ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުޓްބޯޅަ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް ގުޅިގެން ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރާ ގަދަ ހަ ކުޅުންތެރިންގެ ތެރޭގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ އައްޑޫ ސިޓީގެ ފޭދޫ އަށް ނިސްބަތްވާ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ހިމެނިއްޖެއެވެ.
މި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ހަ ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ، އިއްބެ އާއެކު ޓީސީ އަށް ކުޅޭ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް ވަހީދު ހަސަން ގެ އިތުރުން ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) އާއި ކްލަބް އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އަދި މާޒިޔާގެ ނާއިޒް ހަސަން (ދާދު) އެވެ.
ޓީސީ އަށް ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޝީލްޑް ކާމިޔާބުކޮށްދިނުމުގެ އިތުރުން ދިވެހި ގައުމީ ޓީމުން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު ފޭދޫ އިއްބެ ވަނީ ރަނގަޅު ކުޅުމެއް ދައްކައި، މުހިއްމު ލަނޑުތަކެއް ކާމިޔާބުކޮށްދީފައެވެ. ފާއިތުވެދިޔަ ދެ ސީޒަނަށް ބެލިޔަސް އިއްބެ އަކީ އެއް ފެންވަރެއްގައި ކުޅުނު މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްކަން ޔަޤީނެވެ.
އެގޮތުން، އިއްބެ ވަނީ މި ސީޒަނުގައި ޓީސީ އަށް ޖުމްލަ 16 ގޯލް ކާމިޔާބުކޮށް އިތުރު ލަނޑުތައް ޖެހުމަށް އެހީތެރިވެދީފައެވެ. މީގެއިތުރުން، އޭނާ ވަނީ ސާފް ސުޒުކީ ކަޕްގެ ފައިނަލް މެޗުގައި ދިވެހި ގައުމީ ޓީމުން އިންޑިޔާ ކޮޅަށް ވައްދާލި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ގޯލް ކާމިޔާބުކޮށްދީފައެވެ.
އިއްބެ އާއެކު ޓީސީގެ ފޯވާޑްލައިންގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ދަގަނޑޭ ވަނީ މި ސީޒަންގައި ޖުމްލަ 42 ލަނޑު ޖަހައި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓް ކަށަވަރުކޮށްފައެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ދިނުމަށް ހަމަޖެހިފައިވާ މި އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ހަތަރު ކޯޗުންނަކީ މާޒިޔާގެ އިސްމާއިލް މަހެފޫޒް (އިންމަ) އާއި ޓީސީގެ މުހައްމަދު ނިޒާމް (ނިޒާމްބެ) އަދި ކްލަބު އީގަލްސްގެ މުހައްމަދު ޝިޔާޒް (މޯހަން) ގެ އިތުރުން ނިއު ރޭޑިއަންޓަށް ކޯޗު ކޮށްދިން އޮސްކާ ބްރުޒޮން އެވެ.
މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓުގެ އިތުރުން ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ މޮޅު ކޯޗު އަދި އެންމެ އުންމީދީ ޒުވާން ކުޅުންތެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ރީތި ގޯލަށް ދޭ (ޖޫލޭ އެވޯޑް)ގެ އިތުރުން ފޭން އެވޯޑް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މި އަހަރު މުޅީން އަލަށް އަންހެން ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ދެ އެވޯޑެއް ދިނުމުގެ އިތުރުން އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އާއި އެންމެ މޮޅު ގޯލުކީޕަރު ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ވޯޓް ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ޑިވިޝަނުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ ކޯޗުންގެ އިތުރުން ބައެއް ކުޅިވަރު ނޫސްވެރިންނެވެ.