ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު މެންދުރު ފަހު 2:00ގައި ބޭއްވުމަށް ނިންމައިފިއެވެ.
މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ހިޔާނާތާއި މަރުތައް ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަންތަކަށް ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރަން ވަނީ އެޖެންޑާ ކޮށްފައެވެ.
މިއަހަރުގެ ތިން ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާގެ ގޮތުގައި ބާއްވާ އެ ޖަލްސާއަށް ހަތަރު ކަމެއް އެޖެންޑާކޮށްފައިވެއެވެ. އެއީ ކޮމެޓީތަކުން ހުށަހަޅާ ތިން ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމާއި މަޖިލީހަށް އަލަށް ބިލެއް ތައާރަފު ކުރުމެވެ.
ކޮމެޓީތަކުން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅުމަށް ހަމަޖެހިފައިވާ ރިޕޯޓުތަކަކީ ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ބަރ އެސޯސިއޭޝަން އުފައްދަން ހުށަހަޅާފައިވާ ގާނޫނީ ހިދުމަތުގެ ބިލާއި ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލުގެ ރިޕޯޓެވެ. މިއަދު ބާއްވާ އެ ޖަލްސާއަށް އެ ހުށަހެޅުންތައް އިއްވައި، ބަހުސް ކުރުމަށްފަހު ވޯޓަށް އަހާނެއެވެ.
ހިޔާނާތާއި މަރުތައް ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަންތަކަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ދިރާސާކޮށްފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީންނެވެ. ދިރާސާ ކުރި ކޮމެޓީން ވަނީ އެ ބިލުގެ ނަން ރިޔާސީ ކޮމިޝަންގެ ބިލުގެ ނަމަށް ބަދަލުކޮށްފައެވެ. އެ ކޮމިޝަނަށް ލިބިދޭ ބާރުތައް ވަނީ ހަނިކޮށްފައެވެ. އެގޮތުން އެ ކޮމިޝަނުން ހުށަހަޅާ މައްސަތައް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކި ޑިޕާޓްމަންޓަކުން ބެލުމާއި ވަކި މުއްދަތުތަކެއްގެ ތެރޭގައި ހުކުމް ކުރަންޖެހޭނެ ކަމަށް ބުނާ ބައިތަކާއި މީސްމީހުންގެ މުދަލާއި ތަކެތި ހިފެހެއްޓުމަށް ދީފައިވާ ބާރުތައް އެ ބިލުން ވަނީ އުނިކޮށްފައެވެ. އަދި ތަންތަން ބަލައި ފާސްކޮށް، މީހުން ހައްޔަރު ކުރުމުގެ ބާރު ވެސް އެ ބިލުން ވަނީ އުނިކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު މެންދުރުފަހު 2:00ގައި ބޭއްވުމަށް ނިންމާފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ ވެސް ހަމަ އެ ގަޑީގައެވެ.