މެޗުގެ ފަހު ވަގުތު ޕޮލެންޑްގެ ފޯވާޑް އާކަޑިއުޝް މިލިކް ހިލޭޖެހުމަކުން ވައްދާލި ހިތްގައިމު ލަނޑާއެކު އިޓާލިއަން ސެރިއޭގައި ރޭ ކަލިއާރީ އަތުން 1-0 އިން މޮޅުވެ ނަޕޯލީ އިން ތާވަލްގެ އެންމެ ކުރީގައި އުޅޭ ޔުވެންޓަސް އާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ޓޮރީނޯ އަތުން ހޯދީ މޮޅާއެކު ޔުވެންޓަސް އެއްވަނައިގައި އޮތީ 16 މެޗުން 46 ޕޮއިންޓާއެކު 11 ޕޮއިންޓްގެ ފަރަގާ އެކު އެވެ. ރޭގެ މޮޅާއެކު ނަޕޯލީ އިން ވަނީ އެ ފަރަގު 8 ޕޮއިންޓަށް އަލުން ކުޑަކޮށްފައެވެ. ނަޕޯލީ ދެވަނައިގައި އޮތީ 16 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުން ބަލިވި ކަލިއާރީ އޮތީ 17 ޕޮއިންޓާއެކު 13 ވަނައިގައެވެ.
ރޭގެ މެޗަށް ނަޕޯލީ ނިކުތްއިރު ކޯޗު ކާލޯ އަންޗެލޯޓީ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ހަ ބަދަލެއް ގެނެސްފައެވެ. އެގޮތުން، ރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި އެ ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ މަރެކް ހަމްސިކް އާއި ޑްރީސް މާޓެންސްގެ އިތުރުން ލޮރެންޒޯ އިންސީނޭ އަދި ރައުލް އަލްބިއޯލް ހިމަނާފައެއްނުވެއެވެ.
ކަލިއާރީގެ ސަރްޑޭނާ އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން މާ ގިނަ ހަމަލާތަކެއް އުފައްދާފައެއްނުވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މި ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ނަޕޯލީ އިން ވަނީ ވަރަށް ގާތްގާތުގައި ލަނޑުޖަހާނެ ދެ ފުރުޞަތު ތަނަވަސްކޮށްފައެވެ. އެ ޓީމުގެ ފަބިއަން ރުއިޒް އާއި މިލިކް ފޮނުވާލި ދެ ހަމަލާވެސް ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އޭގެފަހުން، ނަޕޯލީގެ މިލިކް އަށް ވަނީ ލަނޑުޖެހުމަށް އިތުރު ތިން ފުރުޞަތުލިބި ބޭކާރުވެފައެވެ. އެގޮތުން، އޭނާ ފޮނުވާލި ދެ ހަމަލާއެއް ޓޮރީނޯގެ ގޯލްކީޕަރު އަލޭސިއޯ ކްރޭނޯ މަތަކުރިއިރު މިލިކް ފަހުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
ދެ ޓީމަށް ލަނޑެއްނުޖެހި މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، ނަޕޯލީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، މެޗުގެ އިތުރުވަގުތުގެ ގޮތުގައި ދެއްކި ހަތް މިނެޓުގެތެރެއިން ފުރަތަމަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ މިލިކް އެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 8 ވަނަ ގޯލެވެ.
މި މެޗުން ހޯދީ މޮޅާއެކު ނަޕޯލީ ވެފައިވަނީ ރޮލާންޑޯ މާރާންގެ އިރުޝާދުގެ ދަށުން ކުޅޭ ކަލިއާރީގެ ދަނޑުގައި ލީގުގައި އެ ޓީމު ބަލިކުރި ފުރަތަމަ ޓީމަށެވެ.
ލީގުގައި ރޭ ކުޅުނު ފަހު މެޗުގައި ރޯމާ ވަނީ ފަހަތުންއަރައި 3-2 އިން ޖެނޯއާ އަތުން މޮޅުވެފައެވެ. މި މެޗުގައި ރޯމާގެ ލަނޑުތައް ޖަހައިދިނީ ފެޑެރީކޯ ފަޒިއޯ އާއި ޖަސްޓިން ކްލައިވަޓް އަދި ބްރަޔަން ކްރިސްޓަންޓޭ އެވެ. ޖެނޯއާ އިން ކާމިޔާބުކުރި ދެ ގޯލް ޖަހައިދިނީ ކްރިސްޓޯފް ޕިއާޓެކް އާއި އޮސްކާ ހިލެމާކް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ފްރޮސިނޯނޭ އަތުން ރަށުން ބޭރުގައި ސަސުއޮލޯ 2-0 އިން މޮޅުވިއިރު ޕާމާ އަތުން އަމިއްލަ ދަނޑުގައި ސަމްޕްޑޯރިއާ މޮޅުވީވެސް ހަމަ މިނަތީޖާއިންނެވެ. ސްޕަލް އާ ކިއޭވޯ ވެރޯނާ ބައްދަލުކުރި މެޗު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވިއިރު ފިއޮރެންޓީނާ ވަނީ 3-1 އިން އެމްޕޯލީ އަތުން މޮޅުވެފައެވެ.