ އާއި އެމެރިކާ ދެމެދު ސޮއިކޮށްފައިވާ ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމުގެ ދަށުން މެންގް އެމެރިކާ ސަރުކާރާއި ހަވާލުކުރުމުގެ ފުރުޞަތު އެބައޮތެވެ. އޭނާގެ މައްޗަށް ކުށް ސާބިތު ވެއްޖެ ނަމަ 30 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންނެވެ.

ޗައިނާ އިން ބުނެފައި ވަނީ ވާވޭ ކުންފުނީގެ ބާނީ އަދި ޗައިނާގެ ޕީޕަލްސް އާމީގެ ކުރީގެ އިންޖިނޭރެއް ކަމަށްވާ ރެން ޒެންގްފައިގެ އަންހެން ދަރިފުޅު މެންގް އަކީ އެއްވެސް ކުށެއް ކޮށްފައިވާ މީހެއް ނޫން ކަމަށާއި އޭނާ ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ކެނެޑާގެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ކެނެޑާ ސަރުކާރު ތަމްސީލްކުރާ ވަކީލަކު ވަނީ ކަފާލާތުގެ ދަށުން މެންގް ދޫކޮށްލަން ދެކޮޅު ހަދާ ކަމަށް ކޯޓުގައި ބުނެފައެވެ. ވަކީލް ބުނީ ވާވޭ އާއި ސްކައިކޮމްއާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށް އެމެރިކާގެ ބޭންކްތަކަށް މެންގް އަންގާފައިވާކަމަށެވެ. އެކަމަކު ސްކައިކޮމް އަކީ ވާވޭ ކަމަށް ވަކީލް ވަނީ ކޯޓުގައި ބުނެފަ އެވެ. ވަކީލް ބުނީ މެންގް ވަނީ ވަރަށް ގިނަ މާލީ މުއައްސަސާތަކަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާކަމަށެވެ.

މެންގް އެމެރިކާ އަށް ފޮނުވާލެވޭނީ އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލައިގެ އެކަށީގެންވާ ހެކި ހުރި ކަމަށް ކޯޓަށް ފާހަގަ ކުރެވޭނަމައެވެ. އޭގެ ފަހުން ޖެހޭނީ އޭނާ އެމެރިކާ އަށް ފޮނުވުމުގެ އަމުރުގައި ޖަސްޓިސް މިނިސްޓަރު ސޮއި ކުރުމަށެވެ.

ވާވޭ ކުންފުނީގެ އިސްވެރިއަކު ހައްޔަރުކޮށްފައި މިވަނީ ހުޅަނގުގެ ގައުމުތަކުގައި ވާވޭ ޓެކްނޮލޮޖީ މަނާ ކުރަން އުޅޭ ދުވަސްވަރެއްގައެވެ. އެމެރިކާ އިން ބުނެފައި ވަނީ ވާވޭ އަކީ އެ ގައުމުގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި ޖަޕާނުންވެސް ވާވޭ އާއި ޒެޑްޓީއީގެ އުފެއްދުންތައް މަނާކުރަން އުޅޭ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.