Last Updated: November 26, 10:25
Tuesday, November 26, 2024
ކުޅިވަރު

ޑޯޓްމަންޑް އާއި ޕޯޓޯ މޮޅުވެ ގްރޫޕްގެ އެއްވަނަ މަގާމް ހޯދައިފި

މޮނާކޯ ކޮޅަށް ލަނޑުޖެހުމަށްފަހު ޑޯޓްމަންޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އާއި ޕޯޗުގަލްގެ އެފްސީ ޕޯޓޯ، އެ ދެ ޓީމު ހިމެނޭ ގްރޫޕްތަކުގެ އެއްވަނަ މަގާމް ހޯދައިފިއެވެ.

މޮނާކޯ އަތުން 2-0 އިން ޑޯޓްމަންޑް މޮޅުވިއިރު ތުރުކީގެ ގަލަތަސާރޭ އަތުން ޕޯޓޯ މޮޅުވީ 3-2 އިންނެވެ.

ރޭގެ މެޗުތަކަށްފަހު ގްރޫޕް އޭގެ އެންމެ ކުރީގައި އުޅޭ ޑޯޓްމަންޑް އަށް 13 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ޑޯޓްމަންޑް އަށް ކުރި ލިބެނީ ދެ ޓީމުގެ މެދުގައި ކުޅެވުނު މެޗުތަކުގެ ނަތީޖާއިންނެވެ. ތިންވަނައިގައި އޮތީ 6 ޕޮއިންޓާއެކު ބެލްޖިއަމްގެ ކްލަބް ބްރޫޖް އެވެ. އެންމެ ފުލުގައި އޮތް މޮނާކޯ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މޮނާކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ޑޯޓްމަންޑް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފުލްބެކް ރަފައެލް ގުރޭރޯ އެވެ. މިހާފު ނިމުނީ 1-0 އިން ޑޯޓްމަންޑް ކުރީގައިއޮވެގެންނެވެ.

ޑޯޓްމަންޑްގެ ފަހު ލަނޑު، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ވެސް ގުރޭރޯ އެވެ. މިއީ މި މުބާރާތުގައި އޭނާ ކުޅުނު ހަތަރު މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ގޯލެވެ.

މި ގްރޫޕުގައި ހިމެނޭ އެތުލެޓިކޯ ރޭ ކުޅުނު މެޗުގައި 0-0 އިން ބްރޫޖް އާ އެއްވަރުވުމުން އެ ޓީމަށް ވަނީ އެއްވަނަ މަގާމް ގެއްލިފައެވެ.

މިމުބާރާތުގެ ގްރޫޕް ޑީ ގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރަށުން ބޭރުގައި ގަލަތަސާރޭ އަތުން 3-2 އިން ޕޯޓޯ މޮޅުވިއިރު އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ފެލިޕޭ އާއި މޫސާ މަރީގާ އަދި ސާޖިއޯ އޮލިވޭރާ އެވެ. ގަލަތަސާރޭގެ ގޯލްތައް ކާމިޔާބުކޮށްދިނީ ސޮފިއާން ފެގޫލީ އާއި އެރެން ޑާޑިޔޮކް އެވެ. މި ގްރޫޕުގައި ހިމެނޭ ޖަރުމަންގެ ޝާލްކާ ވަނީ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު 1-0 އިން ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ އަތުން މޮޅުވެފައެވެ.

ރޭގެ ނަތީޖާއާއެކު، މި ގްރޫޕުގެ އެއްވަނަ ޕޯޓޯ އަށް ލިބުނީ ހަ މެޗުން 16 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ޝާލްކާ އަށް 11 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ގަލަތަސާރޭ އަށް ޔުރޮޕާ ލީގުން ފުރުޞަތު ލިބުނީ 4 ޕޮއިންޓާއެކުއެވެ. އެންމެ ފުލުގައި އޮތް ލޮކޮމޯޓިވް މޮސްކޯ އަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.