Last Updated: November 24, 20:29
Sunday, November 24, 2024

(މެއި 21، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"އެންމެ ރަނގަޅު. އެކަމަކު މިކަން އެއް ދުވަހު ކޮށްފަ ހުއްޓާ ނުލާތި. މުޅި އުމުރަށް ވެސް މިކަން ދެމެހެއްޓޭތޯ އުޅެދޭތި." މިސިޒް ޕީޓަ ލޯތްބާ އެކު މީރާގެ ބުރަކަށީ ފިރުމާލި އެވެ.
އެ ފިރުމުމުގައި މައިވަންތަ ކަމުގެ ލޯބި އެކުލެވިގެން ވެ އެވެ. މީރާ އަށް ވެސް މިސިޒް ޕީޓާގެ މޭގައި ބޯ އަޅާލެވުނެވެ. ހިތް ފުރިގެން ލޮލުން ކަރުނަ އައީ ކީއްވެގެންކަން އޭނާ އަށް ނޭގުނެވެ.

މިސިޒް ޕީޓާ މީރާގެ ބޮލުގައި ފިރުމާލަމުން ލޯތްބާ އެކު ބުނެލި އެވެ. މީރާ އޭނާގެ މަންމަ ނުދެކެ އެވެ. އަދި މަންމަގެ ލޯތްބަކީ ކޮބައި ކަމެއް ނުވެސް އެނގެ އެވެ. ބައެއް ފަހަރު މިސިޒް ޕީޓާގެ ހަރަކާތްތަކުން މަންމާއޭ ކިޔާފައި ގޮވާލާނަމޭ އޭނާގެ ހިތަށް އަރަ އެވެ.
މީރާ ވަރަށް ފާޑުވެރިކަމާ އެކު މުރާދުގެ ހެދުން ތައްޔާރު ކުރި އެވެ. ވަރަށް ރީތި މަޑު ޗޮކްލެޓް ކުލައިގެ ރޮނގު ދެމި ގަމީހަކާއި ހަމަ އެ ކުލައިގެ ފަޓުލޫނެެކެވެ. އަދި ހަމަ އެ ކުލައިގެ ބެލްޓެކެވެ. އަދި ހަމަ އެ ކުލައިގެ ރުމާލެކެވެ. އަދި ވަރަށް ރީތި ޓައިއެއް ވެސް ގަމީސް ކައިރީ ބާއްވާލި އެވެ.

މިސިޒް ޕީޓާ ހައިރާންކަމާ އެކު އެ މަންޒަރު ބަލަން ހުއްޓެވެ. ތެދެކެވެ. އަހަރެންގެ މުސްކުޅި ސިކުނޑިއަކަށް މިކަހަލަ ކަންތަކެއް ނުވިސްނޭނެ އެވެ.

އާދައިގެ މަތިން ފެންވަރާލައިގެން ނަގަން ވާ ހެދުން ދައްކާލަން މުރާދު ހެދުން ބަހަށްޓާފައި ހުންނަ ކޮޓަރިއަށް ވަނެވެ. އަދި ހައިރާންވެގެން ހުއްޓުން އަރާފައި އެނދުމަތީގަ އޮތް ހެދުމަށް ބަލަހަށްޓައިގެން މުރާދު ހުއްޓެވެ. މިސިޒް ޕީޓާ އާއި މީރާ ދުރުގައި މި މަންޒަރު ބަލަން ތިއްބެވެ.

މުރާދު ގަމީސް ނަގާ ލާން ފެށި އެވެ. އާދަޔާޙިލާފު މީރު ވަހެއް މުރާދު އަށް އެ ގަމީހުން ދުވި އެވެ. ހަގީގަތުގައ އެ ގަމީހަކީ މިއަދު އޭނާ ވެސް ލާން ނިންމާފަވާ ގަމީހެވެ. ތުނބުން ރާގެއް ފުމެމުން މުރާދު ތައްޔާރު ވެލި އެވެ. އޭރު މިސިޒް ޕީޓާ އާ އެކު މީރާ ހެނދުނުގެ ނާސްތާ ތައްޔާރު ކުރި އެވެ.

މީރާގެ ކޮންމެ ކަމެއްގައި ވަރަށް ފާޑުވެރިކަންވެ އެވެ. ހީވާ ގޮތުން އެކަންތައްތަކަކީ މީރާ ކޮށް ފަރިތަ ކަންތަކެވެ. ހަގީގަތުގައި މިސިޒް ޕީޓާ މިހާރު ގިނަ ކަންތަކަށް ފަރިތަ ކުރަނީ ވެސް މީރާ ކައިރިންނެވެ. މިޒިސް ޕީޓާ ހިތަށް އެރި ގޮތަށް މީރާ މިވީ މިގެ އަށް ރަނގަޅު ފާލަކަށެވެ.

މުރާދު ކާ ގެއަށް އައި އިރު މީރާ ބިސް ގަނޑެއް އަޅަނީ އެވެ. މަޑު ނޫކުލައިގެ ހެދުމުގެ މަތިން ފަށުވި ދޯޕައްޓާއެއް އަޅާލާފައި އޮތެވެ. އަދި ދޯޕައްޓާގެ އެއް ފަރާތުން އުނަގަނޑުގައި އައްސާލާފައި އޮތެވެ. ކާ ގޭތެރޭއިން ބުނަން ނޭގޭހާ މީރު ވަސް ދުވަ އެވެ.

"ކަމަނާ ރަނގަޅު ހެނދުނެއް." މުރާދު އިރުކޮޅަކު ހުރެލާފައި ބުނެލި އެވެ. އެވަގުތު ސިއްސައިގެން ގޮސް މީރާ ހިފަހައްޓައިގެން ހުރި ތަވާ ބަންޑުންވެ އޭނާގެ އަތް ހޫނު ތަވާގައި ޖެހުނެވެ. އަދި މީރާ އަށް ވޭނީ ހަޅޭކެއްގެ އަޑު ނިކުތެވެ.

"އަސްތާ ކަމަނާގެ އަތް. ދައްކަބަލަ ވަރަށް ބޮޑަށް ފިހުނުތަ؟" މުރާދު ވަގުތުން ކައިރިއަށް ޖެހިލާފައި މީރާގެ އަތްތިލާގައި ހިފަހައްޓާލި އެެވެ. މީރާ ކަޅި ވެސް ޖަހާ ނުލައި ކުރިމަތީ މިހިރަ ރީތި އިންސާނާ އަށް ބަލަން ހުއްޓެވެ.

"މިސިޒް ޕީޓާ ދޭ ފަސްޓް އެއިޑް ފޮށި ހިފައިންގެން އަންނަން." ދުރުގައި ބަލަން ހުރި މިސިޒް ޕީޓާ އަށް ބަލާލަމުން މުރާދު ބުނެލި އެވެ. އެވަގުތު އޭނާ ފަސްޓް އެއިޑް ފޮށި ގެނެސް ދިނެވެ.

މުރާދު އޭގައިވާ ކްރީމް ޓިޔުބަކުން މީރާގެ ފިހިފައިވާ އަތުގައި މަޑުމަޑުން ހާކަދޭން ފެށި އެވެ. އެވަގުތު މީރާގެ ހިތަށް އެރި އެވެ.
މުރާދު އެވެ. ކަލާ އަށް ތިޔަ ފެންނަނީ ހަމައެކަނި އަތުގެ އިނގިލިތައް އަނދާފައިވާ ތަނެވެ. އަހަރެންގެ ހިތް ކަލާ ބަލާބަލާށެވެ. ފިހި އަނދާ ފަވަނީ ތިޔައަ ށްވުރެ މާ ބޮޑަށެވެ.

"އެއްޗެކޭ ބުނިންތަ؟" މުރާދު މީރާ އެއްޗެކޭ ބުނިހެން ހީވެގެން އަހާލި އެވެ.

"ނޫން…ނުބުނަން.." އަތް ދަމާލަމުން މީރާ ބުނެލި އެވެ.

"މިއަދު ދަރިފުޅުގެ ހެދުން ތައްޔާރުކޮށް ދިނީ މިމޭމް ސާހިބާ. ކަމުދިޔަ ދޮގެއްތޯ؟" މިސިޒް ޕީޓަާ މުރާދު މޭޒު ކައިރިއަށް އައިސް އިށީނުމާ އެކު ތަށްޓަށް ސައި އަޅަމުން ބުނެލި އެވެ.

"އެހެންތަ؟ ވަރަށް ބޮޑަށް ޝުކުރިއްޔާ." މީރާ އާ ދިމާއަށް ބަލާލަމުން މުރާދު ބުނެލި އެވެ.

"އެކަމަކު ކުރީގަ ބުނެފަ އޮތީ އެކުވެރިންގެ މެދުގައި އެއްވެސް ވަރަކަށް ޝުކުރު އަދާ ކުރުމެއް ނޯންނާނެއޭ. ވީ އިރު މިހާރު އެކަން ބާތިލު ވީތަ؟" ބިސްގަނޑު އަޅާފައި ހުރި ތަށި މުރާދު އާ ކައިރިކޮށްލާފައި ނާސްތާ ކުރަން މީރާ ވެސް އިށީނދެއްޖެ އެވެ.

"ތެދެއް. ހަނދާން ނެތުނީ. ދެން ފަހަރަކުން ނޫނީ ނުވާނެެ." މުރާދު ގެ މި ޖުމްލަ އާ މެދު ދެ މީހުން ވެސް ހޭންފެށި އެވެ.

"ކޮބާ ކްލާހަށް ދާން ރެޑީތަ؟" މުރާދު އަހާލިއެ ވެ.

"އާނ. ދަބަސް ހިފައިގެން މި އަންނަނީ." މީރާ މިހެން ބުނަމުން ކޮޓަރި އާ ދިމާއަށް ދުއްވައިގަތެވެ.

މުރާދު ގަރާޖުން އޭނާ އަލަށް ގަން ކުޑަ ކާރު ނެރުނެވެ. އަދި މީރާގެ އިންތިޒާރުގައި ބޭރުގައި އޮތެވެ.

މީރާ ދޯޕައްޓާ ރަނގަޅު ކުރަމުން ދަބަސް އެއް ކޮނޑުގައި އަޅުވަމުން ދުވަމުން ކަހަލަ ގޮތަކަށް އަ އެވެ. އެއީ މީރާގެ އާދަ އެވެ. ކޮންމެ ކަމެއްގައި ވެސް އުޅޭނީ މާ އަވަސް އަރުވައިގެން ތެޅިގެނެވެ. މީރާ އަށްޓަކައި މުރާދު ކްރީ ސީޓްގެ ދޮރު ހުޅުވާލަ ދިނެވެ. މީރާ ހެދުން ރަނގަޅު ކުރަމުން އިށީނދެ ހަމަޖެހިލި އެެވެ.

"މިއަދު އަޅުގަނޑު ނިމޭނީ ތަންކޮޅެއް ފަހުން. އަޅުގަނޑު ބަހުގަ ވެސް ގެއަށް އައިސް ދާނަން."މީރާ ބޭރުގެ މާހައުލަށް ނަޒަރު ހުއްޓާލަމުން ބުނެލި އެވެ.

"ކަމަނާ…ކަމަނާ ބަލާ ދިޔުން އަޅުގަނޑަށް މާ ބޮޑު މައްސަލައެއް ނޫން. ނިމޭ ގަޑިއަށް އަޅުގަނޑު އަންނާނަން. އެންމެ ރަނގަޅުތަ؟"
މުރާދު މިހެން ބުނުމުން މީރާ ހިނިތުންވެފައި ބޯޖަ ހާލިއެވެ. ތިޔައީ އަހަރެން ވެސް އެންމެ އެދޭ ގޮތޭ ބުނާ ކަހަލަ ގޮތަކަށެވެ.

މީރާ ކްލާހަށް ލުމަށްފަހު މުރާދު ދިޔައީ އޭނާގެ ކުލާހަށެވެ. ދިޔަ މަގުމަތީ ވެސް މުރާދު މީރާ އާ މެދު ވިސްނި އެވެ. މީރާ އާ ދިމާވި ފަހުން މިހާރު އޭނާ އަށް ނާހިދާގެ ހަނދާންތަކުން ލިބެމުން ދިޔަ ވޭން ކުޑަވި އެވެ. އަދި މިހާރު ވަރަށް ގިނަ ވަގުތު މީރާގެ ހަނދާންތަށް އޭނާގެ ވަށައިގެން ވެ އެވެ.
ކްލާހުގައި އިންދާ މުރާދަށް މީރާގެ މެސެޖް ލިބުނެވެ. ނިމޭ ގަޑި ބުނެފަ އެވެ. މުރާދު ވެސް ޖަވާބު ފޮނުވާލުމަށް ފަހު އޭނާގެ ފިލާވަޅުތަކާއިގެން އެނބުރިލި އެވެ.

މުރާދު މީރާ ބަލާ ދިޔަ އިރު މީރާ ހުރީ ފޮތްތައް ހިފައިގެން ބޭރަށް ނިކުމެ އެވެ.

ކުޑަކޮށް ހިމަފޮދު ވާރޭ ވެހެމުން ދިޔަ އެވެ. އެހެނަސް މީރާ ހުރީ ކުޑަކޮށް ނިވާވާ ހިސާބުގަ އެވެ. މުރާދު ފެނުމާ އެކު މީރާގެ ލޯ އުފަލުން ވިދައިގަތެވެ. އަދި ހިނިތުން ވެލާފައި ކާރު ކައިރި އަށް ދިޔަ އެވެ.

"ވަރަށް ގިނަ އިރުވިތަ ބޭރުގަ؟" މުރާދު މީރާ އިށީނުމުން ކާރު ދުއްވާލަމުން ބުނެލި އެވެ.

"ނޫނޭ. ހަމަ ދެންމެ މި ނިކުތީ."

ދެން ދެ މީހުން ވެސް ވަރަށް ހިމޭންކަމާއެކު ކާރުގައި ތިއްބެވެ. އެކަކު އަނެކަކަށް ބުނާނެ ވާހަަކައެއް ނޫނީ ފަށާނެ ގޮތެއް ނެތީކަން ނޭނގެ އެވެ. އެ އޮތް ފަދަ ބޮޑު ތަކުރުފާނު ވާހަކަ ވެސް އެއޮތީ އެވެ. އެކަމަކު ވެސް އެ ދެ މީހުން ތިބީ ހަނު ހިމޭންކަމުގެ ހަޅުތާލެއްގަ އެެވެ. އެކަމަކު ވެސް ދެ މީހުން ދެމީހުންނަށް ބަލާލާފައި ހީލަ އެވެ.

(ނުނިމޭ)