Last Updated: November 26, 10:25
Tuesday, November 26, 2024
ކުޅިވަރު

"ބާސާ އަށް ބަދަލުވުމަކީ އެންމެ ރަނގަޅު ނިންމުން"

އަޔެކްސް އަށް ކުޅޭ ހޮލެންޑްގެ މިޑްފީލްޑަރު ފްރޭންކީ ޑި ޖޮންގް. --ފޮޓޯ: ރޮއިޓާސް

އެންމެ ރަނގަޅު ގޮތަކީ ބާސެލޯނާ އަށް ބަދަލުވުން ކަމުގައި އަޔެކްސް އެމްސްޓެޑަމް އަށް ކުޅޭ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޖޮންގް ގެ ބައްޕަ ބުނެފި އެވެ.

ކުރިއަށް އޮތް ސީޒަނަށް ޑި ޖޮންގް ގެންދިއުމަށް އަޔެކްސް އާއެކު ޕީއެސްޖީ އިން އެއްބަސްވުމަކަށް އައިސްފައިވާކަމަށް މިދިޔަ ހަފްތާގައި ހޮލެންޑްގެ މީޑިއާ ރިޕޯޓްތަކުގައިވެއެވެ.

އެހެންނަމަވެސް، އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއްކަމަށާއި އޭނާ ޤަބޫލުކުރާގޮތުގައި މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ބާސެލޯނާ އަށް ބަދަލުވުން ކަމުގައި ޑި ޖޮންގް ގެ ބައްޕަ ޖޯން ޑި ޖޮންގް ބުންޏެވެ.

"އެއީ އޭނާ އަމިއްލަ އަށް ނިންމަންޖެހޭ ކަމެއް. އޭނާ އަކީ ވަރަށް ވިސްނުން ތޫނު ކުއްޖެއް." ވޮއެޓްބަލްޕްރިމިއު އަށް ދިން އިންޓަވިއުގައި ޖޯން ބުންޏެވެ.

"ކުރިއަށް އޮތް ހޫނު މޫސުމުގައި އަޔެކްސް ދޫކޮށް އެހެން ޓީމަކަށް އޭނާ ބަދަލުވުމުގެ %95 ޕަސެންޓްގެ ފުރުޞަތެއް އެބައޮތް. އަހަރެންނަށް ވިސްނޭ ގޮތުގައި އޭނާ އަށް އެންމެ ރަނގަޅު ގޮތަކީ ބާސެލޯނާ އަށް ބަދަލުވުން."ޑި ޖޮންގް ގެ ބައްޕަ ބުންޏެވެ.

ފަހަކަށް އައިސް ހޮލެންޑްގެ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑި ޖޮންގް ވަނީ އެ ޓީމު ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ޕީއެސްޖީގެ އިތުރުން މެންޗެސްޓާ ސިޓީ އިން ވެސް ޑި ޖޮންގް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކުރި ޓީމުތަކުގެ ތެރޭގައި ހިމެނޭއިރު މީޑިއާ ހަބަރުތައް ބުނާ ގޮތުން އޭނާ ބަދަލުވާނެކަމަށް އެންމެ ބޮޑަށް ބެލެވެނީ އާނެސްޓޯ ވަލްވާޑޭގެ ކޯޗުކަމުގައި ކުޅޭ ބާސެލޯނާ ކަމުގައިވެއެވެ.