މިއަދު ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ވިއްސާވުމުގެ ސަބަބުން ހުވަދޫ އަތޮޅާއި އައްޑޫ އަތޮޅާއި ދެމެދަށް ވައިޓް އެލާޓް ނެރެފިއެވެ.
ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 10:30 އާއި ހަމައަށެވެ. އެހެން ނަމަވެސް މިއަދު ހަވީރު 18:00 އާއި ހަމަޔަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 7 މޭލާ 17 މޭލާއި ދެމެދުގެ ބާރު މިނެއްގައި އަދި އެހެން ހިސާބުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނެއްގައި އަދި ވިލާގަނޑުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއިބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.