Last Updated: November 24, 23:51
Sunday, November 24, 2024
ރިޕޯޓް

މީހުން ފާޑުކިޔާނެއެވެ. ކެރިގެން ކުރިމަތިލާށެވެ!

މި އުއްމަތުގެ މާތް ނަބިއްޔާއަށް ވެސް ހިތުހުރި އެއްޗެހި ކިޔާ އުޅުނު މީހުން ތިއްބެވެ. ވީ އިރު އަހަރުމެން މިއީ އަދި ކޮންބައެއްތޯއެވެ؟ ހަނދާން ކުރާށެވެ. ޙަޔާތުގައި، ވަރަށް ގިނަ މީހުންގެ ހިތި ފާޑުކިއުންތައް އަޑުއިވޭނެއެވެ. ފުރައްސާރައިގެ ހޫނު ހަނގުރާމަތަކާ ކުރިމަތިވާނެއެވެ. ބަހުގެ ހަމަލާތަކުން ދިފާއުވުމަށް ދިއްކުރާނެ އައްޑަނައެއް ނޭނގިގެން އުޅޭ ވަގުތުވެސް އަންނާނެއެވެ.

ފަލަ ކަމުން އެތެއްވަރު އެބަވެޔޭ، ހިކިކަމުން ހީވަނީ އިލޮއްޓެއް ހެންނޭ، ހާދަ ކަޅޭ، ނުވަތަ ދޮންކަމުން ތި ހީވަނީ ހުދު ބަލިޖެހިފައި ހުރި މީހެއްހެން ނޫންހޭ ބުނާ އަޑު އިވޭނެއެވެ. ބައެއް ފަހަރު ހިތް މޯޅިވާތަން އަންނާނެއެވެ. އެންމެ ހީނުކުރާ މީހާ އެންމެ ބޮޑު ދުޝްމިނަށް ވާތަން ވެސް އާދެއެވެ.

ރަނގަޅަށް އުޅެންޏާ މީހުން ބުނާނީ އެހެރީ "މާ ދީންވެރި" ވެފައިކަމަށެވެ. ގުރޫޕް ކުދިންނާއި އެކީ ސިނގިރޭޓް ނުބޮއެފިއްޔާ ބުނާނީ "މަންމަ ދެކެ ހާދަ ބިރުގަންނަ" ކަމަށެވެ. ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާ ބުނާ ކަމެއް ނުކޮށްފިއްޔާ ބުނާނީ "ހެޕަނިންގ" ކުއްޖެއް ނޫންކަމަށެވެ. ގިނައިން ކިޔަވަންޏާ ބުނާނީ ކަތުރުފަންޏެއް ކަމަށެވެ. ހިތްވަރާއި އެކު ކަމެއް ފައްޓައިފިއްޔާ ބުނާނީ "ތި ކަންތައް ދާނީ ބޮޑު ނިގުލަށް" ކަމަށެވެ. އަނބިމީހާއަށް އެހީތެރިވެ ކަމެއް ކޮށްދީފިއްޔާ ބުނާނީ "އެހެރީ އަނބި ދަށުވެފައި" ކަމަށެވެ. ކޮންމެ ކަމެއްގައިވެސް ފާޑު ކިޔުން އަމާޒު ކުރާނެއެވެ.

މި ކަހަލަ ހުރިހާ ވަހަކަތަކެއްވެސް އެ ބުނަނީ ތިބާގެ ހިތް މަރާލައި، ލިބެމުންދާ ކާމިޔާބީތައް ހުއްޓުވުމަށްޓަކައިކަން ހަނދާން ކުރާށެވެ. ބިނާކުރާ، ކަންކަމަށް އަސަރު ފޯރުވާ، ވިދާ މީހެއް ކަމުގައި ތިބާ ވާނަމަ، ހިތި ފާޑުކިއުންތަކާ ކުރިމަތި ވާނެއެވެ. ބިމުގެ ހޮރަކަށް ވަދެ ފިލަންދެން ފާޑު ކިޔުން ނުހުއްޓުވޭނެއެވެ. ނުވަތަ ސިޑިއަކުން އުޑަށް އަރަންދެން، މިކަހަލަ ނުބައި ފާޑުކިއުންތައް ނުހުއްޓޭނެއެވެ. މީހުންގެ ތެރޭގައި އުޅެންޏާ، އަޑުއަހަން ބޭނުންނުވާ، ލޮލުން ކަރުނަ ގެނެސްދޭ، ހިތް ޒަޚަމްކޮށްލާ، ލޮލުން ނިދިފިލުވާލާފަދަ ބަސްތަކާއި، މަލާމާތް ލިބިގަންނަން ތައްޔާރުވެ އިންތިޒާރުގައި ހުންނާށެވެ. އެހެން ނޫނީ ފަޅު ޖަންގައްޔަކަށް ގޮސް އެކަނި އުޅޭށެވެ. އޭރުން މީހެއްގެ އަޑެއް ނީވޭނެއެވެ.

ހަނދާން ކުރަންވީ ކަމަކީ ބިންމަތީ އިށީނދެ ހުރި މީހަކު ބިންމައްޗަށް ނުވެއްޓޭނެ ކަމެވެ. އެއްވެސް މީހަކު، މަރުވެފައި އޮތް ކުއްތާއެއް ފަހައެއް ނުލާނެއެވެ. އެހެން މީހުން ތިބާދެކެ އެ އަންނަ ރުޅިއަކީ، ތިބާ އެ މީހުންނަށް ވުރެ ކުރީގައި އުޅޭތީ އަންނަ ރުޅިއެކެވެ. ތަޢުލީމީ ގޮތުންނާއި އަދަބުވެރިކަމުގެ ގޮތުން ކަމަށް ވެދާއެވެ. ފައިސާއާއި ދީންވެރިކަމުގެ ގޮތުން އެމީހުންނަށްވުރެ ކުރީގައި އުޅޭތީ ކަމަށް ވެސް ވެދާނެއެވެ.

ވީމާ ތިބާގެ ކިބައިގައި މި ބުނެވުނު ރަނގަޅު ސިފަތައް ހުރިހާ ހިނދަކު، ޙަސަދަވެރިންގެ ޙަސަދަ ނުފޮހެވޭނެއެވެ. އެމީހުން މޭކެރުން ނުހުއްޓުވޭނެއެވެ. ތިބާ މޮޔަ، ސޭކު، ޖާހިލު، ފަޤީރު، ހިތްމަރުވެފައިވާ ގޮތެއް ނެތް މީހަކަށް ވެއްޖެއުމަށް ދާންދެން، ތިބާދެކެ ޙަސަދަވެރިވާ މީހުން އުޅޭނެއެވެ. މިފަދަ މީހަކަށް ވާންދެން، އެ މީހުން ކުރިމަތީގައި ތިބާއަކީ ކުށްވެރިއެކެވެ. އެމީހުން ބޭނުންވާ ހިސާބަށް ތިބާ ތިރި ނުވަނީސް އެމީހުންނަށް ހަމަނިދި ނުލިބޭނެއެވެ.

ތިބާ އެމީހުންގެ މަލާމަތާއި، ނަން ހުތުރުކުރުމާއި، ފާޑުކިއުންތައް ކުރިމަތީ ސާބިތުވާށެވެ. ނުގުޑާށެވެ. އަޑުއިވޭ ކަމަށް ވެސް ނުހަދާށެވެ. އެމީހުން ދައްކާ ވާހަކަ އަޑުއަހާ، އެއަށް ރައްދު ދީ ހަދާނަމަ، އެ މީހުންގެ މަޤުޞަދު ކާމިޔާބުވީއެވެ. އެހެންވިޔަ ނުދޭށެވެ. މީހަކު އެއްޗެހި ކިއަސް، މަލާމާތް ކުރިއަސް، ތިބާގެ ތިހުރި އުފާވެރި މިޒާޖު ކިލަނބު ނުކުރާށެވެ. ރިވެތިވެގެންވާ މާފުކުރުމަކުން އެ މީހުންނަށް މާފުކުރާށެވެ. އެމީހުންގެ ރޭވުންތަކާއި މަކަރުތަކާ ހެދި، ހިތް ނުތަނަވަސްކަން މަތީ ނުހުންނާށެވެ. އެ މީހުންގެ އެ ތާކުންތާކު ނުޖެހޭ ފާޑުކިއުންތަކުގެ ތަރުޖަމާއަކީ ތިބާގެ މޮޅުކަމެވެ. ތިބާގެ ބުރަދަން އިތުރުވާ ވަރަކަށް، އެ މީހުން ފާޑުކިޔާ މިންވަރު ވެސް އިތުރުވާނެއެވެ.

މީހުންގެ އަނގަ ބަންދެއް ނުކުރެވޭނެއެވެ. ދުލުގައި ގޮށެއްވެސް ނުޖެހޭނެއެވެ. އެކަމަކު އެމީހުންގެ މަލާމާތްތަކަށް ބީރު ކަންފަތެއް ދީ، އެއާ އަޅާނުލީމާ، އެ ވަޅުލެވިދާނެއެވެ. އަދި ކީއްހެއްޔެވެ؟ ތިބާއަށް އެ މީހުންގެ އަނގައަށް ރެވި ވެސް އެޅިދާނެއެވެ. އެއީ ތިބާގެ ހެޔޮކަންތައް އިތުރުކޮށް، ރަނގަޅުކަންތައް ފުރިހަމަކޮށް، ކަތިކަންތައް ސިދާކޮށްގެންނެވެ.

އެންމެންގެ ކުރިމަތީގައި މަޤްބޫލު، ލޮބޮވެތި، މީހުން އައިބުނުކިޔާ، މީހަކަށް ވާން ތިބާ އެދިއްޖެނަމަ، ތި އެދެވުނީ މުސްތަޙީލަކަށެވެ. ޙާޞިލުވުން ދުރު އުއްމީދަކަށެވެ. އަބަދުވެސް ދަންނާށެވެ. މީހަކު އެއްޗެއް ނުކިޔާނެ ގޮތަކަށް ނޫޅެވޭނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. އެވެރިންގެ މިޒާޖު ބަދަލުވާނެ ދުވަހަކަށް ތިބާ އިންތިޒާރު ނުކުރާށެވެ. އެ ވާނީ ބޭކާރު ކަމަކަށެވެ. ތިބާ ކުރިޔަށް ދާށެވެ. ފަހަށް ނުބަލާށެވެ.