މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ތަހުގީގަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން ރާއްޖޭން ބޭރުން ފަންނީ އެހީ ހޯދަން ނިންމަވައިފި އެވެ.
އެމްއެމްއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ގަވަރުނަރު އަހްމަދު ނަސީރު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އެމްއެމްއޭއިން ތަހުގީގު ކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. މިކަމުގައި ރާއްޖެއިން ބޭރުގެ ފަންނީ ބޭފުޅުންގެ އެހީގައި ހާއްސަ އޮޑިޓެއް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިގޮތަށް މިކަން ކުރަނީ ރައްޔިތުންގެ މެދުގައި މާލީ ނިޒާމާމެދު އިތުބާރު ބޮޑުކޮށްދިނުމަށް ކަމަށް ގަވަރުނަރު ނަސީރު ވިދާޅުވި އެވެ.
ގަވަރުނަރު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގެ ވަކި ތަހުގީގެއް އެމްއެމްއޭއިން ހިންގާއިރު ރާއްޖޭން ބޭރުގެ އެހެން ބޭންކްތަކާ ގާތް ގުޅުމެއް އޮންނަ ކަމަށް ވިދާޅުވެފައެވެ. އަދި މި ތަހުގީގު ހިންގުމަށް މިހާރު މިނިވަން ބޭރުގެ ފަރާތަކާއި ހަވާލުކޮށްގެން ކުރިޔަށް ގެންދަން ނިންމަވާފައިވާ ކަމަށް ވެސް ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުން ފެނުނު އެންމެ ބޮޑު ޚިޔާނާތެވެ.