ސ. ފޭދޫ ބޮޑުމަގުގައި ބައްތި ޖަހާނީ އައިސީސީން މަގުހަދައި އެއްކޮށް ނިމުމުން ކަމަށް އައްޑޫ ކައުންސިލުން ބުނެފި އެވެ.
މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވީ ފޭދޫގެ މަގުގައި ބައްތި ނުޖެހުނީ ފޭދޫ ރައްޔިތުން ބޭނުންވާ ގޮތަށް މަގުގެ ދެ ފަރާތުގައި ބައްތި ޖެހުމަށް ކުރަން ޖެހޭ މަސައްކަތް އަގުބޮޑުވެފައި ދެ ފަރާތުގައި ކޭބަލް އަޅައިގެން ކުރިއަށް ދާން ވެއްޖެނަމަ ލަންކާގެ އައިސީސީ ކުންފުންޏަށް ލަސްތަކެއް ކުރިމަތިވާތީ އެވެ.
ސޯބެ ވިދާޅުވީ މަގު ހަދައި ނިމުމުން ފޭދޫގެ މަގުގެ ދެ ފަރާތުގައި ކައުންސިލުން ބައްތި ޖަހާނެ އެވެ.
ލަންކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫގެ ތިން ރަށެއްގެ ބޮޑު މަގު ތާރު އަޅައިގެން ހަދާއިރު މަރަދޫ އަދި މަރަދޫފޭދޫގެ ބޮޑު މަގުގައި ވަނީ މަގުގެ އެއް ފަޅީގައި ވަނީ ބައްތި ޖަހައި ނިންމާފަ އެވެ.
މި މަސައްކަތަކީ ކައުންސިލުން އެސްޔޫއެލް (މިހާރުގެ ފެނަކަ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕޮރޮޖެކްޓެކެވެ.
ފޭދޫ ބޮޑު މަގު ހަދައި ނިމޭ އިރު މަގު ބައްތި ނެތުމާއި ގުޅިގެން އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެމައްސަލާގައި ފެދޫ ދާއިރާގެ ކައުންސިލަރ އަހުމަދު މިރުޒާދަށް ވަނީ ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައެވެ.