އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގެ ފަހު ހާފުގައި ކުޅެން ނިކުމެ ޒެރްދާން ޝަކީރީ ކާމިޔާބުކުރި ދެލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ލިވަޕޫލް އަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން ލިވަޕޫލް މޮޅުވީ 3-1 އިންނެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓުގައި އެ ޓީމުން ލަނޑެއްޖެހުމާއި ގާތަށް ޖެހިލިއިރު ރޮބާޓޯ ފިރްމީނޯ ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކުޅުންތެރިން ވަނީ ދިފާއުކޮށްފައެވެ. އޭގެ މިނެޓެއްފަހުން، ޔުނައިޓެޑަށް ލިބުނު ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް ރޮމެލޫ ލުކާކޫ ގޯލްގެ ތެރެއަށް ވައްދާލި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.
މެޗު ފެށިގެން ގިނަވަގުތު ބޯޅަ ގެންގުޅެ ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފައްދާ ގޯލަށް އަމާޒުކޮށް ގިނަ ބޯޅަތަކެއް ފޮނުވާލައިފައިވާއިރު، މެޗުގެ 24 ވަނަ މިނެޓުގައި ކުރީން ލީޑް ނެގީވެސް އެ ޓީމުންނެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ ސަޑިއޯ މާނޭ އެވެ. މިއީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.
ފުރަތަމަ ހާފު ނިމުމުގެކުރީން ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ޖެސޭ ލިންގާޑް އެވެ. މިއީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލިންގާޑް ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ލިވަޕޫލަށް އަލުން ލީޑް ނަގައިދިނުމަށް ފިރްމީނޯ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އޭނާ ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއެވެ. އޭގެފަހުން، ލިވަޕޫލްގެ ޖޯޖީނިއޯ ވައިނަލްޑަމް އާއި ފަބީނިއޯ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވެސް ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާ އެވެ.
އޭގެ ކުޑައިރުކޮޅެއްފަހުން، 73 ވަނަ މިނެޓުގައި ސްވިޒަލޭންޑްގެ ހުނަރުވެރި ވިންގާ ޝަކީރީ ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްލާފައެވެ. މި ހާފުގައި ކުޅެން ނިކުތް ޝަކީރީ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ޔުނައިޓެޑްގެ އޭޝްލީ ޔަންގް ގެ ގައިގަ ޖެހިފައެވެ.
އޭގެ ހަތް މިނެޓުފަހުން، ޝަކީރީ ވަނީ އިތުރު ލަނޑެއްޖަހައި މި މެޗުން ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. ޕެނަލްޓީއޭރިޔާ ބޭރުން ޝަކީރީ ފޮނުވާލި ބޯޅަ ގޮސް ގޯލްގެތެރެއަށް ވަނީ ޔުނައިޓެޑްގެ ޑިފެންޑަރު އެރިކް ބާއީގެ ގައިގަ ޖެހިފައެވެ.
މިނަތީޖާއާއެކު ލިވަޕޫލަށް އެއްވަނަ ލިބުނީ 17 މެޗުން 45 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 44 ޕޮއިންޓް ލިބިފައިވާއިރު އޭގެ ފަސް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ. ހަތަރުވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 37 ޕޮއިންޓެވެ. ޔުނައިޓެޑް އޮތީ 26 ޕޮއިންޓާއެކު ހަވަނައިގައެވެ.
ލީގުގައި ލިވަޕޫލް ދެން ކުޅޭ މެޗުގައި މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ނިކުންނާނީ ވުލްވަހެމްޕްޓަން ވޮންޑަރާސް އާ ދެކޮޅަށެވެ. މި މުބާރާތުގައި ޔުނައިޓެޑް ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނިކުންނާނީ ކާޑިފް ސިޓީ އާ ދެކޮޅަށެވެ.