ޔުއެފާ ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުގައި އަޒަރުބައިޖާނުގެ ގަރަބަގް ބަލިކޮށް އާސެނަލް މޮޅަކުން ނިންމާލިއިރު ގްރީސްގެ އޮލިމްޕިއާކޯސް އަތުން ބަލިވެ އިޓަލީގެ އޭސީ މިލާން މި މުބާރާތުން ކަޓައިފިއެވެ.
އާސެނަލްގެ ދަނޑުގައި ގަރަބަގް އަތުން 1-0 އިން އެ ޓީމު މޮޅުވިއިރު ރަށުން ބޭރުގައި އޮލިމްޕިއާކޯސް އަތުން މިލާން ބަލިވީ 3-1 އިންނެވެ.
ރޭގެ މެޗަށް ފަހު، އާސެނަލް ވަނީ މި ސީޒަނުގައި ބަލިނުވެ ވިދިވިދިގެން 22 މެޗު ހަމަކޮށްފައެވެ. މީގެއިތުރުން، ޔުރޮޕާ ލީގުގައި އެ ޓީމު ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުގައި ބައިކޮޅަށް ގޯލެއް ވަދެފައެއްނުވެއެވެ.
ރޭގެ ނަތީޖާއާއެކު، މި މުބާރާތުގެ ގްރޫޕް ސްޓޭޖު އާސެނަލުން ނިންމާލީ ހަ މެޗުން 16 ޕޮއިންޓް ހަމަކޮށް އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން ވަނީ ރޭ އަމިއްލަ ދަނޑުގައި 3-0 އިން ޔޫކްރެއިންގެ ވޯސްކްލާ އަތުން މޮޅުވެފައެވެ. ސްޕޯޓިން އަށް 13 ޕޮއިންޓް ލިބިފައިވާއިރު ވޯސްކްލާ އާ ގަރަބަގް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފައިދާ ގޯލްގެ ތަފާތުން ތިންވަނައިގައި އޮތީ ވޯސްކްލާ އެވެ.
އާސެނަލުން މި މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން ހަޑަސްފީލްޑް އަތުން 1-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މި މެޗުގައި ކުޅުމުގެ ފުރުޞަތު ދީފައިވަނީ ސޮކްރާޓިސް ޕަޕަސްޓަތޮޕޫލޮސް އާއި އަލެކްސެންޑާ ލަކަޒޭ އަށެވެ. އެ ޓީމުން މި މެޗަށް ނިކުތްއިރު ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާއަށް ފަހު ކެޕްޓަން ލޮރެން ކޮޝިއެލްނީ ކުޅުމަށް އެނބުރިއައުމެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު، 16 ވަނަ މިނެޓުގައި ޖަހައިދިނީ އަލެކްސެންޑަ ލަކަޒޭ އެވެ. މިއީ އެ ޓީމުގެ މެސުޓް އޮޒިލް ތަނަވަސްކުރި ފުރުޞަތަކުން ލަކަޒޭ ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން އާސެނަލް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގައި އާސެނަލްގެ ލީޑް ފުޅާ ކުރުމަށް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި 17 އަހަރުގެ ބުކާޔޯ ސާކާ އަށް ވަނީ ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ދެ ހަމަލާވެސް ގަރަބަގްގެ ގޯލްކީޕަރު ވެގްނާ މަތަކުރިއެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި ވަރުގަދަ މިލާން ވަނީ ގްރީސްގައި ކުޅެ އޮލިމްޕިއާކޯސް އަތުން 3-1 އިން ބަލިވެ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. އޮލިމްޕިއާކޯސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުން ކާމިޔާބުކުރި ހުރިހާ ލަނޑެއްވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން، ޕާޕޭ ސިސޭ އާއި މިލާންގެ ކްރިސްޓިއަން ޒަޕާޓާ އަތުން ބައިކޮޅަށް ވަން ގޯލަކުން އޮލިމްޕިއާކޯސް ދެލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ޒަޕާޓާ ވަނީ މިލާނަށް ފަރަގު ކުޑަކޮށްދީފައެވެ. އޮލިމްޕިއާކޯސް އަށް ލިބުނު ޕެނަލްޓީއަކުން ކޮންސްޓަންޓިނޯސް ފޯޗޫނީސް ވަނީ އެ ޓީމަށް އަލުން ލީޑް ފުޅާކޮށްދީފައެވެ.
މެޗުން އެއްލަނޑުގެ ފަރަގަކުން ބަލިވެގެން މި މުބާރާތުގެ ނޮކްއައުޓް ސްޓޭޖަށް ދެވެން އޮތް މިލާނަށް ލަނޑުޖެހުމަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދިޔައިރު އޮލިމްޕިއާކޯސްގެ ގޯލްކީޕަރު ހޯސޭ ސާ ވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ.
ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުގައި، ވީޑީ އާ ދެކޮޅަށް ރަށުން ބޭރުގައި ޗެލްސީ 2-2 އިން އެއްވަރުވިއިރު އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ވިލިއަން އާއި އޮލިވިއޭ ޖިރޫ އެވެ. ވީޑީގެ ދެ ލަނޑުގެ ތެރެއިން އެއް ގޯލަކީ ޗެލްސީގެ އީތަން އަމްޕަޑޫ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ޓީމުގެ އަނެއް ގޯލް ޖަހައިދިނީ ލޮއިކް ނޭގޯ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު، ނޮކްއައުޓް ބުރަށް ކޮލިފައިވީ ޓީމުތަކުގެ ތެރޭގައި ސްޕެއިނުގެ ސެވިއްޔާ އާއި ރެއާލް ބެޓިސް އަދި ވިޔާރެއާލް ހިމެނެއެވެ. މީގެއިތުރުން، ޖަރުމަނުގެ ބަޔާ ލެވަކޫސަން އާއި އެއިންތްރަކް ފްރެންކްފާޓް އާއި އެފްސީ ސަލްޒްބާގް އަދި ޒެނިތު ސެއިންޓް ޕީޓަސްބާގްގެ އިތުރުން ޑީނަމޯ ޒަގްރެބް ވެސް ވަނީ ގުރޫޕުގެ އެއްވަނައިގެ ގޮތުގައި ނޮކްއައުޓް ސްޓޭޖުން ޖާގަ ހޯދައިފައެވެ.