Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ރިލްވާނާއި ޔާމީންގެ ވާހަކައިން ރައީސް އަށް ފުން އަސަރެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ އިތުރުން ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ހަނދާންތައް ރޭ އާކުރަމުން ދިޔަ ވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ފުން އަސަރުތަކެއް ކުރުވައިފިއެވެ.

ރައީސް ސޯލިހު އެ ހަނދާންތައް އާކުރެއްވީ ރާއްޖޭގެ ނޫސްވެރިކަމަށް އަލިމަސް ޔޫބީލް ފުރުމުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ރިލްވާނާއި ޔާމީންގެ ހަނދާންތައް އާކުރަން ފެއްޓެވުމަށްފަހު ކުރި ފުން އަސަރުން ރައީސް ސޯލިހު އިރުކޮޅަކަށް ވާހަކަ މެދުކަނޑައިލެއްވިއެވެ. އަދި އަލުން ވާހަކަފުޅު ފަށްޓަވަމުން ރައީސް ސޯލިހު ވަނީ ރިލްވާނާއި ޔާމީން ވަކިވުމަކީ ދިވެހި ނޫސްވެރިންގެ އާއިލާ އަށް ލިބުނު ބޮޑު ހިތާމަޔަކާއި ހިތްދަތި ކަމެއް ކަމަށް ވިދާޅުވެފައެވެ.

"އެއީ މި ސަރުކާރުން އަޅާނުލާ ދޫކޮށްލާނެ ދެ މައްސަލައެއް ނޫން"

ވަރަށް އަސަރާއެކު ރައީސް ސޯލިހު ވިދާޅުވިއެވެ.

ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފުރަތަމަ ދުވަހު މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނެއް ރައީސް ސޯލިހު އުފައްދަވާފައިވާއިރު ރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ އެ ކޮމިޝަނުގެ އެހީތެރިކަމާއެކު ރިލްވާނާއި ޔާމީންގެ މައްސަލައިގެ ހަގީގަތާއި ހަމައަށް ވާސިލުވެވޭނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ އިންސާނިއްޔަތު ކަމެއް ނެތި ހިންގާފައިވާ އެ ދެ ޖަރީމާގެ ހަގީގީ ކުށްވެރިން ހޯދާ، އެކަމުގެ ހަގީގަތް ހާމަކުރެވޭނެ ކަމަށް. އެ ކޮމިޝަނުން އެ މަސައްކަތް އަވަސްކޮށްދޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން"

ރައީސް ވިދާޅުވިއެވެ.

ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ރިލްވާން ފެނޭތޯ ރާއްޖޭގެ ހުރިހާ ރަށެއް ވެސް ފުލުހުން ބަލާފައިވެއެވެ. ރިލްވާންގެ މައްސަލައިގައި ބައެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް ކުށް ސާބިތުވެފައެއް ނުވެއެވެ.

ޔާމީން ރަޝީދު މަރާލާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ. ޔާމީން މަރާލާފައި އޮއްވައި ފެނުނީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރެއިންނެވެ.