މި ސަރުކާރުގެ އަމާޒަކީ ކައުންސިލްތަކަށް ބާރު ދޫކޮށްލުން ކަަމަށާއި، ކައުންސިލްތަކަށް ބާރު ދިނުމުން ރަނގަޅު ހިދްމަތެއް ރައްޔިތުންނަށް ދިނުމަށް ރައީސް އިބްރާހިމް ސޯލިހު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެރަށު ރައްޔިތުންނާއި މުޙާޠަބުކޮށް ރައީސް ސޯލިހު ވިދާޅުވީ ނިމިގެން ދިޔަ ހަފްތާ ތެރޭގައި ކައުންސިލްތަކަށް ބާރު ދިނުމަށް ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މައި ސަރުކާރަށް ހުރިހާ ބާރެއްް ޖަމާކޮށްގެން ހިދްމަތް ދިނުން ނޫން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ކައުންސިލްތަކަށް ބާރު ދިނުމުން ރައްޔިތުންނަށް ރަނގަޅު ހިދްމަތެއް ދޭން ޖެހޭނެކަމަށެވެ. ކައުންސިލްތަކަށް ބާރު ދިނުމަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކަށް ބާރު ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާން ރައީސް ކަމުގެ ހުވާ ކުރެއްވި ދުވަހު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކައުންސިލްތަކަށް ބާރު ދޫކޮށްލަވާނެކަމަށެވެ.